ހަބަރު

އެސްއޯގެ ކުރީގެ ކޮމާންޑަރަކު ހައްޔަރުކޮށްފި

ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ)ގެ ކުރީގެ ކޮމާންޑާ، އަބްދުﷲ އިބްރާހިމް(ޑީޑީ) މިއަދު ހައްޔަރުކޮށްފި އެވެ.

ޑީޑީ ހައްޔަރުކުރީ އޭނާ އާއިލާއާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓަ އެވެ. ގއ. ގެމަނަފުށީ ޕޮލިސް ސުޓޭޝަނުގައި މަސައްކަތް ކުރަމުން ދަނިކޮށް މާލެ އަންނަން ފުލުހުން އޭނާއަށް އެންގީ މިއަދެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ޑީޑީ ހައްޔަރުކޮށްފައިވަނީ ސިޔާސީ ލީޑަރުން ހިމެނޭގޮތަށް ނުވަ މީހަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ ފްބުރުއަރީމަހުގެ ފުރަތަމަ ދުވަހު ކުރި އަމުރާ ގުޅިގެން ފުލުހުންގެ ތެރޭގައި ބައިބައިވުން އުފައްދަން އުޅުނު ކަމުގެ ތުހުމަތަށެވެ.

އެ ތުހުމަތުގައި ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް، އާއި އިތުރު ފަސް ފުލުހަކު ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރުމަަށް ފަހު ސައިފް ވަނީ ފުލުހުންގެ ވަޒީފާއިން ވެސް ވަކިކޮށްފަ އެވެ.