ހަބަރު

ސީޝެލްސް ޕާލަަމެންޓުގެ ނައިބަކަށް އައްޑޫ އަފީފުގެ ދަރިކަލެއް

ހުވަދޫ ކަނޑުން ދެކުނުގައިވާ ރާއްޖޭގެ ސަރަހައްދުގައި ވަކި ދައުލަތެއް ހަދައި ޣައިރު ގާނޫނީ އެ ސަރުކާރުގެ ވެރިޔަކަށް ހުންނެވި ސ. ހިތަދޫ، އަބުދުﷲ އަފީފުގެ ބޭފުޅުންގެ ތެރެއިން ދަރިކަލުން އަހުމަދު އަފީފު ސީޝެލްސް ޕާލަމެންޓް (ނެޝަނަލް އެސެމްބްލީ) ގެ ޑެޕިއުޓީ ސްޕީކާގެ މަގާމަށް ހޮވިވަޑައިގެންފި އެވެ.

ދެކުނުގައި އަފީފުގެ ސަރުކާރު އުފެއްދި އުފެއްދުން ރާއްޖޭގައި ބަލަނީ ބަޣާވާތެއް ކަމަށެވެ. އިނގިރޭސިން އަފީފަށް ހިމާޔަތްދީގެން ގެންދިޔައީ ސީޝެލްސްއަށެވެ. އޭގެ ފަހުން އަފީފުގެ އާއިލާ ދިރިއުޅުއްވަމުން ގެންދަވަނީ އެ ގައުމުގެ ރަށްވެހިންގެ ގޮތުގައި އެތަނުގަ އެވެ.

ސީޝެލްސްގެ "ސީޝެލްސް ނިއުސް އެޖެންސީ" އިން މިއަދު ބުނީ އެ ގައުމުގެ ނެޝަނަލް އެސެމްބްލީގެ ރައީސަކަށް ކުރިން ހުންނެވި ޕިއްލޭ މިދިޔަ ޖެނުއަރީ މަހު އިސްތިއުފާ ދެއްވާފައި ވާތީ އެ މަގާމަށް ބޭފުަޅަކު ހޮވަން އެ އެސެމްބްލީން މިއަދު ހާއްސަ ޖަލްސާއެއް ބޭވި ކަމަށާއި ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ބޭފުޅުން ހޮވީ އެ ޖަލްސާގައި ކަމަށެވެ. އެގޮތުން އެސެމްބްލީގެ ރައީސް ކަމަށް ނިކޮލަސް ޕެރޭރާ ހޮވި އިރު ނައިބު ރައީސަކަށް ހޮވީ އަހުމަދު އަފީފެވެ.

އަފީފު އާއިލާގެ ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން ސީޝެލްސްގައި ދިރިއުޅުއްވަނީ މަތީ މަގާމުތަކުގައި ފޯރާ ދިރިއުޅުއްވުމެކެވެ.

މީޑިއާ ކޮމިޝަނުގެ ވެރިޔަކަށް އަނެއްކާވެސް އިބުރާހީމް އަފީފު

އަބުދުﷲ އަފީފުގެ ބޭފުޅުންގެ ތެރެއިން އިބުރާހީމް އަފީފު މިހާރު ވަނީ ސީޝެލްސް މީޑިއާ ކޮމިޝަން (އެސްއެމްސީ) ގެ ޗީފް އެގްޒެެކެޓިވް އޮފިސާ (ސީއީއޯ) ގެ މަގާމަށް އައްޔަން ކުރައްވާފަ އެވެ. ސީޝެލްސްގެ ރައީސް ޑެނީ ފައުއޭގެ އޮފީހުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އިބުރާހީމް އަފީފަށް އެ މަގާމު ދެއްވީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ.

އޭނާއަށް މަގާމު ދެއްވުމަށް ފަހު އެ ވެބްސައިޓުގައި ޖެހި ލިއުމުގައި ބުނެފައި ވަނީ ރައީސް ފައުއޭ އަފީފަށް އެ މަގާމު ދެއްވީ ސީޝެލްސްގެ ނެޝަނަލް އެސެމްބްލީގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ ލަފާ ހޯއްދަވައިގެން ކަމަށެވެ. ލިއުމުގައިވާ އަފީފުގެ ތައާރަފްގައި ވާ ގޮތުން އޭނާ ވަނީ ސީޝެލްސްގައި އަލަށް އުފެއްދި ސީޝެލްސް ބްރޯޑްކާސްޓިން ކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަރުކަން ފުރަތަމަ ކުރެއްވީ ވެސް އޭނާއެވެ. ސީޝެލްސްގައި އޮތް އެއް ޕާޓީ ނިޒާމުން ގިނަ ޕާޓީތައް ބައިވެރިވާ ނިޒާމަށް ބަދަލުވި އިރު އެގައުމުގެ މީޑިއާ އެގޮތަށް ބަދަލު ކުރެއްވުމުގައި އޭނާ އިސް ދައުރެއް އަދާ ކުރެެއްވިއެވެ.

ސީޝެލްްސްގައި ފުރަތަމަ އެފްއެމް ރޭީޑިއޯގެ ހިދުމަތް ފެށްޓެވީ ވެސް އިބުރާހީމް އަފީފެވެ. ކޭބަލް ބޭނުން ނުކޮށް ލިބޭ ޓީވީގެ ހިދުމަތް ވެސް ތައާރަފް ކުރެއްވީ އޭނާއެވެ. އޭނާ ފުރަތަމަ ވަޒީފާއަށް ނުކުމެވަޑައިގެންނެވީ ސީޝެލްސްގެ ރޭޑިއޯ ސްޓޭޝަނުގެ ޕްރޮގްރާމްސް އޮފިސަރެއްގެ ގޮތުގައި 1977 ވަނަ އަހަރުއެވެ.