ލައިފްސްޓައިލް

ނިދަން އެންމެ ރަނގަޅު ވަގުތަކީ ކޮބާ؟

ކޮންމެ ރެޔަކު ދަންވެގޮސް ފަތިސްވާ ފަހުން ނިދާ މީހުން ވެސް އުޅެ އެވެ. އަނެއްކޮޅުން އެ ދުވަހު ހެނދުނާ ތެދުވެ އޮންނީ މަސައްކަތައް ދާންޖެހިފަ އެވެ. އެހެންވުމުން މީހާއަށް ގިނަ ދުވަސްދުވަހު ދަނީ ހަމަ ނިދި ނުލިބި އެވެ.

ހަމަ ނިދި ނުލިބުމުންވާ އުނދަގޫ އެއީ އުފުލަންޖެހޭ ބޮޑު ތަކުލީފަަކަށް ގިނަ ފަހަރު އޮންނަނީވެފަ އެވެ. ބޮލުގައި ރިހުމާއި މީހާގެ މޫޑު ނުވަތަ ކަންކަން ކުރަން ހުންނަ ޝައުގުވެރިކަން ނެތޭފަދަ ހާލަތްތައް މީހާ ގެންދެ އެވެ.

މިއީ އޮކްސްފޯޑު ޔުނިވާސިޓީގެ، ކްލިނިކަލް ނިއުރޯސައިންސްގައި މަސައްކަތްކުރާ ޕްރޮފެސާރު، ކޯލިން އެސްޕީ ނިދި ހަމަކުރުމާއި ބެހޭގޮތުން އިންޑެޕެންޓް ނިއުސްއަށް ދީފައިވާ އިންޓަވިއުއެއްގެ ކުރު ހުލާސާއެކެވެ. ކޯލިންއަކީ ހަމަނިދި ހޯދުމަށް މީހުން ހޭލުންތެރިކުރުމަށް "ސްލީޕިއޯ" ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ވެސް ހިންގަވާ ބޭފުޅެކެވެ.

ކޮންމެ މީހަކަށް ދުވާލަކު އަށް ގަޑިއިރުގެ ނިދި ބޭނުންވެ އެވެ. ނިދުމަށް ވަކި ވަގުތުތަކެއް ކަނޑައަޅާއި އެ ވަގުތަށް ނިދި ހަމަކުރުމަކީ މުހިންމު ކަމެކެވެ. ބޭނުންވާ ވަގުތަށްވުރެ ގިނައިން ނިދާ ނަމަ އެކަމުން ވެސް ދިރިއުޅުމަށް ނޭދެވޭ އަސަރުތައް ކުރެ އެވެ.

ގިނަ މީހުން މަސައްކަތް ހުންނަ ގޮތުން ނިދި ހަމަކުރަން އަށް ގަޑިއިރު ހުސް ނުކުރެވުމަކީ ވެސް ވެދާނެ ކަމެކެވެ. އަށް ގަޑިއިރު ނިދި ހަމަކުރަން ނުލިބޭނަމަ، އާދަކޮށް ކޮންމެ ދުވަހަކު ނިދާނެ ވަކި ވަގުތެއް ކަނޑައަޅާއި އެ ވަގުތެއް ހަމަވަންދެން ނިދުން މުހިންމެެވެ.

މީގައި މުހިންމީ ނިދަނީ ދަންވަރު ނޫނީ ދުވާލު ވަގުތުތޯ ކަނޑައެޅުން ނޫންކަމަށް ކޯލިން ވިދާޅުވެ އެވެ. މުހިންމީ ވަކި ވަގުތެއް ކަނޑައަޅައިގެން އާދަކޮށް ކޮންމެ ދުވަހަކު ވެސް ނިދާނެ ވަކި ވަގުތެއް ހޯދުމެވެ. މިގޮތަށް ވަގުތެއް ކަނޑައަޅައިިފިނަމަ ހަމަ ނިދި ނުލިބުނަސް ތިމާގެ ދިރިއުޅުމަށް އެކަމުން ކުރާ ނޭދެވޭ އަސަރުތަކަށް އޮންނަ ފުރުސަތު ކުޑަވެގެންދާނެ އެވެ.

ނަމަވެސް ޕްރޮފެސާ ކޯލިން އިރުޝާދުދެއް ވަނީ ކޮންމެ މީހަކުވެސް ވަގުތުވާނަމަ ހަމަ ނިދި ހޯދުމަށް ކޮންމެ ދުވަހަކު އަށް ގަޑިއިރުގެ ނިދި ހަމަކުރާށެވެ.