ހަބަރު

ޕޯސްޓްމޯޓަމް ހަދަން ޝާހިދާގެ ހަށިގަނޑު އިންޑިއާއަަށް ގެންގޮސްފި

ހދ. ނޮޅިވަރަމްގައި ދަންޖެހި މަރުވެފައި ހުއްޓާ މިދިޔަ ހުކުރު ދުވަހުގެ ފަތިހު ފެނުނު އެރަށު ކިނާރާ ނަމަކަށް ކިޔާ ގޭ ޝާހިދާ އަލީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން އެހަށިގަނޑު އިންޑިއާއަށް ގެންގޮސްފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިރޭ ވިދާޅުވީ ޝާހިދާގެ ހަށިގަނޑު އިންޑިއާގެ ތިރުވަނަންތަޕޫރަމް (ޓްރިވެންޑްރަމް) އަށް ގެންދިޔައީ ފުލުހުން ކުރަމުން އަންނަ މަރުގެ ތަހުގީގަކަށް ޕޯސްޓް މޯޓަމް ހެދުމަށް ކަމަށެވެ.

ޝާހިދާގެ މަރުގައިޝައްކުތަކެއް އުފެދޭ ކަންކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ކުރިން ބުންޏެވެ. ނަމަވެސް ޝާހިދާގެ މަރުގެ ތަހުގީގާ ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. މިހާރުވެސް ތަހުގީގުކުރަމުންދާ އެ މައްސަލާގައި އެއްވެސް މީހަކުވެސް ހައްޔަރުކޮށްފައެް ވެސް ނުވެ އެވެ.

ޝާހިދާގެ ހަށިގަނޑު ފުލުހުންގެ ތަހުގީގަށް މާލެ ގެނައުމާއެކު އާއިލާގެ ފަރާތުން މާލެ އައި ޝާހިދާގެ ގާތް އާއިލީ މެންބަރަކު "އަވަސް" އަށް ބުނީ ޝާހިދާގެ މަރާ ގުޅިގެން ޝައްކުތަކެއް ހުރިކަމަށް ފުލުހުން ބުނެ އެކަން ތަހުގީގުކުރަމުންދާ އިރު އެކި ފަރާތްތަކުން މީޑިއާތަކަށް ދޭ މައުލޫމާތުތަކާ މެދު އެ އާއިލާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

އޭނާ ބުނީ ޝާހިދާގެ އާއިލާއަށް އޮތް ހިތާމަވެރި މި ދަނޑިވަޅުގައި އެކި ފަރާތްތަކާ ހަވާލާދީ ޝާހިދާއާބެހޭ ގޮތުން ގެނެސްދޭ ވާހަކަތަކަުގެ އާއިލާއަށް ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން އިތުރުވާ ކަމަށެވެ. އެހެންވެ އެގޮތް މެދުވެރިވާނެ ވާހަކަތަކަަށް ޝާއިއު ނުކުރުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑުމެން ވެސް ބޭނުންވެފައި މިތިބީ އެކަން ވީގޮތެއް އޮޅުންފިލަން. ނަމަވެސް ފުލުހުން ވަކި އެއްޗެއް ނުބުނަނީސް ވަކި މީހަކާ ދިމާލަށް އިނގިލި ދިއްކުރެވޭ ކަހަލަ ގޮތަކަށް ވާހަކަތައް ފެތުރިގެންދިއުމަކީ އާއިލާ ބޭނުންވާ ކަމެއް ނޫން. އެއީ ޝާހިދާގެ ދަރިން ވެސް ބޭނުންވާނެ ގޮތެއް ނޫން،" އޭނާ ބުންޏެވެ.

"މިހާރު އެންމެ ބޮޑު އިސްކަމެއް މި ދެނީ ޝާހިދާގެ ޖަނާޒާގެ ކަންކަން ވީހާވެސް އަވަހަށް ކުރިއަށް ގެންދަން މި ދަނޑިވަޅުގައި އަޅުގަނޑުމެން ބޭނުމެއް ނުވޭ ހިތްހަމަ ނުޖެހުމާއި ކަންބޮޑުވުން އާއިލާގެ ތެރޭގައި އުފެދިދާނެ ގޮތަށް ވާހަކަ ފެތުރުމަށް،" އޭނާ ބުންޏެވެ.

ކުޑަ ދެކުދިން ވެސް ތިބޭ ޝާހިދާ މަރުވެފައި ވަނިކޮށް ފެނުނީ ދިރިއުޅޭ ގޭގެ ގިފިލިންނެވެ. އެނގިފައިވ ގޮތުގައި ޝާހިދާއަކީ މީގެ ދުވަސްކޮޅެއް އެ ރަށުން ގެއްލިގެން ހޯދި އަންހެން މީހާ އެވެ. އެ ފަހަރު ފެނުނީ ވަލު ތެރެއިންނެވެ. އޭނާ ދިރިއުޅުނު ގޭގެ ސަރަހައްދު އަދިވެސް ފުލުހުން ވަނީ ބަންދުކޮށްފަ އެވެ.