ތިމާވެށި

ދަރިވަރުންގެ ތިމާވެއްޓާބެހޭ ގައުމީ މަހާސިންތާ އޭޕްރީލްގައި

ސްކޫލްތަކުގެ ދަރިވަރުން ިމާވެއްޓާ ބެހޭ ތަފާތު ދާއިރާތަކަށް ހޭލުންތެރިކުރުވަން 2015 ވަނަ އަހަރު ބޭއްވި ގައުމީ މަހާސިންތާގެ ދެވަނަ ބުރު އަންނަ އޭޕްރިލް މަހު ބާއްވަން އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައިފި އެވެ.

މިއަހަރުގެ މަހާސިންތާގެ ތީމަކަށް ކަނޑައަޅާފައި ވަނީ 'ދަރިވަރުންގެ ވިސްނުން ދެމެހެއްޓެނެވި ކުރިމަގަކަށް ބާރުވެރިކުރުވުން' އެވެ.

ރާއްޖޭގެ އެކި ސްކޫލްތަކުން ކުދިން ބައިވެރިކޮށްގެން ތިމާވެށީގެ ދާއިރާއިން ގައުމީފެންވަރުގައި ފުރަތަމަ މަހާސިންތާއެއް ބޭއްވީ 2015 ވަނަ އަހަރުގެ އޮގަސްޓު މަހު އެވެ. ދެ ދުވަހުގެ އެ މަހާސިންތާގައި ރާއްޖޭގެ 37 ސްކޫލަކުން 150 އެއްހާ ދަރިވަރުން ބައިވެރިވި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނީ، މިއަހަރު ބާއްވާ ދަރިވަރުންގެ ދެވަނަ ތިމާވެށި މަހާސިންތާގައިވެސް ގިނަ އަދަދެއްގެ ސްކޫލްތަކުން ދަރިވަރުންނަށް ބައިވެރިވުމަށް ފުރުސަތު ދޭނެ ކަމަށެވެ. ތިން ދުވަހަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ ބައްދަލުވުން އޮންނާނީ އޭޕްރިލް 6-8 އަށް ދަރުބާރު ގޭގައެވެ.

ކުރީ އަހަރެކޭވެސް އެއްގޮތަށް މިއަހަރުވެސް ކަނޑައެޅިފައިވާ ތީމަށް ދަރިވަރުން ކަރުދާސްތަކާއި ތަފާތު ޕްރޮޖެކްޓް މަސައްކަތް ތައްޔާރުކުރާނެ އެވެ. އެގޮތުން މިއަހަރު ވެސް ޕްރޮޖެކްޓް ހުށަހަޅަން ބޭނުންވާ ސްކޫލްތަކަށް ޕްރޮޖެކްޓުތަކުގެ ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ. ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރޭން ހޮވޭ ޕްރޮޕޯސަލްތަކަށް ފައިސާގެ އިނާމުވެސް ދިނުމަށް ވަނީ ނިންމާފަ އެވެ.

"މީގެ ބޭނުމަކީ ދިމާވާ ތިމާވެށީގެ މައްސަލަތަކުގެ ހައްލު އަމިއްލައަށް ހޯދުމުގެ އިލްމީ ޤާގާބިލުކަން ދަރިވަރުންގެ ގައިގައި އަށަގެނުވުމާއި ގޮންޖެހުންތަކާ ކުރިމަތިލާ ބާރުވެރި ބަޔަކަށް ދަރިވަރުން ހެދުން،" މިނިސްޓްރީން ބުންޏެވެ.

ކޮންމެ އަހަރަކުވެސް ކޮންމެވެސް ސްކޫލަކުން ރިޔާސަރު ބަލަހައްޓާގޮތަށް ކުރިއަށްގެންދާ އެ ބައްދަލުވުމުގެ މިއަހަރުގެ ޗެއާ އަކީ އިމާދުއްދީން ސްކޫލެވެ. މިދިޔަ އަހަރުގެ ޗެއާ އަކީ ސީއެޗްއެސްއީ އެވެ.