ހަބަރު

ގޮނޑިތަކުގެ މައްސަލާގެ ހުކުމް މިއަދު އިއްވަނީ

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރު ބާތިލުކުރަން ބަންޑާރަ ނައިބު އޮފީހުގެ ދަރާތުން ހުށަހެޅި ދުސްތޫރީ މައްސަލާގައި ހުކުމް އިއްވުމަށް މިއަދަށް އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

މީގެކުރިން ވެސް މި މަހުގެ ތެރޭގައި އަޑުއެހުމެއް ހުކުމް އިއްވުމަށް ތާވަލުކުރި އެވެ. ނަމަވެސް އެ އަޑުއެހުން ވަކި ސަބަބެއް ނާންގާ ކެންސަލްކުރީ އެވެ. މިއަދުގެ އަޑުއެހުން އޮތީ 11:00 ގަ އެވެ.

މި މައްސަލާގައި އެންމެފަހުން އަޑުއެހުމެއް ބޭއްވީ މި މަހުގެ ފަސްވަނަ ދުވަހު އެވެ. އެ އަޑުއެހުމަކީ އެ މައްސަލާގެ ބެންޗަށް ބަދަލު ގެނައުމުން އިޖުރާއަތް ފުރިހަމަކުރުމަށް ބޭއްވި އަޑުއެހުމެކެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަގުތީ ގޮތުން ސަސްޕެން ޑްކޮށްފައިވާ ބައި ބާތިލް ކުރަން ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ދުސްތޫރީ މައްސަލަ ކޯޓަށް ހުށަހެޅިއިރު އެ ކޯޓުގައި ތިއްބެވީ ތިން ފަނޑިޔާރުންނެވެ. އެއީ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. ކުރިން އެ މައްސަލަ ބެއްލެވީ އެ ތިން ފަނޑިޔާރުންނެވެ.

ބެންޗަށް ގެނައި ބަދަލަކީ އަލަށް ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ބެންޗުގައި ހިމެނުނެވެ. އަލަށް ބެންޗަށް ގުޅިވަޑައިގަތީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

އެކެއް ފެބުރުއަރީ އަމުރުގައި މިހާރު ބާތިލްނުކޮށް ވަނީ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެފައިވާ ބަޔާއި އެއްވެސް ކޯޓެއްގެ ފަނޑިޔާރުކަން ސުޕްރީމް ކޯޓުން ހުއްދަ ހޯދުމަށްފަހު ނޫނީ ބަދަލު ނުކުރުމަށް އަންގާފައިވާ ބަޔެވެ.