ހަބަރު

ގޮނޑި މައްސަލާގައި ދާއިމީ ހައްލެއް ނުދޭނެ، ބޭނުމީ ފޯކަސް ގެއްލުވާލުން: އިބޫ

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ މައްސަލާގައި ދާއިމީ ހައްލެއް ދޭން ސުޕްރީމް ކޯޓަށް ނުކެރޭނެ ކަމަށާއި މިއަދުގެ ހުކުމުގެ ބޭނުމަކީ އިދިކޮޅުގެ ފޯކަސް ގެއްލުވާލުން ކަމަށް އިދިކޮޅު ޕާޓީތަކުގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ވެއްދި ދުސްތޫރީ މައްސަލާގައި އެކެއް ފެބުރުއަރީ އަމުރުގައި އޮތް ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ހުކުމް ބާތިލްކުރި ބަޔާއި 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ އެ 12 މެންބަރުންނާއެކު މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އެންގި ބައި މިއަދު ވަނީ ސުޕްރީމް ކޯޓުން ބާތިލްކޮށްފަ އެވެ. އެހެންނަމަވެސް 12 މެންބަރުންގެ މައްސަލަތައް އެ ކޯޓަށް ވަކިން ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަތަކަކީ ނިހާއީ ހުކުމްތަކެއް އިއްވަންޖެހޭ ފަދަ މައްސަލަތަކެއް ކަމަށް ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން މިއަދު އިދިކޮޅު ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބޭއްވުމަށްފަހު އިބޫ ވިދާޅުވީ، އެ މެންބަރުން ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމްގައި ކަނޑައަޅާފައި ނެތުމަކީ އެ މެންބަރުންގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ފުރުސަތު މިހާރުން މިހާރަށް ދޭން ޖެހޭނެ ކަމެއް ކަމަށެވެ.

"ސިފައިންނާއި ފުލުހުންނަށް މި އިލްތިމާސްކުރަނީ މި މެންބަރުންނަށް ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ފުރުސަތު ދޭށޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މި 12 މެންބަރުންނަށް ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ޣައިރު ގާނޫނީކޮށް އަޅާ ހުރަސް މިހާރުން މިހާރަށް ނައްތާލަން އެބަ ޖެހޭ، ނިމުމަކަށް ގެންނަންޖެހޭ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، މިއަދު ސުޕްރީމް ކޯޓުން ނެރުނު ހުކުމުގެ މައިގަނޑު އަސާސަކީ ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ ފޯކަސް ގެއްލުވާލުން ކަމަށެވެ. އެ ނޫން އެއްވެސް މަގުސަދެއް އެ ހުކުމުގައި ނެތް ކަމަށެވެ. މެންބަރުންގެ މައްސަލާގައި ދާއިމީ ނިންމުމެއް ނިންމަން ސުޕްރީމް ކޯޓަށް ނުކެރޭނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން ވެސް އަދި އެހެން ކޯޓުތައް ވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގަ، ސިޔާސީ ނުފޫޒެއްގެ ތެރޭގަ ތާށިވެފަ ތިބޭތަން، އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ސުޕްރީމް ކޯޓަށް ވެސް މި މައްސަލާގައި ދާއިމީ ހައްލެއް ގެންނަން ކެރޭނެ ކަމަކަށް،" އިބޫ ވިދާޅުވި އެވެ.

"މި ހުކުމް ކުރުމުގެ މައިގަނޑު އަސާސަކީ އަޅުގަނޑުމެންގެ ފޯކަސް ގެއްލުވާލުން، ހުކުމުގައި އިތުރު ވާހަކައެއް ނެތް ބުނެފައެއް، ހުކުމުގައި ބުނީ 12 މެންބަރުންގެ މައްސަލާގައި ތިމަންނަމެން އަދި ގޮތެއް ނުނިންމަމޭ، ގޮތެއް ނިންމަންދެން މި ގަބޫލު ކުރަނީ އެ 12 މެންބަރުންނަށް މަސްއޫލިއްޔަތު އަދާކުރެވެން ޖެހޭނެ ކަމަށް،" އިބޫ ވިދާޅުވި އެވެ.

ފޯކަސް ބަދަލުކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށާއި ދެ ޓްރެކް ނޫން ތިން ޓްރެކްގައި ވެސް އިދިކޮޅަށް މަސައްކަތް ކުރެވޭނެ ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ، 12 މެންބަރުންގެ މައްސަލާގައި ކުރަންޖެހޭ ކަންކަން ކުރަމުން ކެމްޕެއިން ކުރުމުގެ ގާބިލްކަން އިދިކޮޅުގައި އެބަހުރި ކަމަށެވެ.

އިބޫ ވިދާޅުވީ، މެންބަރެއްގެ ގޮނޑިއާމެދު ހިޔާލެއް އުފެދިއްޖެނަމަ އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންކަން މިއަދު ސާފުވެފައިވާ ކަމަށާއި އެކަމަކީ އިލެކްޝަން ކޮމިޝަން ގޮތް ނިންމޭނެ ކަމެއް ނޫންކަން ހާމަވެފައިވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވީ، 12 މެންބަރުންގެ މައްސަލައަށް އެއް އަހަރުވީއިރު ވެސް ގޮތެއް ނުނިންމުމަކީ ދެރަ ކަމެއް ކަމަށެވެ. މިހާތަނަށް އެއްވެސް ހުކުމަކުން މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެފައި ނެތުމަކީ އެ މެންބަރުންނަށް ގާނޫނީ މަަސްއޫލިއްޔަތު އަދާކުރުމަށް ޖާގަ ދޭން ޖެހޭ ކަމެއް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، މިއަދުގެ ހުކުމުން ސާފުވީ އެ މެންބަރުންގެ ގޮނޑިއާމެދު އެއްވެސް ސުވާލެއް ނެތްކަން ކަމަށެވެ. މަޖިލީހަށް ވަނުމަށް 12 މެންބަރުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަން މެންބަރުން ބޭނުންވާ ކަމަށެވެ. އެ ފުރުސަތު ފަހިކޮށްދިނުމަށް ހުރިހާ މުއައްސަސާއަކަށް އަމީތު ގޮވާލެއްވި އެވެ.