ކުޅިވަރު

ބަންގުލަދޭޝްގެ މީޑީއާގެ ސަމާލުކަން ދަގަނޑޭއަށް

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި ބަންގުލަދޭޝްގެ ޑާކާ އަބަހާނީ އާ ދެކޮޅަށް ކުޅޭ މެޗަށް ނިއު ރޭޑިއަންޓްގެ ސްކޮޑް ދިއުމުން، އެގައުމުގެ މީޑީއާގެ ސަމަލުކަން ހުއްޓުނީ ނިއު ރޭޑިއަންޓާއި ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށެވެ.

ދެކުނު އޭޝިއާގެ އިތުރުން އިރުމަތީ އޭޝިއާގައިވެސް އަޝްފާގަކީ މަގުބޫލުކަން ބޮޑު ކުޅުންތެރިޔެކެވެ. ބަންގުލަދޭޝްއަށް އަޝްފާގް ދިއުމުން އެގައުމުގެ މީޑިއާތަކުން އެންމެ ފުރަތަމަ އަހަން ބޭނުންވި ސުވާލެއްގެ ގޮތުގައި އޮތީ އުމުރުން 33 އަހަރުގައިވެސް އޭނާ އެހާ ފިޓީ ކީއްވެ ހެއްޔެވެ.

ސަރަހައްދުގެ ޒުވާން ކުޅުންތެރިން، ނަމޫނާ އަކަށް ބަލާ ކުޅުންތެރިޔެއްގެ ގޮތުގައި އަޝްފާގް ވާނެ އެވެ. އެ ސުވާލަށް އޭނާ ދިން ޖަވާބުވެސް ބަނގުލަދޭޝްގެ ލޯކަލް މީޑއާތަކުގެ ސުރުހީން ޖާގަ ހޯދި އެވެ.

"އެ ހުރިހާ ކަމަކީވެސް ރަނގަޅަށް ޑައިޓް ގެންދިއުން، ބުރަ މަސައްކަތާއި ޑިސިޕްލިން ލައިފެއް." އަޝްފާގް ބަނަގުލަދޭޝްގެ މީޑިއާގައި ބުނެފައި ވެއެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ކުރިން އަޝްފާގް ބުނެފައި ވަނީ، އެ ފަަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އޭނާގެ އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް ކަމަށެވެ. މި އަހަރު އެ މުބާރާތް އޮތީ ބަނގުލަދޭޝްގަ އެވެ. އެ މުބާރާތަށް އޭނާ ބަންގުލަދޭޝްއަށް އަންނާނަންތޯ ބަންގާޅުގެ ޑެއިލީ ސްޓާއިން ސުވާލު ކުރުމުން އޭނާ ދިން ޖަވާބު މިއޮތީ އެވެ.

"މި ވަގުތު އަދި އަހަންނަކަށް ޔަގީނެއް ނޫން ސާފް ޗެމްޕިއަންޝިޕަށް އަހަރެން ޑާކާ އަށް އަންނާނެ ކަމެއް."