އައްމާން (21 ޑިސެމްބަރު) – ޕާކިސްތާނުގެ ޕިޝާވަރުގައި ދިން ހަމަލާ އަށް ފަހު އެގައުމުން ވެސް ވަނީ މަރުގެ ހުކުމް ތަންފީޒުކުރަން އަލުން ފަށައިފަ އެވެ.
މަރުގެ ހުކުމް ތަންފީޒުކުރުން މެދުކަނޑާލާފައި އޮންނަތާ އަށް އަހަރު ފަހުން އުރުދުންގައި ވެސް މިއަދު މަރުގެ ހުކުމް ތަންފީޒުކުރަން އަލުން ފަށައިފި އެވެ. އެގައުމުން ވަނީ މަރުގެ ހުކުމް އިއްވާފައިވާ 11 މީހެއްގެ މައްޗަށް މިއަދު ހެނދުނު ހުކުމް ތަންފީޒުކޮށްފަ އެވެ.
މަރުގެ ހުކުމް ތަންފީޒުކުރުން އުރުދުންގައި މެދުކަނޑާލީ 2006 ވަނަ އަހަރު އާންމުކުރި ހާއްސަ ގަރާރެއްގެ ދަށުންނެވެ. މި ގަރާރު އުވާލި ސަބަބު އެގައުމުން ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް ބެލެވޭ ގޮތުގައި މަރުގެ ހުކުމް އެގައުމުގައި އަލުން ތަންފީޒުކުރަން ފަށާފައި ވަނީ އާންމުންގެ ފިއްތުންތަކާ ގުޅިގެންނެވެ. އުރުދުންގެ ދާޚިލީ ވަޒީރު ހުސެއިން މަޖާލީ ވިދާޅުވެފައި ވަނީ މުޖުތަމައުގައި ކުށްކުރާ މީހުން އިތުރުވުމުން އާންމުން ކުށްވެރިކުރަމުން ދަނީ ސަރުކާރު ކަމަށާއި އެމީހުން ބުނަނީ ހުރިހާ ވެސް މައްސަލަ އަކީ މަރުގެ ހުކުމް ތަންފީޒުނުކުރުން ކަމަށެވެ.
އުރުދުންގައި މަރުގެ ހުކުމް ތަންފީޒުކުރަނީ ދަންޖައްސައިގެންނެވެ. ދަންޖައްސައި މަރާލި 11 މީހުންނަކީ 2005 ވަނަ އަހަރާއި 2006 ވަނަ އަހަރު މަރުގެ ހުކުމް އިއްވާފައިވާ މީހުންނެވެ.
މަރުގެ ހުކުމް ތަންފީޒުކުރާ ގައުމުތަކުގެ ލިސްޓަށް އުރުދުން އެނބުރި އައިސްފައިވާއިރު މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގައި މިކަން އަލުން ފަށާފައިވާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ސައޫދީ އަރަބިއްޔާގައި ވެސް މިދިޔަ އަހަރު ގިނަ ކުށްވެރިންތަކެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވެ އެވެ.
އެގައުމުން މަރުގެ ހުކުމް ތަންފީޒުކުރި މީހުންގެ އަދަދު ހާހަކަށް ވުރެ މަތީގައި އުޅޭއިރު މި ލިސްޓްގެ ދެ ވަނާގައި އޮތީ އީރާނެވެ. ތިން ވަނާގައި އިރާގު އޮތްއިރު ދެން އޮތީ ސައޫދީ އެވެ.
އެއަށް ފަހު ލިސްޓްގެ ފަސް ވަނާގައި އޮތީ އިންސާނީ ހައްގުތަކަށް އެންމެ ބޮޑަށް އަޑުއުފުލާ އެމެރިކާ އެވެ.
ކުށްކުރުން އިތުރުވަމުންދާއިރު ރާއްޖެ ވެސް ދަނީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ތައްޔާރުވަމުންނެވެ.