ފިނިޕޭޖް

ހައުސް އޮފް ކާޑްސް، ފަހު ސީޒަންގެ ޓްރެއިލާއަށް ބޮޑު ސަމާލުކަމެއް

ނެޓްފިލްކްސް މަގުބޫލު ޕޮލިޓިކަލް ޑްރާމާ ސީރީޒް "ހައުސް އޮފް ކާޑްސް" ގެ ފަހު ސީޒަންގެ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފަ އެވެ. އެ ޓްރެއިލާއަށް ލިބެމުންދާ ސަމާލުކަން ބޮޑެވެ. ސަބަބެއް ކަމަށް ބެލެވެނީ ކުރިން މި ސީރީޒްގެ މައިގަނޑު ފޯކަސްއަކަށް އޮތް ކެވިން ސްޕޭސީގެ ރޯލުގެ ބަދަލުގައި މި ސީޒަނުގައި މައިގަނޑު ފޯކަސްއަކަށް ސިރީޒްގެ ލީޑު އަންހެން ބަތަލާ ރޮބިން ރައިޓް ވުމެވެ.

ކެވިން ސްޕޭސީ މިހާރު ވަނީ އެ ސީރީޒް އިން ވަކިކޮށްފަ އެވެ. އެ ސީރީޒް އިން ކެވިން ވަކިކުރަން ނެޓްފްލިކްސް އިން ނިންމީ އޭނާގެ މައްޗަށް ޖިންސީ ފުރައްސާރާއިގެ ތުހުމަތުތަކެއް ކުރުމާއި ގުޅިގެން މިދިޔަ ނޮވެމްބަރު މަހު އެވެ. އެ ނިންމުންމާއެކު "ހައުސް އޮފް ކާޑްސް" ގެ ޕްރޮޑަކްޝަން ވަގުތީ ގޮތުން ސަސްޕެންޑުވެސް ކުރި އެވެ.

ކެވިންއާއެކު ނެޓްފިލްކްސް އިން ހަދާފައިވާ އެހެން އެއްބަސްތައް ވެސް ވަނީ އުވާލާފަ އެވެ. ހައުސް އޮފް ކާޑްސްގެ ފަހު ސީޒަނުން ސްޕޭސީ ވަކި ކުރުމުން ނެޓްފިލްކްސްއަށް 39 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް ނެޓްފިލްކްސްގެ ހަތަރު ވަނަ ކުއާޓާގެ އާންމުދަނީ ރިޕޯޓުންވެސް ހާމަވި އެވެ. އެހެންކަމުން މި ސީޒަނަށް ކުރެވޭ އިންތިޒާރު ބޮޑެވެ. ކެވިން އާއި ނުލާ ނެޓްފްލިކްސްއަށް މި ސީރީޒް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިދާނެތޯ ޖެހޭނީ ބަލާށެވެ.

ހައުސް އޮފް ކާޑްސް ފަހު ސީޒަންގެ ޓްރެއިލާ.

ބިއު ވިލިއަމް، 2013 ވަނަ އަހަރުން ފެށިގެން ގެނެސްދޭ މި ސީރީޒްގެ ކާމިޔާބު ފަސް ސީޒަނެއް މިހާތަނަށް ދައްކާފައިވެ އެވެ. ހައުސް އޮފް ކާޓްސްއަކީ ޕްރައިމްޓައިމް އެމީ އެވޯޑްސްގައި މިހާތަނަށް އެންމެ ގިނަ ނޮމިނޭޝަންތައް ހޯދި އޮރިޖިނަލް އޮންލައިން ސީރީޒް އެވެ. މިހާތަނަށް މި ސީރީޒް 53 ފަހަރު އެމީ އެވޯޑްސްއަށް ނޮމިނޭޓުވިއިރު، ހަތް ފަހަރު ވަނީ އެވޯޑު ކާމިޔާބުވެސް ކޮށްފަ އެވެ.

ގޯލްޑެން ގްލޯބް އެވޯޑްސްއަށް ހަ ފަހަރު ނޮމިނޭޓުވިއިރު، ދެ ފަހަރަކު އެވޯޑު ގެންގޮސްފައިވެ އެވެ. މީގެ އިތުރުން ސްކްރީ އެކްޓާސް ގިލްޑް އެވޯޑްސް އާއި ބާފްޓާގެ އިތުރުން އެކި އެވޯޑުތަކުގައި ނޮމިނޭޓުވެ ކާމިޔާބީތައް ހޯދާފަ އެވެ.

ފަހު ސީޒަންގައި ހަ އެޕިސޯޑް ހިމެނެ އެވެ. އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނެޓްފްލިކްސް އިން މި ސީރީޒް ސްޓްރީމް ކުރެވޭނެ އެވެ.