ހޮލީވުޑް

ބްލެކް މިރޯ އިތުރު ސީޒަނަކަށް ތައްޔާރުވަނީ

މަގުބޫލު ސީރީޒް "ބްލެކް މިރޯ"، ފަސް ވަނަ ސީޒަނަށް ރިނިއުކޮށްފި އެވެ. އެ ސީރީޒްގެ އޮފިޝަލް ޓްވިޓާގައި މިހާރު ވަނީ ސީރީޒް އެނބުރި އަންނަ އުޅޭކަން ހާމަކުރުމަށް ޓީޒާއެއް ވެސް ޓްވީޓުކޮށްފަ އެވެ.

ޗާލީ ބްރޫކާ ގެނެސްދޭ ސައިންސް ފިކްޝަން މި ސީރީޒްގެ ހަތަރު ވަނަ ސީޒަން ދައްކާފައި ވަނީ މިދިޔަ އަހަރު ފަހުކޮޅު އެވެ. އެ ސީޒަންގައި ހަ އެޕިސޯޑެއް ދައްކާފައިވާއިރު ކޮންމެ އެޕިސޯޑަކަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

ބްލެކް މިރޯގެ ޓިޒާ.

ޑައިސްޓޯޕިއަން ފިކްޝަން ކަންތައްތަކެއް ދައްކުވައިދޭ މި ސީރީޒްގެ ކޮންމެ އެޕިސޯޑެއް މިިދިޔަ ސީޒަންގައި ވެސް ވަނީ ވަކި ކަމަކަށް ހާއްސަކޮށްފަ އެވެ. އޭގެ ތެރޭގައި ޑޭޓިންގް އެޕްސާއި، ސަވިލިއެންސް އަދި ރޮބޮޓިކް ޑޯގްސް ހިމެނެ އެވެ.

މި ސީރީޒްގެ އެންމެ ހާއްސަ ކަމަކީ ކޮންމެ އެޕިސޯޑެއްގައި ވެސް ކާސްޓު ބަދަލުވުމާއި މުޅިން އާ ވާހަކަތަކެއް ފެނިގެން ދިޔުމެވެ. މިހެން ކަމުން އަންނަ ސީޒަނަށް ވެސް ބޮޑު އިންތިޒާރެއް ކުރެވެ އެވެ.

އާދައިގެ މަތިން އަންނަ ސީޒަނާއި ގުޅޭ އިތުރު ތަފްސީލެއް ބްލެކް މިރޯގެ ޓީމުން ހާމަކޮށްފައެއް ނުވެ އެވެ. ސީޒަން ޕްރިމިއާ ކުރާނެ ދުވަހެއްވެސް އަދި ކަށަވަރެއް ނުވެ އެވެ.