(4 މާރިޗު 2018 އާ ގުޅޭ)
ރާދިންއަށް ހުރިހާ ކަމެއް އެނގިއްޖެއްޔާ މަނާ ކުރާނޭ އަރްސަލްއަށް ހީވަނީއެވެ. ކުރީބައިގައި އެއްވެސް ވާހަކައެއް ރާދިންއަށް އަންގަން އަރްސަލް ބޭނުންނުވަނީ އެހެންވެއެވެ. މިހާރު އަރްސަލް ބޭނުންވަނީ އޭނާ ކުރަން ބޭނުންވާ ގޮތަށް އޭނާގެ ހިތަށް ހަމަޖެހުން ލިބޭނޭ ފަދައިން ކަންކަން ކުރާށެވެ.
ވިޔަފާރީގެ ނިންމުމަކަށްވުރެ ނިމްރާއާ މެދު އަރްސަލް ނިންމާ ނިންމުމަކީ އޭނާގެ ޒާތީ ދިރިއުޅުމާ ގުޅިފައިވާ ނިންމުން ތަކެކެވެ. ޒަޚަމްވެފައި އޮތް ހިތަށް ފަރުވާއެއް ދޭނޭ ގޮތެއް ނޭނގިފައިވާ މީހަކު ފަދައިން އޭނާ އެ ހިތަށް ހަމަޖެހުން ހޯދަން ބޭނުންވަނީ ނިމްރާގެ ހިތް ޒަޚަމް ކޮއްލައިގެންނެވެ. ބަދަލު ހިފުމުގެ ރޫހުގައި އޭނާގެ އެތެރެ ހަށި އަނދަމުން ދާ ކަހަލައެވެ. ވޭނާއި ހިތްދަތިކަން ތަޙައްމުލުކުރުމަށް ޓަކައި އޭނާ ޚިޔާރު ކުރީ ނަފުރަތާއި ރުޅިވެރިކަމެވެ. އޭނާގެ އެ އިހުސާސްތަކަކީ ޚުދު އޭނާގެ އަމިއްލަ އެއްޗެއްކަމުގައި އަރްސަލް ޤަބޫލުކުރެއެވެ. ވީއިރު އެ އިހުސާސްތަކުގެ މައްޗަށް ބަސްކިޔެން ޖެހޭނީ ޚުދު އޭނާއަށެވެ.
"އަރްސަލް!..." އަމިއްލަ ޚީޔާލުތެރޭގައި ފީނަމުން ދިޔަ އަރްސަލްގެ ސަމާލުކަން ރާދިން ހޯދިއެވެ. ކުރިއަށް ގުދުވެލައިގެން އިން އަރްސަލް، ހަށިގަނޑުގެ ބުރަ ފައިގައި ވިއްދާލައިގެން އިން ދެއަތުގެ އެހީގައި ސީދާ ވެލަމުން އިސްއުފުލައި ރާދިންއަށް ބަލާލިއެވެ.
"އަހަރެން ކިހިނެއްތަ ހަދަންވީ އަރްސަލްއަށް ވިސްނައިދޭން. ތީ އަރްސަލް ދުވަހަކުވެސް އުޅުނު ގޮތެއްނޫން. އެހެންމީހުންގެ އިހުސާސްތަކާ މެދު އަބަދުވެސް އަރްސަލް ވިސްނާނެ. އަރްސަލް ތި ނަގާ ޑިޛިޝަން ތަކުން އެ އަންހެން ކުއްޖާއަށް ވާނެ ގޮތަކާ މެދު ވިސްނާލަބަލަ. އޭނާ އަރްސަލްއަށް ނަފުރަތެއް ނުކުރާނެތަ؟ އަރްސަލް ބޭނުންވަނީތަ އެ އަންހެންކުއްޖާގެ ނަޒަރުގައި ތީ ނުބައި ނުލަފާ މީހަކަށްވާން. އެއްވެސް މީހެއްގެ ދިރިއުޅުމާ ކުޅުމުގެ ހައްޤެއް އެކަކަށް ވެސް ލިބިގެންނެއްނުވޭ. އަރްސަލްގެ ދިރިއުޅުމަށް އަހަރެންގެ ޚިޔާލެއް ބޭނުންނުވާއިރު ކާކު އަރްސަލްއަށް ހުއްދަ ދިނީ އެ އަންހެންކުއްޖާގެ ދިރިއުޅުމުގެ ތެރެއަށް ތި ގޮތަށް ވަންނަން؟ ޔޫ އާ ބެޓާ ދެން ދިސް... ބަދަލުހިފުމަކީ އެކަމުން ރަނގަޅު ނަތީޖާއެއް ނުކުންނާނެކަމެއްނޫން. ޔޫ ވިލް ރިގްރެޓް..." ރާދިންގެ ވާހަކަތައް އަޑުއަހާފައި އެކަމަށް އަރްސަލް ރައްދެއް ނުދިނެވެ. ކަނދުރާ މައްޗަށް ޖަހައިގެން ސީލިންގަށް ނަޒަރު ހުއްޓާލި ގޮތަށް އަރްސަލް އިނެވެ. ރާދިން ވެސް އިތުރަށް އެއްޗެއް ނުބުންޏެވެ. ދެމީހުން ވެސް ހިމޭންކަން ޚިޔާރު ކުރީ ކަހަލައެވެ. ސިޓިންރޫމުގައި ހުޅުވާފައި ހުރި ޓީވީގެ އަޑު ތަނުގެ ހިމޭންކަން ނަގާލާފައިވެއެވެ. ވެރިވެފައިވާ ނުތަނަވަސްކަން ކުޑަވެގެން ދިޔައީ އެޕާޓްމެންޓުގެ ބެލް އަޅާލި އަޑު އިވިގެންނެވެ. އެއާއެކު ރާދިން ތެދުވެގެން ދޮރާ ދިމާއަށް ހިނގައިގަތީ ލައިގެން ހުރި ސޯޓުގެ އަރިމަތީ ޖީބުން ވޮލެޓު ނަގަމުންނެވެ.
ޕާރުސަލްތައް ހުރި ކޮތަޅު ހިފައިގެން އެތެރެއަށް ވަދެ ރާދިން ދޮރު ލައްޕާލިއެވެ. އަދި އައިސް ކާމޭޒު މަތީ ކޮތަޅު ބަހައްޓާލުމާއެކު އޭނާ ތަށިތައް ނަގާ މޭޒުމަތީ އަތުރާލިއެވެ. ކޮތަޅުގައި ހުރި ފާރުސަލްތައް ނަގާ އޭގައި ހުރި އެއްޗެއް ތަށިތަކަށް އަޅަން ފެށިއެވެ. އައިސްއަލަމާރީގެ ތެރެއިން ފެންފުޅިއެއް ނަގައިގެން އައިސް ބިއްލޫރި ތަށިތަކަށް ފެންއަޅާ ކާން ތައްޔާރުކޮއް ނިންމާލިއެވެ. އަދި އަރްސަލްއަށް ގޮވާލާފައި ކާން އަންނަން ރާދިން ބުންޏެވެ. ނުރުހުންވުމުގެ އަސަރެއް އަރްސަލްގެ ފަރާތުން ނުފެނުނެވެ. އޭނާ މަޑުމަޑުން އައިސް ކާމޭޒު ދޮށުގައި އިށީނެވެ.
"އަހަރެން ތަށިތައް ނަގާލަ ފާނަން" ކައި ނިންމާލާފައި އަރްސަލް ތެދުވެ ކޭ ތަށި ނަގަން އުޅުމުން ރާދިން ބުނެލިއެވެ.
"ކޮޓަރިއަށް މިދަނީ" އަރްސަލް ބުނެލިއެވެ. އެއާއެކު ރާދިން ހޫން ލައްވާލިއެވެ.
ކޮޓަރިއަށް ވަދެގެން އައި އަރްސަލް އެނދުގައި އޮށޯވެލީއެވެ. އޭނާ ބަހެއް ނުބުނި ކަމުގައި ވިޔަސް އޭނާގެ ސިކުނޑީގައި އެތައް ޚިޔާލުތަކެއް އެނބުރެމުންދިޔައެވެ. ބާލީސް ގެނެސް މެޔާލާ ބޮނޑިކޮއްލައިގެން އިރުކޮޅަކު އޮތެވެ. އެހެން އޮވެފައި އުއްޑުން ޖެހިލާ ނިތްކުރީގައި މުއްކަވާލެވިފައިވާ ކަނާތުން މަޑުމަޑުން ޖަހާލިއެވެ. ދެ ލޯ މަރާ ތަގުޅިކޮއްލާފައި ހުޅުވާލަމުން ފުންނޭވާއެއް ދޫކޮއްލިއެވެ. އެގޮތުގައި ވެސް އިރުކޮޅެއް ހޭދަވެގެން ދިޔައެވެ. ދެން ފެނުނީ މަޑުމަޑުން ދެ ލޯ މަރާލިތަނެވެ.
"ލޫން!... ލޫން!..." އަރްސަލް މަޑުމަޑުން ގޮވާލިއެވެ. އެއާއެކު މަރާލެވިފައިވާ ދެ ލޮލުގެ ތެރެއިން އޭނާއަށް ލޫންގެ ހިނިތުންވެފައިވާ މޫނު ސިފަކުރެވުނެވެ. އަރްސަލްގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ. ހުވަފެނެއްގައިވާ ފަދައިން އޭނާ ލޫންގެ ހަނދާންތަކައް ދިރުން ގެންނަމުންދިޔައެވެ. ބީވެގެން ދިޔަ ދިރިއުޅުން ނިއުޅެމުން މަންޒަރުތައް ކުލަވެ ފުރިހަމަވަމުންދިޔަ ވަރަކަށް އަރްސަލްގެ މޫނުމަތިން ފެންނަމުންދިޔަ ހިތްހަމަޖެހުން އިތުރުވިއެވެ. އެހެންވިޔަސް ގިނައިރެއްނުވެ މަރާލެވިފައިވާ ދެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ.
* * * *
"އަރްސަލް!... މި ބޭބީ ވައްތަރުވާނީ ކާކާ؟" ލޫން އަހާލީ އަރްސަލްގެ އަތުގެ ތެރެއަށް ވަދެއޮވެ.
"އަހަރެމެން ދެ މީހުންނާއެއްނު" ލޫންގެ ހަށިގަނޑުގައި އޭނާގެ ފުރަގަހުން ބައްދާލައިގެން އޮތް އަރްސަލް ހިނިއައިސްފައި ބުންޏެވެ. އަދި ކުރުއަތްމައްޗަށް ތެދުވެލާ ލޫންގެ ފަންއިސްތަށިގަނޑު އެއްފަރާތްކޮއްލާ ކޯތާފަތުގައި ލޯތްބާއެކު ބޮސްދިނެވެ.
"ވަރަށް ލޯބިވޭތަ އަހަރެންދެކެ" ކުޑަކޮށް ބޯއަރިކޮއްލާ އަރްސަލްގެ މޫނު ބަލާލަން ލޫން އުޅުނެވެ. އެކަން ކާމިޔާބު ނުވުމުން އަރަސްލްގެ އަތުގެ ތެރެއިން ލޫން ސަލާމަތްވަމުން އޭނާ ކޮއްޕާލިއެވެ. އުއްޑުން ޖެހުނު އަރްސަލްގެ ބަނޑުމަތީ ލޫން އިށީނުމާއެކު އޭނާ ތެދުވިޔަ ނުދިނުމަށް އެތަނަވަސް މޭގައި ދެއަތް އަޅާ ކޮއްޕާލައިގެން ލޫން އިނެވެ. އަރްސަލްގެ ތުންފަތުގައިވީ ލާނެތް ހިނިތުންވުމެކެވެ.
"ލޯބިވާތީއެއްނު މެރީ ކުރީ" އަރްސަލް ބުނެލިއެވެ.
"އެކަމް އަވަހަށް މެރީ ކުރަން އަރްސަލް ބޭނުންވީ އެހެންކަމެއްވެގެން" ލޫންގެ ވާހަކައިގެ މިސްރާބު އަރްސަލް ދެނެގަތެވެ. އޭނާގެ ދެ އަތުގައި އަރްސަލް ހިފާ ކުރިއަށް ދަމާލިއެވެ.
"މެރިއޭޖްގެ ބައެކޭ އެވެސް... ލޯބިވާކަން ލޫންއަށް އަދިވެސް ޔަގީންނުވަންޏާ ދެން ޖެހޭނީ އެކަން އަލުން އަންގަންތާ" އަރްސަލްގެ ބާރުގެ ދަށަށް ލޫން ގެނައެވެ. އަދި އެނދުމައްޗަށް ލޫން ވައްޓާލާ ގިލިގިލިކޮއްޓަން އަރްސަލް ފެށުމާއެކު ލޫންގެ ތޫލި ހަޅާކާއި ހުނުމުގެ އަޑު ކޮޓަރިތެރެއަށް ފެތުރިގެންދިޔައެވެ. އަރްސަލްގެ ސަމާސާތަކުން ރެކިގެން ދުރަށް ދާން ލޫން މަސައްކަތްކޮށް ނުވުމުން އަރްސަލްގެ މޭގައި ދަތްއަޅަން ލޫން އުޅުނެވެ. އެހިނދު އެރި ހީލިއާއެކު އަރްސަލް ވެސް ބާރަށް ހޭންފެށިއެވެ. އަދި ލޯބިން އަނބިމީހާ ގެނެސް އަތުގެ ތެރެއަށް ލާ އެ މޫނުގައި ބޮސްދޭން ފެށިއެވެ.
* * * *
މަޑުމަޑުން ދެ ލޯ ހުޅުވާލުމާއެކު ހިފެހެއްޓިފައި ހުރި ކަރުނަތައް އޭގެ މަޤާމު ދޫކޮށް ލޮލުގެ ހިމަކޮޅުން ފައިބައިގެން ދިޔައެވެ. ކޮޓަރީގެ ހުސްކަމުގެ ތެރެއަށް އަރްސަލް ނަޒަރު ހިންގާލިއެވެ. އަރިއަކަށް އެނބުރިލައި އެނދުގެ ހުސްކޮށް އޮތް ބައިގައި އަތް ހިންގާލިއެވެ. ހަމަ އެ އަތް ގެނެސް މޭގައި ޖައްސާލުމާއެކު ފިރުމާލިއެވެ. ހިތުގައިވަނީ ހުސްކަމެވެ. އެހެންނަމަވެސް އެ ހިތުގައި ވޭން އަޅަނީއެވެ. ލޫންގެ ހަނދާންތަކުން އަރްސަލްއަށް ލިބޭ ހިތްހަމަޖެހުމަށްވުރެ ލިބޭ ހިތްދަތިކަން ބޮޑެވެ.
ރޭގެ ހަތަރުދަން އަރްސަލްއަށް ޓަކައި ދިގުވެގެންދިޔައެވެ. ވަގުތުވަނީ ހުއްޓިފައި ކަމެއް ނޫނީ އޭނާއަށްވުރެ ކުރީން ވަގުތު ހިނގަނީ ކަމެއް ނޭނގެއެވެ. ރާދިން އެންމެފަހުން ދެއްކި ވާހަކަތައް ވެސް އަރްސަލްގެ ސިކުނޑީގައި ހަރުލާފައިވިއެވެ. އެކަމާ މެދު އޭނާ ވިސްނާލިއެވެ. އެހެންނަމަވެސް އޭނާ ކުރަން އުޅޭ ކަމެއް ހުއްޓާލުމުގެ ގަޞްދެއް އަރްސަލްގެ ނެތެވެ. އެނދުން ތެދުވެގެން އަރްސަލް ނުކުތީ ކޮޓަރިން ބޭރަށެވެ. ސިޓިންރޫމުގައި ޓީވީއާ ކުރިމަތިވާ ގޮތަށް ހުރި ދިގު ސޯފާގައި އަރްސަލް އައިސް އޮށޯވެލިއެވެ. ސޯފާގައި ބަހައްޓާފައި ހުރި ކުށަންތަކުން އެކަތި ނަގާ ދެން ހުރި ކުޝަންތައް އެހެން ގޮނޑިއަކަށް އަޅާލާފައެވެ. ކުރުކޮއްލައިގެން ބޯދަށަށް ލައްވާލައިގެން އޮތް އަތްމަތީ ކުޝަން ބާއްވާލާ އޭގައި އަރްސަލް ބޯއަޅާލިއެވެ. އަދި ޓީވީ ހުޅުވާލިއެވެ.
ފަތިހު ކޮޓަރިން ނުކުތް ރާދިން އައީ އަރްސަލްއަށް ގޮވާށެވެ. ނަމަވެސް ކޮޓަރީގައި ނެތްކަން އެނގުމާއެކު ހަލުވިކޮށް ސިޓިންރޫމަށް އޭނާ ނުކުތެވެ. އެހިނދު ސޯފާގައި އަރްސަލް ނިދާފައި އޮތްތަން ރާދިންއަށް ފެނުނެވެ. ގޮވާލަން ހިތަށް އަރާފައި ވެސް ރާދިން އަޅާނުލީއެވެ. ކޮޓަރިން ބޭރުގައި އަރްސަލް އޮންނާނީ އޭނާއަށް ކޮޓަރީގައި ނުނިދިގެންކަން ރާދިން ދެނެގަތެވެ. އެހެންވެ އަރްސަލްއަށް ނުގޮވާ އޭނާ ނަމާދަށް ދިޔައީއެވެ.
* * * *
ހެނދުނު ދިހައެއް ޖެހިފަހުން ގޭ ދޮށުގައި ހުރި ފިހާރައަކުން ނިމްރާ ނުކުތީ ޖޫސް ޕެކެޓަކާއި ކުޑަ ބިސްކޯދު ޕެކެޓެއް ގަނެގެންނެވެ. ގެއާ ދިމާއަށް އައި ނިމްރާގެ ސަމާލުކަން ހޯދީ އަންހެންކުއްޖެއްގެ ހުނުމުގެ އަޑެވެ. ސައިކަލު ފަހަތުގައި އިން އެ އަންހެންކުއްޖާގެ މޫނާއި ދުއްވަން އިން މީހާ ނިމްރާއަށް ފެނުނީ ކިރިޔާއެވެ. ނަމަވެސް ހުރި ފިޔަފަޅުމަތީ ނިމްރާ ގަނޑުވިއެވެ. އޭނާގެ ކައިރިން އަޅާފައި ސައިކަލުގައި އެ ދިޔައީ މިޢުވާނާއި ސުދާއެވެ. ދެ މީހުން ވެސް ތިބީ އޮފީހެއްގައި އުޅޭ ދެމީހުން ފަދައިން ރަސްމީ ހެދުމުގައެވެ. ގަނޑުވެފައި ހުރި ނިމްރާ މޭދަށަށް ކުއްލިއަކަށް ތަދެއް އެރުމުން ގުދުވެލާ އުސޫލުން ގުދުވެލިއެވެ. ހިނދުކޮޅަކަށް ވިޔަސް ނިމްރާއަށް ހީވީ އޭނާގެ ނޭވާ ހިނގާ ހޮޅީގައި މީހަކު ހިފެހެއްޓިހެންވެ.
"ކިހިނެއްވީ؟..." ގާތުން ފިރިހެނެއްގެ އަޑު އިވި ނިމްރާ ސިހުނެވެ.
"ތަދުވަނީތަ؟... އާ ޔޫ އޯލް ރައިޓް؟" ނޭވާ ހަމައަކަށް އަޅުވަމުން ނިމްރާ ބަލާލިއިރު އޭނާގެ ގާތުގައި ހުރީ މީގެ ކުރީން ނުދެކޭ ޒުވާނެކެވެ. ހުރެވުނީ މަގުމަތީގައިކަން ނިމްރާއަށް އެނގުންވީ ދެނެވެ. ދުވާރުމަތީގައި ނިމްރާއާއި އެ ޒުވާނާ ފިޔަވާ އެކަކު ވެސް ނެތެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިސާބަކަށް ކަންބޮޑުވެފައި ހުރި ކަމެވެ. ނިމްރާ ދެފަޔަށް ލެވުނުހާ ބާރެއްލާފައި ދުއްވައިގަތެވެ. އޭނާގެ ގާތުގައި ހުރި ޒުވާނާއަށް ބަލާލުމެއްނެތިއެވެ. ދޮރޯށި ހުޅުވާލި ގޮތަށް ލިފްޓަށް އެރުމުގެ ބަދަލުގައި ނިމްރާ ސިޑީގެ ހަރުފަތްތަކުން އެރިއެވެ. އެޕާޓްމެންޓާ ހަމައަށް އާދެވުނު އިރު މީހާ ހުރީ މާނޭވާލެވިފައެވެ. ލިބިފައިވާ ހާސްކަމުގެ ތެރެއިން ދޮރުހުޅުވަން ނިމްރާއަށް އުނދަގޫވިއެވެ. މީހާ ހަމައަކަށް އެޅުމަށް ޓަކައި ފުންކޮށް ދެތިން ނޭވާ ދޫކޮށްލުމަށްފަހު އަތުގައި އޮތް ތަޅުދަނޑި އަނެއްކާ ވެސް ތަޅުވަޅަށް އަމާޒުކޮއްލިއެވެ. މިފަހަރު ދޮރުހުޅުވުނެވެ. އެއާއެކު އަވަސްއަވަހަށް އެތެރެއަށް ވަދެ ދޮރުލައްޕާ ތަޅުލުމަށްފަހު އެއްވެސް މީހަކަށް ބަލާލުމެއްނެތި ހަލުވިކޮށް އައިސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ.
ދޮރުފަތުގައި ލެނގިލައިގެން ނިމްރާ ހުރިއިރު އޭނާގެ ދެއަތްތިލަ ވަނީ މުއްކަވާލެވިފައެވެ. އޭރު ވެސް ކަނާތުގައި އޭނާ ގަތް އެއްޗެހި ލާފައި އޮތް ކޮތަޅު އޮތެވެ. ދަތްކުނޑިވިކާލައިގެން ނިމްރާ ހުރިއިރު އެ ދެ ލޮލުން ފާޅުވަމުންދިޔައީ ނުރުހުމުގެ އަސަރެވެ. ދުވަހަކުވެސް ދުށުމަށް މިޢުވާނުގެ ސޫރަ ނިމްރާ ނޭދުނު ނަމަވެސް އެހެން އެކަމެއް ނުވިއެވެ. މާލެ ކަހަލަ ކުޑަކުޑަތަނެއްގައި މީހަކަށް ނުފެނި އުޅުމަކީ އުނދަގޫކަމެއްކަން ނިމްރާގެ ޟަމީރު ބުނެދިނެވެ. ނިމްރާގެ އަމިއްލަ ނަފްސު ހަމައަކަށް އެޅެންދެން އޭނާ ހުރީ ދޮރުފަތުގައި ލެނގިލި ގޮތަށް ކޮޅަށެވެ. ކުރިއަށް ހިނގައިގަންނަން ޖެހުނީ ޖީބުގައި އޮތް ފޯނަށް ކޯލެއް އަންނަކަން އެނގުމުންނެވެ. ފޯނު ނަގަމުން ނިމްރާ އައިސް އެނދުމަތީ އިށީނދެ އަތުގައި އޮތް ކޮތަޅު އެނދުމަތީ ބާއްވާލިއެވެ. ފޯނުގެ އިސްކުރީނުގައިވާ އަރްސަލްގެ ނަން ފެނުމުން ނިމްރާގެ މޫނު މިލައިގެން ދިޔައެވެ.
"ހެލޯ..." މަޑުމަޑުން ނިމްރާ ބުނެލިއެވެ.
"ކުރިން ދުވަހު އައި އެޑްރެސްއަށް އާދޭ. އަދި ބުނަން... އަހަންނާ ހަމައަށް އަންނަ ހިނދުން ފެށިގެން އަހަރެންގެ ހުއްދަ ނުލިބި އެނބުރި ކަލެއަށް ނުދެވޭނެކަން ދެނެހުރެ އަންނާތި. އަހަރެން ބުނިކަމެއް ކުރަން އެއްބަސްވެގެންކަން ތި އަންނަނީ ހަނދާންކުރާތި" އަރްސަލް ބުނަން ބޭނުންވި އެއްޗެއް ބުނެފައި ފޯނުކޯލު ކަނޑާލީއެވެ. ނިމްރާ އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ދިރިއުޅުން އަރްސަލްއާ ހަމައަށް ދާ ވަގުތުން ފެށިގެން ބަދަލުވާނޭކަން އޭނާއަށް އެނގެއެވެ. އެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއްނުވިއެވެ. ފޯނުކޯލަށްފަހު ނިމްރާ "އިމޯޝަންލެސް" ބުދަކަށް ބަދަލުވި ކަހަލައެވެ. އިރުކޮޅަކު އިން ގޮތަކަށް އިނދެފައި ފޯނު އެއްފަރާތުގައި ބާއްވާލައި އޭނާ ގެނައި ކޮތަޅު ތެރެއިން ޖޫސް ޕެކެޓު ނަގާ ބޯން ފެށިއެވެ. އަދި ބިސްކޯދު ޕެކެޓުގެ ތެރޭގައި އޮތް ހަތަރު ބިސްކޯދު ނަގައި ޖޫސް ޕެކެޓު ބޮމުން ކައި ނިންމާލިއެވެ. އެ ތަކެތި ކޮޓަރީގައި ހުރި ޑަސްބިނަށް ލާފައި ނިމްރާ އައިސް އެންމެ ފަހުގެ ކަމެއްގެ ގޮތުން ހަރުގައި އަޅުވާފައި ހުރި ތުވާލި ނަގާ ފަތްޖަހާލާފައި ފޮށީގެ ތެރެއަށް ލިއެވެ. އަދި ފާޚާނާގައި ހުރި އޭނާގެ ސާމާނުތައް ގެނެސް ކޮތަޅަކަށްލާ ބަންދުކޮއްލުމާއެކު ފޮށީގެ ކަނަކަށް ވައްދާލިއެވެ. ޒިބުއަޅުވާ ފޮށި ބަންދުކޮއް ތަޅުލިއެވެ. ކޮނޑުގައި އަޅުވާފައި އޮތް އަތްދަބަހުގެ ތެރެއަށް ފޯނުގެ ޗާޖަރު ލާފައި އަރިމަތީގައި ހުރި ކުޑަ މޭޒުގެ މަތީ ވަތްގަނޑުގައި އޮތް ނޯޓުފޮތާއި އަރްސަލްގެ އެޑްރެސް ކާޑު ނަގާ އަތްދަބަހުގެ ތެރެއަށް ލިއެވެ. ކޮޓަރިތެރެއަށް ފަހު ފަހަރަށް ބަލާލާ އުސޫލުން ނިމްރާ ބަލާލިއެވެ.
"މާމާ! އަޅުގަނޑަށް ކުރެވުނު ހުރިހާ ކުށަކަށް މަޢާފަށް އެދުނިން... އަޅުގަނޑަށް މަޢާފު ނުދެއްވާ މާމަ ވަކިވެގެން ތި ދިޔައީ. މިއަދު އަޅުގަނޑު މިދަނީ އޭނާގެ ގާތަށް. އޭނާގެ ދަރިފުޅާއި އަނބިމީހާގެ ބަދަލު އަޅުގަނޑު ކިބައިން އޭނާ ބޭނުން ގޮތަކަށް ހިފުމަށް ރުހި ޤަބޫލުވެގެން. މާމައާ އަޅުގަނޑު ބައްދަލުވާ ދުވަހަކުން އަޅުގަނޑަށް މަޢާފުކޮށް ހިތްހަލާލު ދޭނޭ ކަމަށް ހީކޮށް. އޭނާއަށް ލިބުނު ހިތްދަތިކަން ކުޑަކޮއްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. ކޮންމެވެސް ދުވަހަކުން... އާން! މާމާ!... ކޮންމެވެސް ދުވަހަކުން އަޅުގަނޑަށް ކުރެވުނު ކުއްތަކާއި ހެދުނު ގޯސްތަކަށް މަޢާފު ލިބޭނެކަމުގެ އުންމީދުގައި ދިރިހުންނާނަން" ދެތުންފަތް ހަރަކާތްނުކުރި ކަމުގައި ވިޔަސް ނިމްރާގެ ހިތާއި ޟަމީރުގެ އަޑު އޭނާގެ އަމިއްލަ ނަފްސަށް އިވެމުންދިޔައެވެ. އެ ކޮޓަރީގައި ރަޒިއްޔާއާއެކު ހޭދަކުރި އެންމެ ފަހު ވަގުތުތައް ނިމްރާ ހަނދާނުގައި ރައްކާކޮއްފައި ވިއެވެ. ލޮލުން ވެއްޓެން އުޅުނު ކަރުނަ ތިކި އަވަސް އަވަހަށް ފުހެލުމާއެކު ނިމްރާ ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ.
"ނީލަމް! މަރިޔަމްއަށް ގޮވާލަދީބަލަ" ބަދިގޭގައި އުޅުނު ނީލަމްއަށް ގޮވާލާފައި ނިމްރާ ބުންޏެވެ. ފޮށި ހިފައިގެން ހުރި ނިމްރާ ފެނުމުން ނީލަމްއަށް ހައިރާންކަމެއް ލިބުނެއްކަމަކު ސުވާލެއް ނުކޮށް އޭނާ އަވަހަށް ގޮސް މަރިޔަމްއަށް ގޮވާލިއެވެ.
"ދަނީތަ ނިމްރާ؟" އެތެރެއިން ނުކުތް މަރިޔަމްއަށް ނިމްރާ ފެންނަން ވާއިރަށް އަހާލިއެވެ. ލުއި ހިނިތުންވުމެއް މަރިޔަމްއާ ބަދަލުކޮއްލަމުން ނިމްރާ ބޯޖަހާލިއެވެ. އަދި އަތުގައި އޮތް ދެ ތަޅުދަނޑު މަރިޔަމްއަށް ދިއްކޮށްލިއެވެ.
"ދަނީ..." ތަޅުދަނޑިތަކުގައި މަރިޔަމް ހިފުމުން މަޑުނުކޮށް ނިމްރާ ހިނގައިގަތީއެވެ.
ޓެކްސީގައި ނިމްރާ އިންއިރު އަރްސަލްއާ މެދު ނިމްރާއަށް ވިސްނުނެވެ. ޒުވާން އުމުރުގައި އޭނާގެ އަނބިމީހާއާއި ދަރިފުޅު މަރުވުމުން ކުރެވޭނެ އިހުސާސްއާ މެދު ނިމްރާ ވިސްނިއެވެ. އަރްސަލް ކަންތައް ކުރާނޭ ގޮތެއް ޚުދު ނިމްރާއަކަށް ވެސް ނޭނގެއެވެ. އޭނާއަށް އެނގޭހާ ވެސް ކަމަކީ އަރްސަލް ކޮންމެ ފަދަ ކަމެއް ކުރި ނަމަވެސް އޭނާ އެކަމަށް ކެތްކުރަން ޖެހޭނޭކަމެވެ. އިތުރު މަގެއް މިއަދު އޭނާގެ ކުރިމަތީގައި ނެތެވެ. އެފަދަ ދުވަހެއް އަންނަންދެން އޭނާ ޖެހޭނީ ކެތްތެރިކަމާއެކު ހުރިހާ ކަމަކާ ކުރިމަތިލާށެވެ. އެހެންވިޔަސް މުޅި އުމުރު އެ ގޮތުގައި ވޭތުވެގެން ހިނގައިދާނޭތީ ނިމްރާ ކަންބޮޑުވެއެވެ. ޓެކްސީ ހުއްޓުމަކަށް އައުމާއެކު ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރަށް ނިމްރާ ބަލާލިއެވެ. އާދެވުނީކަން އެނގުމުން އަވަސް އަވަހަށް ލިބިފައިވާ ހާސްކަން ފޮރުވާލާ އިސްތަށިގަނޑުގައި އަތްފުނާ އަޅާ ރީތިކޮއްލިއެވެ. އަދި ޓެކްސީއަށް ފައިސާ ދައްކާފައި ފޭބިއެވެ.
އަރްސަލްއާ ބައްދަލުކުރަން ފުރަތަމަ އައި ދުވަހު މަޑުކުރި ގޭޓު ކައިރީ ހުރެފައި ނިމްރާ އޭނާއަށް ގުޅިއެވެ. ދެތިން ފަހަރަށް ގުޅުމުން އަރްސަލް ފޯނު ނަގާ ކޮންތާކުތޯ އަހާލިއެވެ. އެ ގޭ ކައިރީގައި ނިމްރާ ހުރި ވާހަކަ ބުނުމުން މަޑުކޮއްލާށޭ ބުނެ އަރްސަލް ފޯނުކަނޑާލީއެވެ.
އަރްސަލް އިން ކެބިން އިން ނުކުމެގެން އައިސް ބެލްކަނީގައި މަޑުކޮއްލިއެވެ. ތިރިއަށް ބަލާލުމާއެކު ގޭޓު ކައިރީ ނިމްރާ ހުރިކަން އޭނާއަށް އެނގުނެވެ. ނިމްރާގެ އެއްފަޅިއާއެކު އޭނާ ހިފައިގެން ހުރި ފޮށި އަރްސަލްއަށް ފެނެއެވެ. އިރުކޮޅަކު ބަލަން ހުރެފައި އޭނާ އެނބުރި އައިސް ކެބިންއަށް ވަނެވެ.
"ކިހިނެއްވީ؟" ޕްރިންޓަރުން ނުކުތް ގަނޑުތައް ހިފައިގެން އައިސް ގޮނޑީގައި އިށީން ރާދިން އަހާލިއެވެ.
"ކަމެއްނުވޭ" ނިކަން އަވަހަށް އަރްސަލް ބުނެލިއެވެ. އަދި ކުރަން އިން މަސައްކަތައް އެނބުރިލިއެވެ.
ވަގުތު ފާއިތުވަމުންދިޔައެވެ. މެންދުރުގެ ގަދަ ހޫނުގައި ފޮށިހިފައިގެން ނިމްރާ މަޑުކޮއްލައިގެން ހުއްޓެވެ. އަރްސަލް އަންނަނީ ކަމުގައި ހީކޮއްގެންނެވެ. ނަމަވެސް އެގޮތުގައި ގަޑިއެއްގެ އިރު ފާއިތުވެގެން ދިޔައީއެވެ. ނިމްރާ ކަންބޮޑުވާންފެށީ ދެނެވެ. އަރްސަލްގެ ނަންބަރަށް ޑައިލްކޮއްލިއެވެ. ނަމަވެސް އޭނާ ފޯނެއް ނުނެގިއެވެ. ގަދަ އަވިން ނިމްރާވަނީ ކަރު ވެސް ހިއްކައިގަނެފައެވެ. އަރްސަލް އޭނާއަށް އޮޅުވާލީކަމުގައި ނިމްރާއަށް ހީކުރެވެން ފެށިއެވެ. ހުއްޓާލުމެއްނެތި އަރްސަލްއަށް ގުޅަމުން ދަނިކޮށް އަރްސަލް ފޯނު ނިވާލީއެވެ. ފޮށި ހިފައިގެން މަގުގެ އަނެއްފަރާތަށް ނިމްރާ ހިނގައިގަތެވެ. ދެން ހަދާނޭ ގޮތެއް ނޭނގިގެންނެވެ. ހާސްވެގެން ގޮސް މީހާ ދާހިތްލަން ވެސް ފަށައިފިއެވެ. މަރިޔަމްއާ ތަޅުދަނޑި ހަވާލުކޮށް އެޕާޓްމެންޓު ވެސް ދޫކޮއްލައިފައި އައީ އަރްސަލްއަށް ކިހިނެއް އިތުބާރުކޮއްފައިކަމެއް ޚުދު ނިމްރާއަކަށް ވެސް ބުނެދޭކަށް ނޭނގުނެވެ. ހާސްވި ވަރަކަށް އިސްތަށިގަނޑުގައި ނިމްރާއަށް އަތްހާކާލާ ރަނގަޅުކޮއްލެވެއެވެ. ދެން ހަދާނޭ އެއްވެސް ގޮތެއް ނިމްރާގެ ސިކުނޑިއަކަށް އެއްގޮތަކަށް ވެސް ނައެވެ. އެހެންވެ އަދިވެސް މަޑުކޮއްލަން އޭނާ ގަޞްދުކުރިއެވެ. (ނުނިމޭ)