ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ)ގެ ކުރީގެ ކޮމާންޑަރު އަބްދުﷲ އިބްރާހިމް(ޑީޑީ) ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިރޭ ވިދާޅުވީ "ފުލުހުންގެ އިންސްޕެކްޓާ އޮފް ޕޮލިސް އަބުދުﷲ އިބުރާހީމް ފުލުހުންގެ މަރުކަޒަށް ގެނައީ ކުރަމުންދާ ތަހުގީގަކާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް" ކަމަަށެވެ. އަދި ވިދާޅުވީ އޭނާ ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް އަބުދުﷲ އިބުރާހީމް މިވަގުތު ހުރި ތަނަކާ ބެހޭ ގޮތުން ޕޮލިސް މީޑިއާ ވައިބާ ގްރޫގައި ތަކުރާރުކޮށް ކުރި ސުވާލުތަކަށް ޝިފާން ޖަވާބެއް ނުދެއްވައެވެ.
ޑީޑީ ހައްޔަރުކުރީ( ފުލުހުންގެ ތަރުޖަމާނު ވިދާޅުވާ ގޮތުގައި ނަމަ ފުލުހުންގެ މަރުކަޒަށް ގެންދިޔައީ) އޭނާ އާއިލާއާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓަ އެވެ. ގއ. ގެމަނަފުށީ ޕޮލިސް ސުޓޭޝަނުގައި މަސައްކަތް ކުރަމުން ދަނިކޮށް މާލެ އަންނަން ފުލުހުން އޭނާއަށް އެންގީ މިއަދެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ޑީޑީ އާ ސުވާލުކުރަނީ ސިޔާސީ ލީޑަރުން ހިމެނޭގޮތަށް ނުވަ މީހަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ ފްބުރުއަރީމަހުގެ ފުރަތަމަ ދުވަހު ކުރި އަމުރާ ގުޅިގެން ފުލުހުންގެ ތެރޭގައި ބައިބައިވުން އުފައްދަން އުޅުނު ކަމުގެ ތުހުމަތަށެވެ.
އެ ތުހުމަތުގައި ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް، އާއި އިތުރު ފަސް ފުލުހަކު ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރުމަަށް ފަހު ސައިފް ވަނީ ފުލުހުންގެ ވަޒީފާއިން ވެސް ވަކިކޮށްފަ އެވެ.