ހަބަރު

ރާއްޖެއަށް ޖެހެނީ އިރުވައި ފުޅަނތްގަށް ޖެހޭ ދަތުރު: އަޒްލީން

ރާއްޖޭގެ މިނިވަަންކަަމަށް އެތެރޭންނާއި ބޭރުން ހަމަލާތައް އަންނަމުން ދަނީ އިރުވައި މޫސުމުގެ ފުޅަނތްގަކަށް ޖެހޭ ހާލާ އެއްފަދަ ގޮތަކަށް ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އަހުމަދު އަޒްލީން މިސާލު ޖައްސަވައިފިއެވެ.

ރާއްޖޭގައި ފާހަގަ ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލްގައްޔޫމު ދާދި ފަހުން ކަނޑައެޅުއްވި "ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަސް" ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކުރައްވައި ވާހަކަ ދައްކަވުމުން މިނިސްޓަރު ވިދާޅުވީ އެ ވާހަކަ ވިދާޅުވާން ޖެހެނީ ހިތާމައާއި ހިތްދަތިކަމާ އެކުގައި ކަމަށެވެ.

"ހިތާމައާ ހިތްދަތިކަމާއެކު ދަންނަވަން ޖެހެނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް ޖެހިފައިވާ ދަތުރެކޭ އިރުވައި މޫސުމުގެ ކުރަނތްގަކަށް ޖެހޭ ދަތުރެކޭ ހަމަ އެއްގޮތޭ. މައްޗަށް އަރައިފިއްޔާ ހޯރަ. އަޑިއަށް ހިނގައްޖެއްޔާ ހިބަރު. ރާއްޖޭގެ މިނިވަން ކަމަށް ވެސް މިވަނީ ހަމަ މިކަހަލަ ގޮތެއް. އެއް ފަހަރު ގައުމުގެ އެތެރޭން ހަމަލާ. އަނެއްބައި ފަހަރު ގައުމުގެ ބޭރުން ހަމަލާ،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ވިދާޅުވުމަށް ފަހު ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އެރި ބައެއް ހާދިސާތައް ދިވެހި ތާރީހުން ވިދާޅުވެދެއްވިއެވެ. ތާރީހުގެ ވާހަކަ ދައްކަވަމުން ވަޑައިގެން ރާއްޖޭގެ ފުރަތަމަ ރައީސް ސުއްމުވުލް އަމީރު މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު މަގާމުން ދުރުކޮށް އަވަހާރަކޮށްލި ހާދިސާ ވެސް ސިފަކުރެއްވީ އެތެރޭގެ ހަމަލާއެއްގެ ގޮތުގައެވެ. އަދި ވިދާޅުވީ ތާރީހީ އެހާދިސާތަކާ މެދު މިއަދު ވިސްނަން ޖެހޭ ކަމަށެވެ.

"މިއީ މިއަދު އަޅުގަނޑުމެން ވިސްނާ ގޮތް ނިންމަން ޖެހިފައި އޮތް ކަމެއް،" އަޒްލީން ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ނައިބު ރައީސް އަބުދުﷲ ޖިހާދާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.