ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ކަސްރަތަކީ ކިހާ މުހިންމު އެއްޗެއްކަން މިހާރު އެންމެނަށްވެސް އިނގޭނެ އެވެ. އެކަމަކުވެސް ޑޮކްޓަރުންނާއި ސިއްހީ ތަޖުރިބާކާރުން އަބަދުވެސް އަބކަސްރަތު ކުރުމަށް ބާރު އަޅައި އިރުޝާދު ދެއްވަ އެވެ. އެ ނޫން ގޮތް ގޮތުން ވެސް ހުންނަނީ މައުލޫމާތު ލިބި ލިބިއެވެ.
ކަސްރަތުގެ ތަފާތު ވައްތަރުތައް ރާއްޖޭގައި ވެސް އާންމުވަމުން އަންނައިރު ހަށިގަނޑަށް އެންމެ ފައިދާ ކުރާނެ ވައްތަރެއްގެ ކަސްރަތެއް ހިޔާރުކުރުން މުހިންމެވެ. އަހަރެމެންގެ ތެރޭގައި އާންމު އެއް ކަސްރަތަކަށް ވާނީ ކާޑިއޯވެސްކިއުލާ ފިޓްނެސް އެވެ. ކާޑިއޯވަސްކިއުލާ ފިޓްނަސް ނުވަތަ ކާޑިއޯ ކަސްރަތޭ ބުނުމުން ނޭނގި ވެސް ދާނެ އެވެ.
ކާޑިއޯވެސްކިއުލާ ފިޓްނެސްއަކީ ކޮބާ؟
ކާޑިއޯވެސްކިއުލާގެ މާނައަށް ބަލާލަމާ ހެއްޔެވެ. އޭގެ މާނައަކީ ހިތާއި ހަށިގަނޑުގައި ދައުރުވާ ލެޔާ ގުޅޭ ކަންކަމެވެ. ކާޑިއޯވެސްކިއުލާ ފިޓްނެސްއަކީ ހިތުގެ ހިނގުން ވަރުގަދަކޮށް، ހަށިގަނޑުގައި މީހާގެ ހަކަތަ އިތުރު ކުރުމަށް ކުރާ ކަސްރަތެކެވެ.
މި ކަސްރަތަށް އެއިރޯބިކް އެކްސަސައިޒްއޭ ވެސް ކިޔަ އެވެ. ކާޑިއޯ ކަސްރަތާއި އެހެން ކަސްރަތުތައް ތަފާތުވާ ދެ ގޮތެއް އޮވެ އެވެ. އެއްގޮތަކީ ހިތުގެ ހިނގުން ވަރުގަދަ ކޮށްދިނުމަށާއި ފުއްޕާމެއިން ހަށިގަނޑުގެ އެކި ބައިތަކަށް ސާފު އޮކްސިޖަން ފޯރުކޮދިނުމަށް އެހީތެރިވުމެވެ. އަނެއް ގޮތަކީ ހަށިގަނޑުގެ އެކި ބައިތަކަށް ލިބޭ ސާފު އޮކްސިޖަންގެ އެހީގައި މިހާގެ ހަކަތަ ވަރުގަދަ ކޮށްދިނުމެވެ.
ކުރެވިދާނެ ބައެއް ކަންކަން
ކާޑިއޯ ކަސްރަތުުކުރަން ކޮންމެހެން ޖިމަކަށް ދާކަށް ނުޖެހޭނެ އެވެ. ބޭނުންވާނީ ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް ވެސް ހަރާކާތެއް ގެންނުވާ ކަސްރަތެއް ކުރާށެވެ. މިގޮތަށް ކުރެވޭ ކަންކަމުގެ ތެރޭގައި ދުވަން ދިއުމާއި، ހިނގަން ދިއުމާއި، ބައިސްކަލު ދުއްވުމާއި ފެތުމާއި އަދި އެއިރޯބިކް ޑާންސް (ޒުންބާ) އަކީ ކުރެވިދާނެ ކަންކަމެވެ.
ކާޑިއޯވަސްކިއުލާ ކަސްރަތުތައް ކުރާއިރު ހިތުގެ ވިންދު ހިފަހައްޓަން ޖެހޭނީ ވަކި ރޭންޖެއްގަ އެވެ. އެ ރޭންޖް ދެނެގަންނާނެ ގޮތަކީ މިހާގެ އުމުރު، 220 އިން ކަނޑާނީ އެވެ. އޭރުން ރޭންޖު ހިފަހައްޓަންޖެހޭ އަދަދު އަންނާނެ އެވެ.
މި ކަސްރަތު މުހިންމުވާ ސަބަބު
މި ކަސްރަތު މުހިންމުވާ މައިގަނޑު ސަބަބު މިހާރު ބުނެވިއްޖެ އެވެ. ލިބޭ އިތުރު ގިނަ ގުނަ ފައިދާތަކެއް ވެސް އެބަހުއްޓެވެ.
މީހާގެ އުމުރު ދިގު ކޮށްދިނުމަށް މި ކަސްރަތުން އެހީތެރިވާކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެމެރިކަން މެޑިކަލް އެސޯސިއޭޝަންގެ ޖާނަލްގައި 1995 ވަނަ އަހަރު ޝައިއުކޮށްފައިވާ "ހާވާޑް ހެލްތު އެލުމްނީ ސްޓަޑީ" ދިރާސާގައި ބުނާ ގޮތުން މީހާގެ އުމުރު ދިގުވުމާއި މި ކަސްރަތާއި ގުޅުމެއްވެ އެވެ.
ހާވާޑް ޔުނިވާސިޓީގެ އެލުމްނާއީ އިން ހެދި އެ ދިރާސާގައި އެއްވެސް ކަހަލަ ހިތުގެ ބައްޔެއް ނެތް މީހުން ބޭނުންކުރި އެވެ. ސުވާލާއި ޖަވާބު ކަރުދާހެއް ފުރަންދީ އެމީހުން ދުވާލެއްގެ މައްޗަށް ކުރާ ތަފާތު ވައްތަރުގެ ކަސްރަތުތަކުގެ މިންވަރު ބެލި އެވެ. އެގޮތަށް އެއް އަހަރުވަންދެން ކޮންމެ ދުވަހަކު އެމީހުން ކުރާ ކަސްރަތުގެ މިންވަރު ބަލާފައިވެ އެވެ. ދިރާސާއިން ދެއްކި ގޮތުގައި ކާޑިއޯވެސްކިއުލާ ކަސްރަތުތައް ގިނައިން ކުރާ މީހުންގެ އުމުރު ދިގެވެ.
ޔުނިވާސިޓީ އޮފް މިއާމީގެ ބަޔޯސައިކޯޝޯޝިއަލް ސްޓަޑީސް އޮފް އެއިޑްސް ސެންޓަރު ހެދި ދިރާސާއަކުން ކަށަވަރުކޮށްދޭ ގޮތުގައި މި ކަސްރަތު ގިނައިން ކުރާނަމަ އެއިޑްސް ފަދަ ނުރައްކާތެރި ބަލިތަކުގެ ޝިކާރައަކަށްވެފައި ތިބޭ މީހުންނަށް އެ ބަލީގެ ސަބަބުން ކުރިމަތިވާ އެކި ކަހަލަ އުނދަގޫތައް ލުއި ކޮށްދެ އެވެ.
ޔުނިވާސިޓީ އޮފް އިލްނޮއިސްގެ ފިޒިކަލް ފިޓްނެސް ރިސާޗް ލެބޯރެޓަރީން ހެދި ދިރާސާއަކުން ހާމަވި ގޮތުގައި މި ބާވަތުގެ ކަސްރަތުތަކަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ކަމެކެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުނަށް މި ކަސްރަތު މުހިންމެވެ. އެއީ އުމުރުން ދުވަސްވަމުންދާ ވަރަކަށް މީހާގެ ދިފާއީ ނިޒާމު ބަލިކަށި ވަމުންދާނެތީ އެވެ.
މީހާގެ ބަރުދަން ލުއި ކުރުމާއި ހަށިގަނޑުގައި އުފެދޭ ސަރުބީ ނައްތާލުމަށް މިއީ ކުރުން ރަނގަޅު ކަސްރަތުކަކެވެ. މި ކަސްރަތު ކުރުމުން ބަރުދަން ލުއިވާނެ ކަމަށް ހީކުރުމަކުން އަދި އެކަމެއް ނުވާނެ އެވެ. ކަސްރަތާއި އެއްވަރަށް ހަށިގަނޑަށް ޑައިޓަރީ ފެޓް ލިބޭވަރު މަދުކުރަން ޖެހޭނެ އެވެ. އެއީ ހަށިގަނޑުން އެއް ޕައުންޑުގެ ސަރުބީ ނައްތާލުމަށް ހަށިގަނޑުން 3500 ކެލޮރީސް މަދުކުރަން ޖެހޭތީ އެވެ.
މިކަމަށް އެންމެ ބާރުދޭ އެއް ސަބަބަކަށް ވާނީ އެމެރިކާގެ ކޮލެޖް އޮފް ސްޕޯޓްސް މެޑިސިން އިން އެންމެ ފަހުން ކަނޑައެޅި ކާޑިއޯވެސްކިއުލާ ނުވަތަ އެއިރޯބިކް އެކްޓިވިޓީގެ ގައިޑްލައިންގައި ކަނޑައަޅާފައިވާ އުސޫލުތަކެވެ. އެ އުސޫލުތަކުގައިވާ ގޮތުން ހަފުތާއަކު ގިނަ ދުވަސްތަކުގައި މަދުވެގެން 30 މިނެޓު ނުވަތަ ގަޑިއިރެއް ވަންދެން މި ބާވަތުގެ ކަސްރަތުތައް ކުރަންޖެހޭނެ އެވެ. ސަބަބެއް ކަމަށް ބުނެފައިވާނީ އެއިރޯބިކް ކަސްރަތު ކުރުމަށްފަހު ކުރިއަށް އޮންނަ ދެ ގަޑިއިރުގެ ތެރޭގައި ބާރު މިނެއްގައި ހަށިގަނޑުން ކެލޮރީސް ނައްތާލާނެތީ އެވެ.
ކާޑިއޯ ކަސްރަތުތައް ކުރާ މީހުންގެ ލޭގެ ޕްރެޝަރު މައްޗަށް ދިއުމުން ދުރުކޮށްދެ އެވެ. ހަށިގަނޑުގައި އެލްޑީއެލް ނުވަތަ
ނުރަނގަޅު ކޮލެސްޓްރޯލް ހުންނަ މިންވަރު މަދުކޮށްދީ އެޗްޑީއެލް ނުވަތަ ރަނގަޅު ކޮލެސްޓްރޯލް ހުންނަ މިންވަރު އިތުރުކޮށްދެ އެވެ. އެއާކު މީހާގެ ހަކަތަ އިތުރުވުމާއެކު ވަރުގަދަވެ ހެލިފެލިވެ އުޅުމަށް ހުންނަ ޝައުގުވެރިކަން އިތުރުވެގެންދާނެ އެވެ.