ހަބަރު

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މާދަމާ އިން ފެށިގެން އަގު ހެޔޮކުރަން ކުންފުނިން މިރޭ ނިންމައިފި އެވެ.

އެސްޓީއޯ އިން ބުނީ ޑީސަލް ލީޓަރަކުން 20 ލާރި އަގު ހެޔޮކޮށްފައި ވާއިރު ޕެޓްރޯލް ލީޓަރަކުން 30 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ.

މާދަމާ އިން ފެށިގެން އެސްޓީއޯ އިން ޑީސަލް ލީޓަރެއް ވިއްކާނީ 10.21 ލާރި އަށް އަދި ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.11 ލާރި އަށެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް އެންމެ ފަހުން ބަދަލެއް ގެނައީ މިދިޔަ ޖެނުއަރީ މަހުއެވެ. އޭރުގައި ތެލުގެ އަގު ބޮޑު ކުރީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ވިއްކާ އަގު ބޮޑުވުމުން ކަމަށް އެކުންުފުނިން ބުންޏެވެ. އެ ފަހަރު ޑީސަލް ލިޓަރަކުން 80 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 54 ލާރި އަގު ބޮޑުކުރި އެވެ.

މީގެ ކުރިން އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެ ފަހަރު ތެލުގެ އަގު ހެޔޮ ކުރީ، އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން ގެނައި އިސްލާހަކުން ، ތެލުން ނަގާ ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރުމުންނެވެ.