ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރުގެ ފުރަތަމަ ފިލްމު "ވަކިން ލޯބިން" ސިނަމާގައި ދައްކަން ފަށައިފި އެވެ. ރޭ ވަނީ މި ފިލްމު އޮލިމްޕަހުގައި ރަސްމީކޮށް ޕްރިމިއާ ކޮށްފަ އެވެ. އޮލިމްޕަހުގައި އޮތް ޝޯތަކަށް މިހާރުވެސް ދަނީ ޓިކެޓް ވިއްކަމުންނެވެ.
ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފުރަތަމަ ރޭންވެސް ފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ބެލުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު ކޮމެންޓްސްތައް ލިބެމުން އަންނަ ކަމަށެވެ. ޑާކްރެއިންގެ ފޭސްބުކް ޕޭޖުގައި އާންމުގެ ފަރާތުން ލިބިފައިވާ ކޮންމެންޓުތައް ވަނީ ޕޯސްޓުކޮށްފަ އެވެ.
މޮގާ ބުނީ ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ ގިނަ ޝޯތަކެއް އޮލިމްޕަހުގައި ދައްކަން ބޭނުންވާ ކަަމަށެވެ. ނަމަވެސް މިވަގުތު އޮލިމްޕަހުގައި ފިލްމު ދެއްކުމަށް ލިބިފައި ވަނީ ލިމިޓެޑް ޝޯތަކެއް ކަމަށް އޭނާ ބުންޏެވެ.
"އޮލިމްޕަސް ވަރަށް ބާރުބޮޑުކޮށް އުޅެނީ. އެހެން ފިލްމަކަށް އޮލިމްޕަސް ބުކްކޮށްފައި އޮތީ." މޮގާ ބުންޏެވެ.
ފިލްމަށް ލިބޭ ތަރުހީބު އިތުރުވުމުން އަންނާތީ އާއި ގިނަ ބަޔަކު އިތުރު ޝޯތައް ދެއްކުމަށް އެދެމުންދާތީ ޑާކްރެއިން މިހާރު ވަނީ އެ ޕްރޮޑަކްޝަންގެ ކުރިއަށް އޮތް ފިލްމު "ގޮއްރާޅު" ގެ ޕްރިމިއާ ފަސްކޮށް، އެ ފިލްމު ދެއްކުމަށް އޮތް ތަރީހުތަކުގައި "ވަކިން ލޯބިން" ދެއްކުމަށް ނިންމާފަ އެވެ.
"ގޮށްރާޅު ޕްރިމިއާ އަޅުގަނޑުމެން މި ފަސްކުރީ 'ވަކިން ލޯބިން' އަށް ލިބޭ ތަރުހީބު އިތުރުވަމުންދާތީ ބެލުންތެރިންނަށް ފިލްމު ބަލާލުމުގެ ފުރުސަތު ދިނުމަށް." ގޮށްރާޅު ޕްރިމިއާ ކުރާނެ ތަރީހެއް ފަހުން އިއުލާނުކުރާނެ ކަމަށް ޑާކްރެއިން ބުނެ އެވެ.
ފެމެލީ ޑްރާމާ، މިި ފިލްމަކީ ޒުވާން ދެމަފިރިއެއްގެ ކައިވެނި، ވަރި ފަށަށް އެރުމުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގެ ވާހަކަ ބޮޑަށް ބިނާވެފައި އޮންނަނީ އާއިލީ މައްސަލަތަކެއްގެ މައްޗަށެވެ.
ފިލްމުގެ ލީޑުން ފެނިގެންދާނީ ޖުމައިލް އަދި މަޖުދާ މަޖޫ އެވެ. މި ދެ ތަރިންނާއެކު ހާއްސަ ރޯލަކުން ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް މި ފިލްމުގައި ފެނިގެންދެ އެވެ. މީގެ އިތުރުން ޗައިލްޑް އެކްޓަރުތަކެއްވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދެ އެވެ.
"ވަކިން ލޯބިން" ޑައިރެކްޓުކުރީ ޗިއްޕެ އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އައިޝަތު ފުއާދު ތައުފީގެވެ.