ދިވެހި ސިނަމާ

"ވަކިން ލޯބިން" ކުޅުދުއްފުއްޓަށް، މާދަމާ އައްޑުއަށް

ޑާކްރެއިން އެންޓަޓެއިންމަންޓުގެ މި އަހަރުގެ ފުރަތަމަ ފިލްމު "ވަކިން ލޯބިން" މިހާރު ވަނީ ސިނަމާގައި ދައްކަން ފަށާފަ އެވެ.

ވަކިން ލޯބިން ރޭ ވަނީ ކުޅުދުއްފުށީގައި ވެސް ޕްރިމިއާ ކޮށްފަ އެވެ. ޕްރިމިއާއަށް ފިލްމުގެ ލީޑުން ފެނިގެންދާ ދެ ތަރިން ކަމަށްވާ ޖުމަޔިލް ނިމާލް އާއި މަރިޔަމް މަޖުދާ އަދި ފިލްމުގެ ޑައިރެކްޓާ އަލީ ޝިފާއު (ޗިއްޕެ) ވެސް ދިޔަ އެވެ. މާދަމާ ރޭ އައްޑޫގައި ވެސް ފިލްމު ޕްރިމިއާކުރާނެ އެވެ. އައްޑޫ ޕްރިމިއާއަށް ވެސް ޖުމައްޔިލް އަދި މަޖުދާ ދާނެ އެވެ.

މި ފިލްމު މިރޭ ޑަބްލިއު މޯލްޑިވްސް ރިސޯޓުގައި ދައްކާއިރު، މި މަހު ނުވައެއްގައި މި ފިލްމު ފުވައްމުލަކުގައި ވެސް ދައްކާނެ އެވެ. މި މަހު ނުވައެއް އަދި 10 ގައި ހިންނަވަރާއި ނައިފަރުގައި ވެސް ފިލްމު ދެއްކުމަށް ވަނީ ހަމެޖެހިފައި އެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ އޮލިމްޕަހުގައި ފިލްމު އެޅުވި ފުރަތަމަ ރޭވެސް ފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ބެލުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު ކޮމެންޓްތައް ލިބެމުން އަންނަ ކަމަށެވެ. އާންމުންގެ ފަރާތުން ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ވަކިން ލޯބިން ޕްރިމިއާ ކުރުމަށް ރޭ ކުޅުދުއްފުށީގައި ބޭއްވި ހަފްލާގެ ތެރެއިން

ފެމެލީ ޑްރާމާ، މިި ފިލްމަކީ ޒުވާން ދެމަފިރިއެއްގެ ކައިވެނި، ވަރި ފަށަށް އެރުމުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގެ ވާހަކަ ބޮޑަށް ބިނާވެފައި އޮންނަނީ އާއިލީ މައްސަލަތަކެއްގެ މައްޗަށެވެ. މި ފިލްމުން މުޖުތަމައުއަށް ރަނގަޅު މެސެޖުތަކެއް ފޯރުކޮށްދެ އެވެ.

ފިލްމުގެ ލީޑުން ފެނިގެންދާނީ ޖުމައިލް އަދި މަޖުދާ މަޖޫ އެވެ. މި ދެ ތަރިންނާއެކު ހާއްސަ ރޯލަކުން ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް މި ފިލްމުގައި ފެނިގެންދެ އެވެ. މީގެ އިތުރުން ޗައިލްޑް އެކްޓަރުތަކެއްވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދެ އެވެ.

"ވަކިން ލޯބިން" ޑައިރެކްޓުކުރީ ޗިއްޕެ އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އައިޝަތު ފުއާދު ތައުފީގެވެ.