ބޮލީވުޑް

ރޭކާއާ ދަރްމެންދުރާ އެއްކޮށް ފެނިލަނީ!

ރޭކާ އާއި ދަރްމެންދުރާ އަކީ ހަތްދިހާއިގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ މަގުބޫލު ތަރިންގެ ލިސްޓުގެ ކުރިން ޖާގަ ހޯދާފައިވާ ކުޅަދާނަ ދެ ފަންނާނުންނެވެ. އެ ދެ މީހުން އެކޮށް ކުޅުނު "ކަހާނީ ކިސްމަތް ކީ" އާއި "ގަޒަބް" އަދި "ޖޫޓާ ސަޗް" ފަދަ ފިލްމުތަކަކީ ދިވެހިންގެ މެދުގައި ވެސް މަގުބޫލު ފިލްމުތަކެކެވެ.

އެ ދެ މީހުންނަށް އެންމެ ބޮޑު މަގުބޫލުކަމެއް ލިބުނީ ފިލްމުތަކުގައި ދެއްކި އެކްޓިންނާއި ލަވަތަކުގައި އެ ދެ މީހުން ދެއްކި ކުޅަދާނަ ނެށުންތެރި ކަމަށެވެ. އޭރުގެ ފޭވަރިޓް އޮންސްކްރީން ކަޕުލްއަކަށް މި ދެމީހުންވި އެވެ.

އެކްޓިންގެ ދާއިރާގައި މި ދެ ތަރިން ދުރުގައި ތިބި ނަމަވެސް ދެ މީހުން އަނެއްކާވެސް އެކޮށް މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ. ރޭކާ އަދި ދަރްމެންދުރާ މިފަހަރު އެއްކޮށް ފެނިގެންދާނީ ފިލްމެއްގެ ލަވައަކުންނެވެ.

ރޭކާ އަދި ދަރްމެންދުރާ އެއްކޮށް ފެނިގެންދިޔަ ލަވަ "ރާފްތާ ރާފްތާ".

އެ ލަވަ ހިމެނޭ ފިލްމަކީ ދަރްމެންދުރާ އާއި އޭނާގެ ދެ ދަރިން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލް އެއްކޮށް ކުރިން ކުޅުނު ފިލްމު "ޔަމްލާ ޕަގްލާ ދީވާނާ" ގެ ދެ ވަނަ ފިލްމެވެ. "ޔަމްލާ ޕަގްލާ ދީވާނާ ފިރް ސޭ" ގެ ނަން ދީފައިވާ އެ ސީކްއެލް ފިލްމުގައި ރޭކާ އާއި ދަރްމެންދުރާ ފެނިގެންދާ ލަވައަކީ އެ ދެމީހުން ކުރިން އެއްކޮށް ކުޅުނު ލަވައެއްގެ ރީމޭކްއެކެވެ.

"ރަފްތާ ރަފްތާ" ކިޔާ އެ ލަވައިގެ އޮރިޖިލަން ލަވަ ކިޔާފައި ވަނީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކިޝޯރް ކުމާރް އެވެ. މިހާރު އުފެދޭ ސުވާލަކީ ރީމޭކް ލަވަ ކިޔާފައި ވަނީ ކޮން ލަވަކިޔުންތެރިއެއް ހެއްޔެވެ.

ރޭކާ ވަނީ އިއްޔެ އެ ލަވައަށް މުމްބައީގައި ޝޫޓުވެސް ކޮށްފަ އެވެ. އެ ލަވާގައި ދަރްމަންދުރާގެ ދެ ދަރިން ވެސް ފިނިގެންދާނެ ކަމަށް މައުލޫމާތު ލިބެ އެވެ.