ހަބަރު

ކެންޑީގައި ތިބި ދިވެހިން ރައްކާތެރިވާން އިރުޝާދު ދީފި

ސްރީލަންކާގެ ކެންޑީ ގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން ހަމަނުޖެހުންތަކެއް ހިންގުމުން އެރަށުގައި ތިބި ދިވެހިން ރައްކާތެރިވެ ތިބެން ރާއްޖޭގެ ސަފާރާއިން އިރުޝާދު ދީފިއެވެ.

ލަންކާގަައި ހުންނަ ރާއްޖޭގެ ސަފާރާއިން ސޯޝަލް މީޑިއާ ޓްވިޓާގައި މިއަދު އާއްމު ކުރި އިރުޝާދުގައި ބުނީ ކެންޑީގައި ދިރިއުޅޭ އަދި އެކި އެރަށަށް މިވަގުތު ގޮސް ތިބި ދިވެހިން ވަރަށް މުހިއްމު ބޭނުމެއްްގައި ނޫނީ ގެއިން ނުނިކުމެ ތިބުމަށެވެ.

ކެންޑީއާއި އަމްޕާރާގައި މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުން ތަކާ ގުޅިގެން މުޅި ލަންކާގަައި މިއަދު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައެެވެ. ލަންކާ ސަރުކާރުގެ ތަރުޖަމާނާ ހަވާލާ ދީ އަލްޖަޒީރާއިން ބުނީ މުޅި ސްރީ ލަންކާއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ އެކި ދީންތަކުގެ މީހުންގެ މެދުގައި ހަމަނުޖެހުން އުފައްދާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ 10 ދުވަހުގެ މުއްދަތަކަށެވެ.

ލަންކާގައި ކުއްލި ހާލަތު އިއުލާނު ކޮށްފައި ވާތީ އެކަމަށް ސަމާލުވާން ވެސް ސަފާރާއިން ވަނީ އިރުޝާދު ދީފައެވެ.

"ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސްރީލަންކާ ސަރުކާރުގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކުގެ އެންގެވުމާއި ނަސޭހަތްތަކަށް ސަމާލުވެވަޑައިގެން އެއާ އެއްގޮތަށް އަމަލުކުރެއްވުމަށް ސްރީލަންކާގައި ތިއްބެވި އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން،" ސަފާރާގެ ޓްވީޓްގައި ބުނެފައި ވެއެވެ.

ސްރީލަންކާގެ އާބާދީގެ 10 ޕަސެންޓަކީ މުސްލިމުންނެވެ. އެމީހުންނާ ދެކޮޅަށް ބުޑިސްޓުން ކުރީ ފަހަރުތަކުގައި ހިންގި ހަމަނުޖެހުންތައް ވަރަށް ނުރައްކާތެރި ހާލަތަކަށް ގޮސް މީހުން މަރާފައި ވެސްވެ އެވެ. ލަންކާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތަކުގެ ފަހަތުގައި އޮތީ ބުޑިސްޓުންގެ ހަރުކަށި ވަތަނީ ޖަމާއަތެއް ކަމަށްވާ ބޮޑުބަލަސޭނާ ކަމަށް އެ ގައުގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.