ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުން 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާނުވާކަން ޔަގީންވެފައިވާ ކަމަށާއި އެހެންވެ އެ މެންބަރުން މަޖިލީހަށް ވަނުމަށް އެއްވެސް ފަރާތަކަށް ހުރަސް ނޭޅޭނެ ކަމަށް މެންބަރުން ވިދާޅުވެއްޖެ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ވެއްދި ދުސްތޫރީ މައްސަލާގައި އެކެއް ފެބުރުއަރީ އަމުރުގައި އޮތް ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ހުކުމް ބާތިލްކުރި ބަޔާއި 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ އެ 12 މެންބަރުންނާއެކު މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އެންގި ބައި މިއަދު ވަނީ ސުޕްރީމް ކޯޓުން ބާތިލްކޮށްފަ އެވެ. އެހެންނަމަވެސް 12 މެންބަރުންގެ މައްސަލަތައް އެ ކޯޓަށް ވަކިން ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަތަކަކީ ނިހާއީ ހުކުމްތަކެއް އިއްވަންޖެހޭ ފަދަ މައްސަލަތަކެއް ކަމަށް ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ވިދާޅުވީ، 12 މެންބަރުން މަޖިލީހަށް ވަނުމަށް އެއްވެސް ހުރަހެއް ނެތްކަން މިއަދުގެ ހުކުމުން ސާފުވެއްޖެ ކަމަށެވެ. އެއްވެސް މެންބަރަކު ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައި ނެތް ކަމަށާއި އެގޮތަށް ކަނޑައެޅޭނެ ހަމައެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވެސް ވިދާޅުވީ، މިއަދުގެ ހުކުމުން ސާފުވީ އެ މެންބަރުންގެ ގޮނޑިއާމެދު އެއްވެސް ސުވާލެއް ނެތްކަން ކަމަށެވެ. މަޖިލީހަށް ވަނުމަށް 12 މެންބަރުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަން މެންބަރުން ބޭނުންވާ ކަމަށެވެ. އެ ފުރުސަތު ފަހިކޮށްދިނުމަށް ހުރިހާ މުއައްސަސާއަކަށް އަމީތު ގޮވާލެއްވި އެވެ.
ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ، މިއަދުގެ ހުކުމުން ވެސް އެނގުނީ ގޮނޑި ނުގެއްލޭކަން ކަމަށާއި އަންނަ ހަފުތާ މަޖިލީހުގެ މަސައްކަތްތައް އެ މެންބަރުން އަލުން ފަށަން ޖެހޭ ކަމަށެވެ. އެކަމަށް އެއްވެސް ހުރަހެއް މިހާރު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހަށް ވަނުމަށް އެއްވެސް ހުރަހެއް 12 މެންބަރުންނަށް މިހާރު ނެތް ކަމަށް މެންބަރުން ވިދާޅުވާއިރު މިއަދު ބާތިލްކުރި އަމުރަކީ އެ މެންބަރުން މަޖިލީހަށް ވައްދައި ޖަލްސާގައި ބައިވެރިކުރުމަށް އެކެއް ފެބުރުއަރީގެ އަމުރުގައި ބުނާ ބަޔެވެ.
މަޖިލީހުގެ 12 މެންބަރުންނާއެކު ޖަލްސާ ބޭއްވުމަށް އެންގި ބައި ބާތިލް ކުރަން މިއަދު ސުޕްރީމް ކޯޓުން ނިންމީ އެ މެންބަރުންގެ ގޮނޑިއާމެދު ހިޔާލު ތަފާތުވެ އެ މެންބަރުންގެ ގޮނޑިއާ ގުޅޭ މައްސަލަތައް ވެސް އެ ކޯޓަށް ހުށަހަޅާފައިވާތީ އެވެ. އެ މެންބަރުންގެ މައްސަލަތައް ކޯޓުގައި ހުއްޓާ އެކަމާ ގުޅޭ ގޮތުން މައުލަވީ ގޮތެއްގައި ބަހުސްނުކޮށް މެންބަރުންގެ ގޮނޑިއާމެދު ވަކި ގޮތެއް އަމުރަކުން ކަނޑަނޭޅޭނެ ކަމަށެވެ. އެއީ ސައްހަ އިޖުރާއާތެއް ނޫން ކަމަށެވެ.
މިއަދުގެ ހުކުމްގައި ބުނީ، މަޖިލީހުގެ ހަތަރު މެންބަރެއް އެ މެންބަރުންގެ ގޮނޑިއާމެދު ހިޔާލު ތަފާތުވެގެން މައްސަލަ ކޯޓަށް ހުށަހެޅުމުން އަޑުއެހުންތައް ބޭއްވުމަށްފަހު އެ މައްސަލާގައި ހުކުމެއް އިއްވުމުގެ ބަދަލުގައި އެ މައްސަލަތަކުގައި އިތުރު ގޮތެއް ނިންމަން ނުޖެހޭ ކަމަށް ބުނެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އެފަދަ މައްސަލަތަކުގައި ގޮތް ނިންމަން ޖެހޭ އުސޫލާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އަދި، އަނެއް އަށް މެންބަރުން ވެސް އެ މެންބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތައް ކޯޓުގައި ރަޖިސްޓްރީ ވެސް ކޮށްފައިވާ ކަމަށް ހުކުމްގައިވެ އެވެ.
ސުޕްރީމް ކޯޓުގެ މި ހުކުމުން އެނގިގެން ދަނީ އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން ނުވަތަ ފްލޯ ކްރޮސިންއާ ގުޅޭ ހުކުމާ ގުޅިގެން ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑިއާމެދު ސުވާލު އުފެދި އެ މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާ ހާލަތެއްގައި ވެސް އެކަމުގައި އެންމެ ފަހު ބަހެއް ބުނާނީ ސުޕްރީމް ކޯޓު ކަމެވެ. އަދި މެންބަރުންގެ ގޮނޑިއާމެދު ގޮތްތަކެއް ނިންމާނީ އެ މައްސަލަތަކުގައި މައުލަވީ ގޮތެއްގައި ބަހުސްކޮށް އެ މައްސަލަތަކުގައި ހުކުމްތައް ނެރެގެން ކަމެވެ.