ކުޅިވަރު

ރެއާލް މެޑްރިޑާއި ލިވަޕޫލް ކްއާޓާ ފައިނަލުގައި

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކެސެމީރޯގެ ލަނޑުތަކުން، 2-1 ޕީއެސްޖީގެ ދަނޑުގައިވެސް އެ ޓީމު ބަލިކޮށް ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގްގެ ކްއާޓަ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ފުރަތަމަ މެޗުން ބޮޑު ލީޑެއް ލިބުމުން ލިބިފައި އޮތުމުން ޕޯޓޯއާ ދެކޮޅަށް ދެ ވަނަ ލެގް މެޗު އެއްވަރު ކޮށްލައިގެން ލިވަޕޫލްވެސް ވަނީ ކްއާޓާ ފައިނަލުން ޖާގަ ހޯދާފަ އެވެ.

ޕީއެސްޖީގެ ދަނޑު ޕެރިސްގެ ޕާކް ޑެސް ޕްރިންސްގައި ކިންގަކަށްވީ، ރެއާލް މެޑްރިޑެވެ. މުހިންމު ކުޅުންތެރިން ކަމަށްވާ ޓޯނީ ކްރޫޒް އާއި ލުކަ މޮޑްރިޗް އަދި ގެރެތު ބޭލް ފުރަތަމަ 11 ގައި ނުހިމަނާ ކުޅުނު ނަމަވެސް ރެއާލް ވަނީ ގޭމް ޑޮމިނޭޓް ކޮށްފަ އެވެ. މޮޑްރިޗާއި ކްރޫޒްގެ ބަދަލުގައި މިޑްފީލްޑް ފުރުސަތު ދިނީ ޒުވާން ދެ ކުޅުންތެރިޔާ މާކޯ އެސެންސިއޯ އާއި ލޫކަސް ވަޒްކްއޭޒް އަށެވެ. އަދި ޑިފެންސްގެ މައި ތަނބެއްގެ ރޯލް ދިނީ މަޓާއޯ ކޮވަސިޗަށެވެ. މިޑްފީލްޑްގެ ދެ އަރިމަތިން އެސެންސިއޯ އާއި ވަޒްކްއޭޒް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ފުރަތަމަ ލަނޑު ރޮނާލްޑޯ ކާމިޔާބު ކުރުމުގައި އެސެންސިއޯ އާއި ވަޒްކްއޭޒްގެ ދައުރު ބޮޑެވެ. ރޮނާލްޑޯ ބޮލުން ލަނޑު ކާމިޔާބު ކުރީ ވަޒްކްއޭޒް ނެގި ހުރަހަކުންނެވެ. އޭގެ ކުރިން އެސެންސިއޯ ވަނީ އޭނާގެ ސްޕީޑް ބޭނުން ކޮށްގެން ބޯޅަ ހޯދައި ވަޒްކްއޭޒްއަށް ބޯޅަ ދީފަ އެވެ. ރޮނާލްޑޯ ވަނީ މި ސީޒަންގެ ޗެމްޕިއަންސް ލީގްގެ ހުރިހާ މެޗެއްގައި ލަނޑު ޖާހަފަ އެވެ. އޭނާ ވަނީ މިހާރުވެސް ޗެމްޕިއަންސް ލީގްގައި 12 ލަނޑު ޖާހަފަ އެވެ.

މިއީ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުން ޖެހިޖެހިގެން ޕީއެސްޖީ ކެޓި ދެ ވަނަ ފަހަރެވެ. އެ ޓީމަށް އިތުރަށް މައްސަލަ ކުރިމަތިވީ، މިޑްފީލްޑަރު މާކޯ ވެރާޓީ އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. ނަމަވެސް އޭގެ ފަހުން އެޑިންސަން ކަވާނީ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 80 ވަނަ މިނެޓްގައި ރެއާލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ކެސެމީރީ އެވެ.

ޕޯޓޯއާ ދެކޮޅަށް ފުރަތަމަ ލެގްގައި 5-0 ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައި ވުމުން ލިވަޕޫލުން މެޗު ނެގީ ފަސޭހަ ކޮށެވެ. ދެ ވަނަ ލެގް މެޗު ނިންމާލީ ލަނޑެއް ނުޖެހި އެވެ.