ބޮލީވުޑްގައި ބުރަ މަސައްކަތްކޮށްގެން އަމިއްލަ ހުނަރު ދައްކައިގެން މަޝްހޫރުކަން ހޯދި ދެ މީހުނަށް ކަންގްނާ ރަނާއުތް އަދި ރާޖްކުމާރް ރާއޯ ވާނެ އެވެ. މީގެ ކުރިން މި ދެ ތަރިން ފުރަތަމަ ފަހަރަށް އެއްކޮށް ފެނިގެންދިޔަ ފިލްމު "ކުއީން" އިން މި ދެ ތަރިންނަށް ބޮޑު ތަރުހީބެއްވެސް ލިބުނެވެ.
އޭގެ ފަސް އަހަރުފަހުން މި ދެ ތަރިން އެއްކޮށް އަނެއްކާވެސް ފިލްމެއްގެ މަސައްކަތް ކުރަމުން އެބަދެ އެވެ. އެއީ ބަލާޖީ ޕިކްޗާސްގެ ފިލްމު "މެންޓަލް ހޭ ކިޔާ" ގެ މަސައްކަތެވެ. އެ ފިލްމުގެ ފަސްޓުލުކް ވަނީ މިދިޔަ އާދިއްތަ ދުވަހު އާންމުކޮށްފަ އެވެ.
އެ ޕޯސްޓަރުގައި އެ ދެމީހުން ފެންނަ ގޮތް ތަފާތުކަމަށް ބުނެ ވާހަކަ ދެކެވެމުންދަނިކޮށް މިއަދު ވަނީ އަނެއްކާ އިތުރު ދެ ޕޯސްޓަރެއް އާންމުކޮށްފަ އެވެ. މިއަދު އާންމުކުރި ޕޯސްޓަރުން ފެންނަ ގޮތުގައި އެ ފިލްމުގައި ކަންގުނާ އަދި ރާޖްކުމާރް ރާއޯގެ ފެނިގެންދާނީ މީގެ ކުރިން ނުފެންނަ ތަފާތު ލުކްއަކުންނެވެ.
އެ ފިލްމަކީ ކަނީކާ ދިލޮންގެ ވާހަކައަކަށް، ގައުމީ އެވޯޑު ހާސިލުކޮށްފައިވާ ޓެލުގޫ ފިލްމު ޑައިރެކްޓަރު ޕްރަކާޝް ކޮވެލާމުޑީ ޑައިރެކްޓުކުރާ ފިލްމެކެވެ. އެ ފިލްމަކީ މަޝްހޫރު ހިންދީ ޑްރާމާ ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ ބަލާޖީ ޕިކްޗާޒް އާއި ޝައިލޭޝް އާރް ސިންހު ގެ ކަރްމާ މީޑިއާގެ ކުޑައިގެ ދަށުން ގެނެސްދޭ ފިލްމެކެވެ.
އެކްތާ ބުނީ އެ ފިލްމަކީ މުޖުތަމައުއަށް ހާއްސަ މެސެޖެއްދޭ ގޮތަށް ގެނެސްދޭ ކޮމެޑީ ފިލްމެއް ކަމަށެވެ. ކޮންމެ މީހެއްގެވެސް އުނި ސިފަތަކެއް ހުންނާނެ ކަމަށާއި މިޒާޖުގައިވެސް ތަފާތު ކަންކަން ހުންނަ ކަމަށެވެ. އެކަންކަމާއެކުވެސް ކޮންމެ މީހަކަށް މުޖުތަމައުގައި ހަމެޖެހިގެން އުޅުމުގެ ފުރުސަތު ލިބެންޖެހޭނެކަން އެ ފިލްމު ބުނެދޭނެ ކަމަށް އެކްތާ ބުންޏެވެ.
ރާޖްކުމާރް ރާއޯގެ މިދިޔަ އަހަރު ނިކުތް ފިލްމު "ނިއުޓަން" އަށް ކްރިޓިކުން ބޮޑު ތަރުހީބެއް ލިބުނެވެ. މިއަހަރުގެ އޮސްކާގައިވެސް އެ ފިލްމު ބައިވެރިކުރި އެވެ. ކަންގުނާއަށް ބަލާއިރު އޭނާގެ އެންމެފަހުން ނިކުތް ފިލްމު "ސިމްރަން" އަށް އާންމުންނާއި ކްރިޓިކްގެ ފަރާތުން ބޮޑު ތަރުހީބެއް ނުލިބުނެވެ. ނަމަވެސް އޭނާގެ ކުރިއަށް އޮތް ފިލްމު "މަނިކަރްނީކާ" އަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.