ވިޔަފާރި

އެނބޫދޫ ފަޅު ތަރައްގީކުރާ ކުންފުނިން ކޮނޮއްޓާ ގަންނަނީ

Mar 7, 2018
1

ރާއްޖޭގެ އެނބޫދޫފަޅު ތަރައްގީ ކުރާ ތައިލެންޑްގެ ސިންހަ އެސްޓޭޓުން ރާއްޖޭގެ އައުޓްރިގާ ކޮނޮއްޓާ ރިސޯޓާއެކު ބޭރުގެ ހަ ރިސޯޓެއް ގަންނަން ނިންމައިފި އެވެ.

އެ ކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ސިންހަ އެސްޓޭޓްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ބޫންރަޑް ބްރެވެރީން ހިންގާ ވިޔަފާރީގެ ބޮޑު މި މުއާމަލާތުގެ އަގު 250 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.

މި ވިޔަފާރީގައި ރާއްޖޭގެ އިތުރުން ހަތަރު ގައުމަކުން ޕްރޮޕަޓީތައް ގަތުން ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. މިއީ އެ ކުންފުނީގެ ވިޔަފާރި އެހެން މަންޒިލްތަކަށް ފުޅާ ކުރުމުގެ ބައެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެމެރިކާގެ އައުޓްރިގާ ކުންފުނިން ހިންގާ ގދ. ކޮނޮއްޓާ ރިސޯޓަކީ ފަސް ތަރީގެ ރިސޯޓެކެވެ. މިއީ 53 ވިލާގެ ރިސޯޓެކެވެ.

"ކްރޮސް ރޯޑްސް" ގެ ނަމުގައި ސިންހަ އެސްޓޭޓުން ރާއްޖޭގެ އެނބޫދޫ ފަޅު ހިއްކައިގެން ކުރިއަށް ގެންދާ މަޝްހޫރުގެ އަގު 680 މިލިއަން ޑޮލަރަށް އަރަ އެވެ. މި މަޝްރޫއުގައި ހިމެނޭ ހާޑްރޮކް ރިސޯޓް މި އަހަރު ހުޅުވާނެ އެވެ.

ރާއްޖޭގެ ޓޫރިޒަމް 44 އަހަރުވީ ތާރީހުގައި ހިންގާ އެންމެ ބިޔަ މަޝްރޫއުގެ ދަށުން، ވަކިވަކި ލައިފްސްޓައިލް ކޮންސެޕްޓްތަކަށް ނުވަ ރަށެއް ތަރައްގީ ކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ތިން ރަށެއް ތަރައްގީކުރާއިރު މި ތަންތަނަށް 311.5 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ) އިންވެސްޓް ކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ހިންގާ ރިސޯޓުތަކުގައި ޖުމުލަ 1،300 ކޮޓަރި ހުންނާނެ އެވެ.

އަދި މި މަޝްރޫއާއެކު 7،000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑް ލޯންޗުގައި 10 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީ ކޮށްފައިވާ އެނބޫދޫ ލެގޫން މަޝްރޫއު ތަރައްގީކުރަނީ 3،000 ކޮޓަރި ހުންނާނެ ގޮތަށެވެ.