ހަބަރު

އަދުރޭ ގާސިމަށް ފާޑުކިޔަނީ މަޖުބޫރުވެގެން: ސަމީރު

Mar 6, 2018
7

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ، އަދުރޭ ފާޑުވިދާޅުވެ ވާހަކަ ދައްކަވަނީ އެ ނޫން ގޮތެއް ނެތިގެން ކަމަށް ޖުމްހޫރީ ޕާޓީގެ އެސްޖީ އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއިން ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އަދުރޭ ގާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެވެ. އަދި ކޮންމެ ދުވަހަކު ވެސް ގާސިމް ދައުލަތަށް ގިނަ ފައިސާތަކެއް ދައްކަންޖެހޭ ކަމަށް ވިދާޅުވެ އެ މައްސަލަތައް ކޯޓުތަކުން އަވަހަށް ނިންމުމަށް ގޮވާލައްވަ އެވެ.

މިއަދު ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަމީރު ވަނީ އަދުރޭއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ސަމީރު ވިދާޅުވީ، ފައިސާތަކެއް ދައްކަން ޖެހިފައި އޮތް ނަމަވެސް އެއީ އަދުރޭ ބެހޭ ކަމެއް ނޫން ކަމަށެވެ. ފައިސާތަކެއް ދައްކަންޖެހޭނަމަ އެކަން އިއުލާން ކުރާނީ މީރާއިން ކަމަށާއި އަދުރޭ ނޫން ކަމަށެވެ.

ސަމީރު ވިދާޅުވި ގޮތުގައި އަދުރޭ އެ ވާހަކަތައް ދައްކަވަނީ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެންނެވެ. އަދި އެ ނޫން ގޮތެއް އަދުރޭއަށް ނެތް ކަމަށް ގާސިމަށް ގުޅުއްވާ އަދުރޭ ވިދާޅުވާ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

"ގާސިމްއާ އަޅައިގަނެގެން ވަރަށް ބޮޑަށް ހިތްޕުޅާ ވެގެން މި އުޅެނީ މި ބޭފުޅުން، އަނެއްކާ އެ ވާހަކަތައް ދައްކަވާފަ ގުޅުއްވާފަ އެބަ ވިދާޅުވާ ވެރިޔާއޭ އެއްގޮތަކަށް ވެސް އެހެން ބުނި އެއްޗެއް ނޫނޭ، ތިމަންނަމެންނަށް ހަމަ މަޖުބޫރީއޭ،" ސަމީރު ވިދާޅުވި އެވެ.

އެގޮތަށް އުޅުމަށްވުރެ ރައްޔިތުންނާއެކު އިދިކޮޅާ ގުޅިވަޑައިގަތުން މާރަނގަޅުވާނެ ކަމަށް ސަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންއާއެކު ހުރެގެން ވާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. މުޅި ދައުލަތް ވަނީ ފަސާދަވެފަ ކަމަށެވެ. އެ ދައުލަތް ދިފާއުކުރަން ދެއްކޭނީ ފަސާދަވެފައިވާ ވާހަކަތައް ކަމަށެވެ.

ސަމީރު ވަނީ ޕީޕީއެމް ނޫސްވެރިންގެ ބައްދަލުވުމުގައި މީހުންގެ އަބުރަށް އަރައިގަތުމަށް ނުއިންނަވާ ރައްޔިތުން އެދޭ ގޮތަށް ރަނގަޅު މަގަށް ވަޑައިގަތުމަށް އަދުރޭއަށް ގޮވާލައްވާފަ އެވެ.