ހަބަރު

ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ ފަނޑިޔާރުކަން ގެއްލޭ ގޮތް ހަދަނީ

ފަނޑީޔާރެއްގެ މައްޗައް ޖިނާއީ ހުކުމެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ހުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް ޕީޕީއެމްއިން ހުށަހެޅި އިސްލާހުގައި ބުނެފި އެވެ.

ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހުގައި މިއަދު އިއްވާފައިވާއިރު، އެ ބިލު ހުށަހެޅި މަގްސަދަކަށް ބުނެފައި ވަނީ ފަނޑިޔާރަކަށް ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ އަންނަ ހުކުމަކާ ގުޅިގެން އެ ފަނޑިޔާރަކު އަމަލު ކުރަންޖެހޭ އިޖުރާއަތްތައް ބަޔާން ކުރުން ކަމަށެވެ.

އެގޮތުން ފަނޑިޔާރެއްގެ މައްޗައް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ ހުކުމް ކުރާ ދުވަހުން ފެށިގެން ފަނޑިޔާރުކަން ގެއްލޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެއީ ސުލޫކީ މައްސަލައަކާ ގުޅިގެން އެޅޭ ފިޔަވަޅަކަށް ނުވާތީ ގާނޫން އަސާސީގެ 154 ވަނަ މާއްދާގައި ފަނޑީޔާރަކު ވަކި ކުރުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ނުހިނގާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ގާނޫން އަސާސީގެ 154 ވަނަ މާއްދާގައި ފަނޑިޔާރުން މަގާމުގައި ދެމިތިބުމާއި، މަގާމުން ވަކިކުރެވޭނެ ހާލަތްތައް ބަޔާން ކުރެ އެވެ. އެ މާއްދާގައިވާ ގޮތުން ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހައި ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެނެއް ނުވާނެއެވެ.

ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ އެ މީހަކު ގާބިލްނޫން ކަމަށް، ނުވަތަ އެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝިލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ. އަދި ފަނޑިޔާރު ވަކި ކުރެވޭނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ފަނޑިޔާރަކު ހައްޔަރުކޮށްފި ނަމަ މުސާރަ ލިބޭ ގޮތަށް އެ ޖޭއެސްސީއިން އެ ފަނޑީޔަރަކު ސަސްޕެންޑު ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޖިނާއީ ދައުވާއެއް އުފުލައިފި ނަމަ މުސާރަކަނޑާލަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން ފަނޑިޔާރުންނަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން އިސްތިއުނާފު ކުރުމަށް ހުށަހެޅޭނެ މައްސަލަ ނިމޭތާ 10 ދުވަސް ތެރޭގަ ކަމަށާއި އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހަޅާތާ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭ ކަމަށެވެ. އަދި އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ވެސް ހުށަހެޅޭނީ 10 ދުވަސް ތެރޭގަ ކަމަށާއި އެ ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ނިންމަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ޕީޕީއެމްގެ ފަރާތުން މި އިސްލާހު ހުށަހަޅާފައި ވަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން، ކުއްލި ނުރައްކަލު ހާލަތު އިއުލާން ކުރުމަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ވަނިކޮށެވެ.