މުހައްމަދު ހުސައިން ޝަރީފު

ލަންކާގައި މުޒާހަރާ ކޮށްގެން ތަންފީޒު ކުރާނެ ހުކުމެއްނެތް: މުންދު

Mar 6, 2018
9

އިދިކޮޅު ފަރާތްތަކުން ސްރީލަންކާގައި މުޒާހަރާކޮށް އަޑު ގަދަ ކޮށްގެން ވާނެ ފައިދާއެއް ނޯންނާނެ ކަމަށާއި އެކޮޅުން ތަންފީޒު ކުރާނެ ހުކުމެއް ވެސް ނޯންނާނެ ކަމަށް ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފު، (މުންދު) ވިދާޅުވެއްޖެ އެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ ކުރިމަތީގައި އިދިކޮޅު ފަރާތްތަކުން ދަނީ މުޒާހަރާއެއް ކުރަމުންނެވެ. އަދި އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒުކޮށް ހައްޔަރުކޮށްފައިވާ ހުރިހާ ފަރާތްތައް ދޫކޮށްލައި، ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ވެސް ދަނީ ގޮވާލަމުންނެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މުންދު މިއަދު ވިދާޅުވީ، ލަންކާގައި މުޒާހަރާ ކުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި މިއަދު އިދިކޮޅުން ގޮވާލާ ގޮވުންތަކަކީ ލަންކާއާ ގުޅުންހުރި ކަންކަމެއް ނޫން ކަމަށެވެ. އެހެން ކަމުން އެކަމުން ވާނެ ފައިދާއެއް ވެސް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ، މުޒާހަރާގައި ބައިވެރިވެފައިވަނީ ވެސް މަދު ބައެއް ކަމަށެވެ.

މުންދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ގޮވަމުންދާ ގޮވުންތަކަށް މާބޮޑު ފަރުވާލެއްނެތް ކަމަށާއި ނަމަވެސް އެބޭފުޅުން މުޒާހަރާ ކުރަމުންދަނީ އެމްބަސީގެ މަސައްކަތްތަކަށް ދަތިވާ ގޮތަށް ކަމަށެވެ.

"މީގެ ކުރިންވެސް ގޮވެލިތަކެއް ގޮވައި މުޒާހަރާ ކޮށްފައިވޭ، މިއަދުވެސް އެދަނީ އާ ގޮވެލި ތަކެއް ގޮވަމުން، ނަމަވެސް ލަންކާއާ ގުޅުން ހުރި ކަމެއް ނޫން މިއީ، އެހެން ކަމުން މިކޮޅުގައި މުޒާހަރާކޮށްގެން ތަންފީޒު ކުރާނެ ހުކުމެއް ނޯންނާނެ،" މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ، މިކޮޅުން އެއްވެސް ހުކުމެއް ތަންފީޒު ނުކުރެވޭނެ ކަމަށާއި ފިއްލަވައިގެން އުޅުއްވާ ބޭފުޅުން އެއްބަސީއާ ހަވާލުވެ، ރާއްޖެއަށް ދުރުވެ އެބޭފުޅުންނަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.

މުންދު އިތުރަށް ވިދާޅުވީ، މުޒާހަރާ ކުރަމުންދަނީ މަދުބަޔަކު ކަމަށާއި ޕީޕީއެމުން ނުކުތް ނަމަ އެއަށްވުރެ ގިނަ ވާނެ ކަމަށެވެ. އަދި ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބުގައި ލަންކާއިން ޕީޕީއެމުން މެޖޯރިޓީ ވެސް ހޯދާނެ ކަމަށެވެ.