ހަބަރު

ގޮނޑި ނުގެއްލޭ ކަމަށް 1 ފެބުރުއަރީގެ އަމުރުގައި ހިމެނޭ ބައި ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅަށް ނިސްބަތްވާ 12 މެންބަރުންގެ ގޮނޑީގެ މައްސަލައިގައި ވަކި ގޮތެއް ނުނިންމާ، އެ މައްސަލާގައި އެކެއް ފެބުރުއަރީ އަމުރުގައި ހުރި ބައިތައް ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފި އެވެ. މި ހުކުމުން އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ފެބްރުއަރީ އެކެއް ގައި ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލުވީ އެވެ.

އެހެން ނަމަވެސް 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކަކީ ވަކިވަކިން ސުޕްރީމް ކޯޓްގެ ބެންޗުން ބަލައި މަޖިލިސް މެންބަރުންގެ ގޮނޑިތަކާ މެދު ގޮތެއް ނިންމަން ޖެހޭ ފަދަ މައްސަލަތަކެއް ކަމަށް ވެސް މިއަދުގެ ހުކުމުގައި ފަނޑިޔާރުން ފާހަގަ ކުރައްވާފައިވެ އެވެ. މިއަދު ހުކުމުގައި ބުނެފައި ވަނީ، މަޖިލިސް މެންބަރުންގެ ގޮނޑިތަކުގެ މައްސަލައިގައި ދުސްތޫރީ މައްސަލައެއް އުފެދިފައި އޮތް ކަމަށް ސުޕްރީމް ކޯޓުން ގަބޫލު ކުރާ ކަމަށެވެ. އެ ހުކުމް އިއްވެވީ ސުޕްރީމް ކޯޓުގެ އާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ވެއްދީ، އެކެއް ފެބުރުއަރީ އަމުރުގައި އޮތް ތިން ބައެއް ބާތިލްކުރުމަށެވެ. އެއީ ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ހުކުމް ބާތިލްކުރި ބަޔާއި 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ އެ 12 މެންބަރުންނާއެކު މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އެންގި ބަޔާއި ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަން ކުރުމުގެ ސުޕްރީމް ކޯޓުގެ ބަހެއް ހޯދުމުގެ ބަޔެވެ. އޭގެ ތެރެއިން ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރީ ފުރަތަމަ ދެ ބަޔެވެ. ފަހު ބައި ބާތިލެއް ނުކުރި އެވެ. މިހާރު ސުޕްރީމް ކޯޓުގެ އެކެއް ފެބުރުއަރީ އަމުރުގައި ބާތިލްނުކޮށް އޮތީ އެ ބައި އެކަންޏެވެ.

ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ހުކުމް ބާތިލްކުރި އަމުރު ބާތިލް ކުރި ސަބަބެއް ކަމަށް މިއަދުގެ ހުކުމްގައި ބުނީ، ފްލޯ ކްރޮސިންގެ އުސޫލު ނުވަތަ އިންތިހާބުވާ ޕާޓީ ދޫކޮށްލާ އެހެން ޕާޓިއަކަށް ބަދަލުވާ މެންބަރުންގެ ގޮނޑި ގެއްލޭ އުސޫލަކީ ރާއްޖޭގެ މަލްޓިޕާޓީ ނިޒާމް ހަރުދަނާކުރުމަށް މުހިންމު އުސޫލެއް ކަމަށް ވާތީ ކަމަށެވެ. އެ އުސޫލް ސުޕްރީމް ކޯޓުން ބާތިލްކުރަން އެކެއް ފެބުރުއަރީގައި އަމުރުކުރީ ހުކުމް ރިވިއު ކުރަންޖެހޭ އެއްވެސް ސަބަބެއް އޮވެގެން ނޫން ކަމަށާއި އެ ހުކުމް ބާތިލްކުރުމަށް އެއްވެސް ފަރާތަކުން ހުށަހަޅައިގެން ނޫން ކަމަށް ވެސް ހުކުމްގައި ފާހަގަކުރި އެވެ. އެހެންވެ، އެކެއް ފެބުރުއަރީގެ އަމުރުގެ އެ ބަޔަކީ ސައްހަ އުސޫލަކުން ކޮށްފައިވާ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުމްގައި ކަނޑައެޅި އެވެ.

އެކެއް ފެބުރުއަރީގެ އަމުރުގައިވާ ގޮތުން ފްލޯ ކްރޮސިންގެ ހުކުމް ބާތިލްކުރީ އެ ހުކުމްގައި އެންޓި ޑިފެކްޝަން ގާނޫނު ހެދުމަށް ދިން މުއްދަތުގައި އެ ގާނޫނު ހެދިފައިނުވާ ކަމަށް ބުނެ އެވެ. ނަމަވެސް މިހާރު އެންޓި ޑިފެކްޝަން ގާނޫނު ވަނީ ފާސްކޮށްފަ އެވެ. އެ ގާނޫނަކީ ސައްހަ ގާނޫނެއް ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމާފައިވެ އެވެ.

މަޖިލީހުގެ 12 މެންބަރުންނާއެކު ޖަލްސާ ބޭއްވުމަށް އެންގި ބައި ބާތިލް ކުރަން މިއަދު ސުޕްރީމް ކޯޓުން ނިންމީ އެ މެންބަރުންގެ ގޮނޑިއާމެދު ހިޔާލު ތަފާތުވެ އެ މެންބަރުންގެ ގޮނޑިއާ ގުޅޭ މައްސަލަތައް ވެސް އެ ކޯޓަށް ހުށަހަޅާފައިވާތީ އެވެ. އެ މެންބަރުންގެ މައްސަލަތައް ކޯޓުގައި ހުއްޓާ އެކަމާ ގުޅޭ ގޮތުން މައުލަވީ ގޮތެއްގައި ބަހުސްނުކޮށް މެންބަރުންގެ ގޮނޑިއާމެދު ވަކި ގޮތެއް އަމުރަކުން ކަނޑަނޭޅޭނެ ކަމަށެވެ. އެއީ ސައްހަ އިޖުރާއާތެއް ނޫން ކަމަށެވެ.

މިއަދުގެ ހުކުމްގައި ބުނީ، މަޖިލީހުގެ ހަތަރު މެންބަރެއް އެ މެންބަރުންގެ ގޮނޑިއާމެދު ހިޔާލު ތަފާތުވެގެން މައްސަލަ ކޯޓަށް ހުށަހެޅުމުން އަޑުއެހުންތައް ބޭއްވުމަށްފަހު އެ މައްސަލާގައި ހުކުމެއް އިއްވުމުގެ ބަދަލުގައި އެ މައްސަލަތަކުގައި އިތުރު ގޮތެއް ނިންމަން ނުޖެހޭ ކަމަށް ބުނެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އެފަދަ މައްސަލަތަކުގައި ގޮތް ނިންމަން ޖެހޭ އުސޫލާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އަދި، އަނެއް އަށް މެންބަރުން ވެސް އެ މެންބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތައް ކޯޓުގައި ރަޖިސްޓްރީ ވެސް ކޮށްފައިވާ ކަމަށް ހުކުމްގައިވެ އެވެ.

ސުޕްރީމް ކޯޓުގެ މި ހުކުމުން އެނގިގެން ދަނީ އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން ނުވަތަ ފްލޯ ކްރޮސިންއާ ގުޅޭ ހުކުމާ ގުޅިގެން ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑިއާމެދު ސުވާލު އުފެދި އެ މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާ ހާލަތެއްގައި ވެސް އެކަމުގައި އެންމެ ފަހު ބަހެއް ބުނާނީ ސުޕްރީމް ކޯޓު ކަމެވެ. އަދި މެންބަރުންގެ ގޮނޑިއާމެދު ގޮތްތަކެއް ނިންމާނީ އެ މައްސަލަތަކުގައި މައުލަވީ ގޮތެއްގައި ބަހުސްކޮށް އެ މައްސަލަތަކުގައި ހުކުމްތައް ނެރެގެން ކަމެވެ.

އިސް ފަނޑިޔާރުން ކޯޓުތަކަށް އައްޔަންކުރުމުގެ ސުޕްރީމް ކޯޓުގެ ބަހެއް ހޯދުމަށް އެކެއް ފެބުރުއަރީ އަމުރުގައި އެންގި ބައި ބާތިލް ނުކުރީ ސުޕްރީމް ކޯޓަކީ އަދުލުއިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ފަރާތަށްވާއިރު އިންސާފު ގާއިމުކޮށްދިނުމަށް ބާރު އެޅުމަކީ އެ ކޯޓުގެ ޒިންމާއަކަށްވާތީ ކަމަށް ބުނެ އެވެ.

މިއަދުގެ ހުކުމްގައި ބުނީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު ޖޭއެސްސީއަށް އޮތް ނަމަވެސް އެކަން އެ ކޮމިޝަނުން ކުރަން ޖެހޭނީ އަދުލުއިންސާފުގެ ތެރެއިން ކަމަށެވެ. އެހެންވެ، އެކަން ކަށަވަރުކުރުމަށް ސުޕްރީމް ކޯޓުގެ ލަފާ ހޯދުމަކީ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށެވެ. ކޯޓުތަކަށް މިހާރު އިސް ފަނޑިޔާރުން އައްޔަން ކުރަނީ ޖުޑީޝަލް ކައުންސިލްގެ ލަފާ ހޯދައިގެން ކަމަށާއި އެ ކައުންސިލް ބަލަހައްޓަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށެވެ. އެހެން ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަންކުރުމުގައި ސުޕްރީމް ކޯޓުގެ ލަފާ ހޯދި ނަމަވެސް ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ ސުޕްރީމް ކޯޓުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ވެސް ހުކުމްގައި ފާހަގަކުރި އެވެ.

މިއަދުގެ ހުކުމްގައި ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ދުސްތުރީ މައްސަލާގައި ފާހަގަކުރި އިޖުރާއީ ނުކުތާ ވެސް ވަނީ ބޭރުކޮށްލާފަ އެވެ. ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާގައި ބުނީ، އެކެއް ފެބުރުއަރީގެ އަމުރަކީ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖިނާއީ ނިޔަތެއް އޮވެގެން އެހެން ފަނޑިޔާރުންނަށް އޮޅުވާލައިގެން ނެރުނު އަމުރެއް ކަމުން އެ އަމުރަކީ ބާތިލް އަމުރަކަށް ވާނެ ކަމަށެވެ.

ނަމަވެސް ހުކުމްގައި ބުނީ، ފަނޑިޔާރެއްގެ ޖިނާއީ ނިޔަތެއް އޮތުމަކީ އޭނާ އިއްވާ ހުކުމެއް ނުވަތަ އަމުރެއް ބާތިލްވާނެ ސަބަބެއް ނޫން ކަމަށެވެ. ފަނޑިޔާރެއްގެ ޖިނާއީ ނިޔަތެއް އޮތްނަމަ އެ ފަނޑިޔާރަކާމެދު ފިޔަވަޅު އެޅޭނެ އިޖުރާއަތްތައް އެބަ އޮތް ކަމަށެވެ.

މީގެއިތުރުން ސުޕްރީމް ކޯޓަށް އެ ކޯޓުގެ ނިންމުންތައް އަލުން ރިވިއު ނުކުރެވޭނެ ކަމަށް ބުނެ ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަކުރި ނުކުތާއާ ގުޅޭ ގޮތުން ވެސް މިއަދުގެ ހުކުމްގައި ވަނީ ގޮތެއް ނިންމާފަ އެވެ. ހުކުމްގައި ބުނީ، ޝަރުއީ މަރުހަލާތައް އެތުރިފައިވާ ގޮތުން ދަށު ކޯޓެއްގެ ހުކުމް ރިވިއު ކުރެވޭނީ އެއަށްވުރެ މަތީ ކޯޓަކަށް ކަމަށެވެ. އެންމެ މަތީ ކޯޓަކީ ސުޕްރީމް ކޯޓު ކަމަށާއި އެ ކޯޓުގެ ނިންމުންތައް އެހެން ކޯޓަކަށް ރިވިއު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުމެއް އެ ކޯޓަށް ރިވިއު ނުކުރެވޭނެ ކަމަށް ބުނުމަކީ ސައްހަ ދުސްތޫރެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައެއް ނޫން ކަމަށެވެ.

އޭގެ ސަބަބެއްގެ ގޮތުގައި ހުކުމްގައި ފާހަގަކުރީ ސުޕްރީމް ކޯޓުގެ ހުކުމްތައް ރިވިއު ކުރުމުގެ އުސޫލު އެހެން ބައެއް ގައުމުތަކުގައި ވެސް ގެންގުޅޭ ކަމަށާއި ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނުގައި ބުނާ ބުނުމަކީ އެއްވެސް އިސްތިސްނާއެއް ނެތި ތަރުތީބު ކުރެވޭ އުސޫލެއް ނޫން ކަމަށެވެ. ވަކި ހާލަތްތަކެއްގައި ސުޕްރީމް ކޯޓުގެ ނިންމުންތައް އެ ކޯޓަށް ރިވިއު ކުރެވިދާނެ ކަމަށެވެ.

އެގޮތުން މައްސަލައެއްގައި ހިމެނޭ ހަސްމަކު ދޮގު މައުލޫމާތެއް ދިންކަން ފަހުން އެނގޭ ހާލަތެއްގައި ނޫނީ މުހިންމު ލިޔުމެއް ފޮރުވިކަން އެނގޭ ހާލަތެއްގައި ފަދަ ހާލަތްތަކުގައި މައްސަލަ އަލުން ސުޕްރީމް ކޯޓުން ރިވިއު ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ހުކުމްގައިވެ އެވެ. އެހެންނޫންނަމަ އެއީ އަދުލު އިންސާފަށް އެޅޭ ހުރަހެއް ކަމަށެވެ.

އެފަދަ ހާލަތްތަކުގައި މައްސަލާގައި ހިމެނޭ ދެ ފަރާތުން ކުރި ފަރާތަކަށް މައްސަލަ ރިވިއު ކުރަން ހުށަހެޅޭނެ ކަމާއި ކޯޓަށް އަމިއްލައަށް އިސް ނަގައިގެން ވެސް އެފަދަ ހާލަތްތަކުގައި ހުކުމްތައް ރިވިއު ކުރެވޭނެ ކަމަށް ވެސް ހުކުމްގައި ބުންޏެވެ. އެއީ އެއްވެސް ދަޖަލެއް ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.

މީގެކުރިން އެ ކޯޓަށް ބައެއް މައްސަލަތައް ރިވިއު ކުރަން ހުށަހެޅި ކަމަށާއި އެ މައްސަލަތައް ރިވިއުނުކޮށް ބޭރުކުރީ އެއީ އަލުން ރިވިއު ކުރަން ޖެހޭ ފަދަ ސަބަބެއް ނެތް މައްސަލަތައް ކަމަށްވާތީ ކަމަށާއި ރިވިއު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ނެތިގެން ނޫން ކަމަށް ވެސް ހުކުމްގައި ބުންޏެވެ.

ވަރަށް ގިނަ ސިޔާސީ ބޭފުޅުން ވަނީ އެ ބޭފުޅުންގެ މައްޗަށް އިއްވާފައިވާ ހުކުމްތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް ރިވިއުކޮށްދޭން އެދިފަ އެވެ. ނަމަވެސް އެ މައްސަލަތައް އޭރު ބޭރުކޮށްލީ އެވެ. ހުކުމްތައް ރިވިއު ކުރަން ޖެހޭ ކަމަށް ކަނޑައަޅައި އެ ހުރިހާ ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އެންގީ އެކެއް ފެބުރުއަރީގެ އަމުރުގަ އެވެ. ފަހުން ވަނީ އަމުރުގެ އެ ބައި ބާތިލްކޮށްފަ އެވެ.