ދުނިޔެ

މުގާބޭ ނެތި 100 ދުވަސް: ޒިމްބާބްވޭއަށް ކޮޮން ބަދަލެއް؟

ޒިމްބާބްވޭގެ ވެރިކަން 37 އަހަރު ކުރެއްވި ރޮބާޓް މުގާބޭގެ ވެރިކަން މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ވެއްޓުމުން އެ ގައުމުގެ ގިނަ ބަޔަކު އުފާފާޅުކުރި އެވެ. އޭނާއަކީ އެ ގައުމުގެ މިނިވަންކަމުގެ ބަތަލަކަށް ވިޔަަސް ވެރިކަމުގެ ފަހު ދުވަސްތަކުގައި ގައުމަށް ލިބުން ގެއްލުންތަކާ ހެދި މުގާބޭގެ ވެރިކަން ނޫން އެހެން ވެރިކަމެއް ދެކެން އެމީހުން ތިބީ ކެތް މަދުވެފަ އެވެ.

މުގާބޭއަށް ފަހު ވެރިކަމަށް ވަޑައިގެންނެވި އެމާސަން ނަންގަގްވާއަކީ އޭގެ ހަމަ ކުޑަ ދުވަސްކޮޅެއް ކުރިއާ ޖެހެންދެން މުގާބޭގެ ސަރުކާރުގެ ދެ ވަނައިގައި ހުންނެވި ބޭފުޅާ އެވެ. މުގާބޭގެ ވެރިކަން ނިމުމަކަށް އައީ ވެސް "އެއްވަނަ ނައިބު ރައީސް" ކަމުގެ މަގާމުން ނަންގަގްވާ ދުރުކުރުމުން އުފެދުނު ގަޑުބަޑެއްގަ އެވެ. ނަންގަގްވާ އަކީ މުގާބޭގެ ވެރިކަމުގައި ރަނގަޅަށް މެކިވަޑައިގެން ހުންނެވި ބޭފުޅަކަށް ވިޔަސް އޭނާގެ ވެރިކަމުގައި ގައުމަށް ބަދަލެއްް އަންނާނެ ކަމަށް ޒިންމާބްވޭ މީހުން ގަބޫލު ކުރި އެވެ.

ނަންގަގްވާގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުން އައި ބަދަލުތަކާމެދު އެ ގައުމުގެ ބައެއް ރައްޔިތުންް ދެކޭ ގޮތް ހިމަނައިގެން އަލްޖަޒީރާ އިން މިދިޔަ ހަފުތާގައި ވަނީ ރިޕޯޓެއް ޝާއިއުކޮށްފަ އެވެ. އެ ރިޕޯޓަށް މައުލޫމާތު ދިން މީހުންގެ ހިޔާލު އެކަމުގައި ހުރީ ތަފާތު ގިނަ ގޮތް ގޮތަށެވެ.

ބައެއް ބަދަލުތައް

ނަންގަގްވާ ރައީސްކަމަށް ވަޑައިގަތް ދުވަހުން ފެށިގެން ޒިމްބާބްވޭގެ ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުން ހިލޭ ބޭސްފަރުވާ ކޮށްދޭން ވަނީ ފައްޓަވާފަ އެވެ. ގެންނެވި އަނެއް ބަދަލަކީ ތެލުގެ އަގު ހެޔޮ ކުރެއްވުމެވެ. ޒިމްބާބްވޭގެ ރަށްތަކުގެ މަގުތަކުގައި ބަހައްޓާފައިވާ ރޯޑް ބްލޮކްތައް ނަގައި ޓްރެފިކް ގަވައިދާ ހިލާފުވާ މީހުން ވަގުތުން ޖޫރިމަނާ ކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ. އެއީ ރަނގަޅު ބަދަލުތަކެއް ކަމަށް ގިނަ މީހުން ދެކެއެވެ.

ހާއްސަ އެންޓިކޮރަޕްޝަން ކޮމިޝަނެއް އުފައްދަން މަސައްކަތް ފެށުމާއި ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތު ކުރެވޭ މީސްމީހުން ހައްޔަރުކުރަން ފެށުން ވެސް ރަނގަޅެވެ.

ކުރިން ޓީޗަރުކަން ކޮށްފައިވާ އުމުރުން 57 އަހަރުގެ އިޑާ ސިބަންޑާ އާއި އެހެން ބައެއް މީހުން ދެކޭ ގޮތުގައި ކޮރަޕްޝަން ހުއްޓުވަން އަދި އެއަށް ވުރެ އިތުރަށް މަސައްކަތް ކުރަން ޖެހެއެވެ.

"އޭނާ މިހާތަނަށް މަސައްކަތް ކުރައްވާފައި ވަނީ ވަރަށް ރަނގަޅަށް. ރޯޑް ބްލޮކްތައް ނަގައި ކޮރަޕްޓް މީހުން ވަނީ ހައްޔަރުކޮށްފައި. އެކަމަކު އޭނާގެ އަމއިްލަފުޅު ކެބިނެޓުގައި ވެސް އެބަ ތިބި ޖަލަށްދާން ޖެހޭ މީހުން،" ސިބަންޑާ ބުންޏެވެ.

ކޮރަޕްޝަނާ ދެކޮޅަށް ފެއްޓެވި މަސައްކަތްޕުޅުގައި ނަންގަގްވާ އެޅުއްވި އެއް ފިޔަވަޅަކީ ނުހައްގުން ހޯދައި ގައުމުން ބޭރުކޮށްފައިވާ ފައިސާ އަނބުރާ ގައުމަށް ގެންނަން އެފަދަ ކަންކަމުގައި ޖެހުނު މީހުންނަށް މުހުލަތެއް ދެއްވުމެވެ. ޑިސެމްބަރުމަހުން ފެށިގެން ތިން މަސްދުވަސް އެފަދަ މީހުންނަށް ދެއްވިއެވެ.

ނަންގަގްވާގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގަައި ކޮރަޕްޝަނުން ހޯދައި ގައުމުން ބޭރުކޮށްފައިވާ ކަމަށް އަންދާޒާ ކުރެވިފައިވާ 1.3 ބިލިޔަން ޑޮލަރުގެ ތެރެއިން 250 މިލިޔަން ޑޮލަރު މިހާރު ވަނީ އަނބުރާ ގެނެވިފަ އެވެ.

ޒިމްބާބްވޭ ދުނިޔެއަށް އަލުން ހުޅުވާލައި، އެގައުމުގެ އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް ވެސް ފިޔަވަޅުތައް ވަނީ އަޅުއްވާފަ އެވެ. އެގޮތުން ބެލާރުސް އާއި ރަޝިޔާ އަދި ޗައިނާއާއި އެކު ވިޔަފާރި އާއި އިގުތިސާދުގެ އެއްބަސްވުންތައް ވަނީ ގާއިމް ކޮށްފަ އެވެ. އެފްރިކާގެ ދެކުނު ސަރަހައްދުގައިވާ އެންމެ ފެންވަރު ރަނގަޅު ރޭލްވޭ ނިޒާމުގެ ގޮތުގައި އޮތުމަށް ފަހު މިހާރު ވީރާނާވެފައިވާ ރޭލްވޭ ރަނގަޅު ކުރަން ވެސް އަގު ބޮޑު މަޝްރޫއެއް ވަނީ ފައްޓަވާފަ އެވެ. އެގޮތުން ރޭލާއި އިންޖީނު ގަތުމަށް ކޮރެއާއާ އެކު 400 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ ގާއިމްކޮށްފަ އެވެ. މިހާރު އެންމެ 50 ޕަސެންޓް އޮޕަރޭޓް ކުރާ އެ ރޭލްވޭ ރަނގަޅު ވުމަކީ ވެސް ޒިމްމާބްވޭ މީހުންނަށް ކުރިއެރުން ލިބޭނެ ކަމެކެވެ.

ވަޒީފާ އުފައްދާނެ ކަމަށް ކުރި އުއްމީދު

ދަގަނޑު ތަޅާ މީހެއް ކަމަށްވާ އުމުރުން 48 އަހަރުގެ ގިލްބަޓް ނިޔޯނީ ބުނެފައިވާ ގޮތުގައި ޒިމްބާބްވޭގެ ކޯލްޑް ސްޓޯރޭޖް ކޮމްޕެނީ (ސީއެސްސީ) އަށް ސަރުކާރުން ދިން 40 މިލިޔަން ޑޮލަރުގެ އެހީގެ ސަބަބުން އެ ކުންފުނި އަލުން ހިނގައިގަންނާނެ ކަމުގެ އުއްމީދު ވަނީ ލިބިފަ އެވެ. އެއީ ޒިމްބާބްވޭގައި އެއްގަމު މަހުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އައި ކުންފުންޏެވެ. ނިޔޯނީ ބުނަނީ އެ ކުންފުނި ފުރިހަމައަށް ހިނގަން ފެށުމަކީ އިތުރު ވަޒީފާތައްް އުފެދޭނެ ކަމެކެވެ.

"އަހަރެންނަށް އިހުސާސްވޭ ބައެއް ބަދަލުތައް. އެއީ ކުދި ބަދަލުތަކަކަށް ވިޔަސް. ކަންތައްތައް އަހަރެމެން ބޭނުންވާ ހިސާބަށް ނުގޮސްދާނެ. އެކަމަކު އަހަރެންނަށް ހީވަނީ ސަރުކާރުން މަސައްކަތް ކުރަމުން ދާނަމަ އަހަރެމެންނަށް އެހިސާބަށް ދެވޭނެ ހެން. ސަރުކާރުންް ވައުދުވެފައިވާ ގޮތަށް ސީއެސްސީއާއި އެނޫން ކުންފުނިތައް އަލުން ހުޅުވިއްޖެ ނަމަ ހަގީގަތުގައި ވެސް މީހުނަށް ވަޒީފާ ލިބޭނެ" ނިޔޯނީ އަލްޖަޒީރާއަށް

ސީއެސްސީގެ ކައިރީގައިވާ ވޯކްޝޮޕެއްގައި ފަނޑު އައްޔެއްގައި އިނދެ ސޯފާ ހެދުމުގެ މަސައްކަތް ކުރާ ، އުމުރުން 27 އަހަރުގެ މާޝަލް ޒުވަންދަރަސަރާ ބުނި ގޮތުގައި ބަދަލެއް ނާދެ އެވެ.

"ސަތޭކަ ދުވަސް ފަހުން އަހަރެންނަކަށް ނުފެނޭ ބަދަލެއް. ކަމެއް ބަދަލުވީ ނަމަ ވީ ކުރިން އޮތް ވަރަށް ވުރެ ގޯސް. އަހަރެން މިހިރީ އިގުތިސާދު ރަނގަޅުވަނީ ކިހާ ދުވަހަކުންތޯ ބަލަން،" އޭނާ ބުނެފައި ވެއެވެ.

ޒުވަންދަސަރާ ފަދަ މީހުންނަށް ނަންގަގްވާ ވަނީ ޖަވާބެއް ދެއްވާފަ އެވެ. އޭނާ އެދިވަޑައިގަންނަވަނީ ކެތްތެރިވާށެވެ. ވެރިކަމަށް 100 ދުވަސް ފާހަގަ ކުރެެއްވުމަަށް އާއްމު ކުރެއްވި ވީޑިއޯއެއްގައި މީހުންނަށް އޭނާ ހަނދާަންކޮށްދެއްވާފައި ވަނީ ބަދަލަކީ އެއްރޭ ނިދާފާ ހޭލާހާ އަވަހަށް ވާނެ ކަމެއް ނޫންކަމެވެ.

"އަހަރެމެން ހަގީގަތް ގަބޫލުކުރަން ޖެހޭނެ. އިގުތިސޯދު އަލުން ރަނގަޅު ކުރަން 100 ދުވަހަށް ވުރެ ގިނަ ދުވަސް ހޭދަވާނެ. ހަގީގީ ބަދަލަށް ވަގުތު ހޭދަވާނެ" ވީޑިއޯގައި ނަންގަގްވާ ވިދާޅުވެފައި ވެއެވެ.