އިލެކްޝަން ކޮމިޝަން، އީސީއިން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 މެންބަރުން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ ބައްދަލު ކުރައްވައިފި އެވެ.
ރޭ 12 މެންބަރުންގެ ފަރާތުން އަށް މެންބަރަކު އިބޫއާ ބައްދަލު ކުރެއްވީ އެމްޑީޕީގެ އޮފީހުގަ އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން އަވަސްއަށް މައުލޫމާތު ދެއްވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، ކޯލިޝަންގެ ކެންޑިޑޭޓް އިބޫއަށް އެ 12 މެންބަރުން ވެސް ތާއިދު ކުރައްވާ ކަމަށެވެ. އަދި އެ މެންބަރުންގެ ހައްގުގަ އާއި ދާއިރާތަކުގެ ރައްޔިތުންގެ ހައްގުގައި އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާއި އިބޫ މީގެކުރިން ވެސް ގިނަ މަސައްކަތްތަކެއް ކޮށް ދެއްވާފައިވާތީ އެކަމަށް ރޭ ޝުކުރު އަދާކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެދުނިން މި ދާއިރާތަކުގެ ހައްގުގައި ކުރިއަށް އޮތްތާ ވެސް އިދިކޮޅު ޕާޓީތަކުން މަސައްކަތް ކޮށް ދިނުމަށް،" އަމީތު ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ، ޕާޓީތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަން ނުރޫޅި އޮތުމަކީ އެ މެންބަރުން ވެސް އަދި ރައްޔިތުން ވެސް އެދޭ ގޮތް ކަމަށާއި އެގޮތުގެ މަތިން މަސައްކަތްތައް ކުރެއްވުމަށް އިބޫގެ އަރިހުގައި އެދިފައިވާނެ ކަމަށެވެ. އިދިކޮޅު ޕާޓީތައް އެކުގައި ތިބެ އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
ބާރަ މެންބަރުންގެ ގޮނޑީގެ މައްސަލާގައި މިހާތަނަށް ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ. އެކެއް ފެބުރުއަރީގައި އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ނެރުނު އަމުރު ބާތިލުކުރަން ބަންޑާރަ ނައިބުގެ ފަރާތުން ވަނީ އެ ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދާފަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް ނިންމާލާފައިވާއިރު ދެން އޮންނާނީ ހުކުމެވެ.
އެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅީ، ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ހުކުމެއް ނެރުމުންނެވެ. އެ ހުކުމް ނެރުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިތުބާރު ނެތް މައްސަލާގައި އެ މެންބަރުން ސޮއި ކުރެއްވުމުން ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ވެއްދި މައްސަލައަކާ ގުޅިގެންނެވެ.