އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލީ ސިޔާސީ މަގްސަދެއްގައި ކަމަށް، ތަހުގީގަށް ފަހު އޭރުގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވެފައިވެ އެވެ. ކިނބިދޫ ދާއިރާގެ މިހާރުގެ މަޖިލިސް މެންބަރު ރިޔާޒް އެހެން ވިދާޅުވުމުން ގޯސްވީ ރިޔާޒެވެ. އެ އުޅެނީ، އޭރު ވެރިކަން ގެއްލިފައި އޮތް އެމްޑީޕީގެ ބޮލަށް ކަނޑާލަން ވެގެން ކަމަށް ބުނެ އެވެ. އަފްރާޝީމް ގަތުލުކޮށްލިތާ ތިން އަަހަރު ވާން ގާތްވެފައި ވާއިރު އެ ގަތުލުގެ ތުހުމަތު މިހާރު މި ވަނީ ސިޔާސީ ރޯޅިއަކަށް ވެފަ އެވެ. އެނބުރެމުން ގޮސް އެމްޑީޕީގެ ވާދަވެރިންނާ ތުހުމަތު އަމާޒުވުމުން މިހާރު "ހުމާމު އެ ބުނަނީ ތެދު" ކަމަށް ވެއްޖެ އެވެ. މިއަދު މި ވަނީ ރިޔާޒް އެ ދުވަހު ވިދާޅުވި ވާހަކަ އަކީ ހަމަ ހުރެލާފައި ދެއްކެވި ވާހަކައެއް ނޫންކަން ކަށަވަރު ވެފަ އެވެ. ކޮންމެވެސް ބަޔަކު ބޭނުންވީ އަފްރާޝީމްގެ ލެއިން ސިޔާސީ ފައިދާ ނަގާށެވެ. އޭރުވެސް ސިޔާސީ އެވެ. މިހާރުވެސް ސިޔާސީ އެވެ.
ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވީ ދުވަހުގެ މަންޒަރު ސިފަކޮށްލާނަމެވެ. އެއީ މެއި 22، 2013 އެވެ. ކްރިމިނަލް ކޯޓުގެ ޝަރީއަތްކުރާ ކުޑަ ކޮޓަރިއެއްގެ ތެރޭގައި އަޅުގަނޑު ވެސް އިނީ ހުމާމާ އެއް ހާޒިރެއްގަ އެވެ. އެއީ އަފްރާޝީމްގެ މަރުގެ މައްސަލާގައި ހުމާމްގެ މައްޗަށް ކުރާ ގަސްދުގައި މީހަކު މެރުމުގެ ދައުވާއާ އަށް ހުމާމް ޖަވާބުދާރީވާން އޮތް ދުވަހެކެވެ. އޭގެ ކުރިން ކުރިން ވެސް މި މައްސަލަ ފަށަން މަސައްކަތްކޮށް ނުފެށިފައި އޮތީ ވަކީލެއްގެ މައްސަލާގައި ހުމާމް ޖެހި ރޮކެޓަކާ ހެދި އެވެ. ދައުވާ އަށް އިންކާރުކޮށް، ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް އެއް ދުވަހު ބުނެފައި، އަނެއްކާ ކޯޓަށް ހާޒިރު ކުރުމުން މިހާރު ވަކީލެއް ބޭނުމެއް ނޫނޭ ބުނެފައިވެ އެވެ. އެހެން ގޮސް މި ބުނާ ދުވަހު އޮތީ ވަކީލަކު ހަމަޖައްސައި ރަޖިސްޓްރީކޮށްފަ އެވެ. އެކަމަކު ހުމާމް ބޭނުންވީ ވަކީލަކާ ނުލައި ޖަވާބުދާރީ ވާށެވެ. ހުމާމް އެގޮތަށް އެދުމުން ވަކީލް އަބްދުﷲ ހަސީން އިންނެވީ ޝަރީއަތުގެ މަޖިލީހުން ބޭރުގަ އެވެ.
ޝަރީއަތުގެ މަޖިލިސް ފަށައި، ހުމާމް ދައުވާ އަށް އިންކާރު ކުރާތީ ހެކި ހުށަހެޅުމަށް ގާޒީ އަބްދުﷲ ދީދީ ދައުލަތުގެ ވަކީލުންނަށް އެންގެވުމުން ވަކީލުންގެ ވާހަކަތައް އަަހަން، ފުރަގަހަށް ބިޑި އަޅުވާފައިވާ އިން ހުމާމް އިނީ ކަޅި ވެސް ޖަހައިނުލަ އެވެ. ދައުލަތުގެ ވަކީލުން ހެކީގެ ގޮތުގައި ހުށަހެޅީ އަފްރާޝީމްގެ މަރުގެ މައްސަލާގައި ހުމާމް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް 2012 ވަނަ އަހަރުގެ ޑިސެމްބަރު 7 ގައި ހުމާމް ކޯޓަށް ގެންދިއުމުން ދިން ބަޔާނާއި، އަފްރާޝީމްގެ މަރުގެ މައްސަލާގައި ޖުވެނައިލް ކޯޓަށް ކުއްޖަކު ދީފައިވާ ބަޔާނުގެ އިތުރުން އަފްރާޝީމް އަވަހާރަކޮށްލި ރޭ އެކަން ހިނގި ވަގުތު އަފްރާޝީމްގެ ގެއަށް ހުމާމް ދިޔަ ކަމުގެ ހެއްކާއި ހުމާމް ހަމަލާ ދިން ކަމުގެ ހެއްކާއި ހަމަލާގައި އަފްރާޝީމް މަރުވި ކަމުގެ ހެއްކެވެ. ހުށަހެޅި ހެކިތަކާ މެދު ހުމާމް ބުނަނީ ކީކޭތޯ ސުވާލު ކުރެއްވުމުން، ކޮޅަށް ތެދުވެ އިސް ޖަހާލައިގެން ހުރެ ހުމާމް ބުނީ "މިހާވަރަށް މިކަން ފެންނަން ހުރީމާ ދެން ބުނާނެ އެއްޗެއް ނެތް" ކަމަށެވެ.
ހުމާމް މިހެން ބުނުމުން ގާޒީ ވަނީ ހުމާމް ދައުވާ އަށް އިއުތިރާފު ވަނީތޯ ސުވާލުކުރައްވައިފަ އެވެ. ހުމާމްގެ ޖަވާބަކީ "އާދެ" އެވެ. ހުމްމާ ތިޔަ އިއުތިރާފް ވަނީ ކޮން ކަމަކަށްތޯ ގާޒީ އަނެއްކާވެސް ސުވާލުކުރެއްވި އެވެ. ހުމާމް ދެން ބުނީ މީގެ ކުރިން ވެސް ވާނީ އެ ވާހަކަ މި ކޯޓުގައި ކިޔައިދީފައި ކަމަށެވެ. އެއީ ކޮން ވާހަކައެއްތޯ އަނެއްކާވެސް ގާޒީ ސުވާލުކުރެއްވި އެވެ. ޖަވާބަކީ "އެކަން ހިނގައިދިޔަ ގޮތް ކިޔައިދީފައި ވާނެ" ކަމަށެވެ.
ގާޒީގެ އަމުރަށް ދައުލަތުގެ ވަކީލާ ދެން އިއްވަން ފެއްޓެވީ ހުމާމް އެ ބުނާ ވާހަކަތަކެވެ. ޝަރީއަތުގެ މަޖިލީހުގައި ދެކެވޭ ވާހަކަ، ޝަރީއަތް އަޑުއަހަންދާ މީހުން ރެކޯޑް ކުރުމަކީ މަނާ ކަމަކަށް ވުމުން، ނޯޓްކުރަން ގެންދިޔަ ދެ ކަރުދާސްގަނޑުގައި އެ ވާހަކަތައް އަޅުގަނޑު ވެސް ނޯޯޓްކުރަން ފެށީމެވެ. އެހެން ޝަރީއަތްތަކުގައި ކުޑަ ކަރުދާސްކޮޅެއްގައި ހުރިހާ ވާހަކައެއް ހުލާސާކޮށް ނޯޓްކޮށްލެވުނަސް އެ ދުވަސް ވީ އެއްވެސް ވާހަކައެއް ނޯޓް ނުކޮށް ދޫކޮށްލެވެން ނެތް ދުވަހަކަށެވެ. ކަރުދާސް ހުސްވެ އަރިމަތީ ހަވާސާގައި ވެސް ކުދި އަކުރުން ލިޔަން ޖެހުނެވެ. ލިޔާނެ އިތުރު ތަނެއް ނެތުމުން ދެން ޖެހުނީ ހުރިހާ އެއްޗެއް ސިކުނޑިއަށް ރެކޯޑްކުރާށެވެ. ނަސީބަކުން އޭރު އަޅުގަނޑު މަސައްކަތްކުރި ހަވީރު ނޫހުގައި އެ ހަބަރު ޝާއިއުކުރި އިރު ހަމަ ކުޑަކުޑަ އެންމެ ކުށެއް ނޫނީ ޖެހިފައި އިން ކަމަކަށް ނުވި އެވެ. ނަސީބެކެވެ.
ހުމާމް ދީފައިވާ ބަޔާނުގައި އޭނާ އަށް އަފްރާޝީމް އަވަހާރަކޮށްލުމުގެ ކޮންޓްރެކްޓް އައި ގޮތް ކިޔައިދީފައިވެ އެވެ. ބަޔާނުގައިވާ ގޮތުން އަފްރާޝީމްގެ މަރުގެ ވާހަކަ އެންމެ ފުރަތަމަ ހުމާމް ގާތަކު ސީދާ ނުބުނެ އެވެ. އޭގެ ބަދަލުގައި އޭނާ ގާތު ބުނެފައި ވަނީ "ކަންތައްތަކެއް އެބަހުރި" ކަމަށެވެ. އެކަން "ވަރަށް ސަޅިވުމު"ގެ އިތުރުން ހުމާމަށް އެކަމުން ފައިދާވާނެ ކަމަށް ވެސް، ހަމަލާ ރޭވިކަމުގެ ތުހުމަތު ކުރެވޭ އަޒްލީފް ރައުފް ބުނި ކަމަށާއި އެކަމަކު "ނުބޭނި" ހުރުމަށް އަޒްލީފް އެދުނު ކަމަށް ބަޔާނުގައިވެ އެވެ. ދެން އުޅުނީ "ސްޕައި" ކިޔާ މީހެއް ކަމަށާއި އެ މީހުން ހުމާމާ ވާހަކަ ދެއްކި ފަހުން އަލީ ޝާންއާ ދިމާވި ކަމަށާއި އަފްރާޝީމް "ދުއްވާލުމުން" ހަތަރު މިލިއަން ރުފިޔާ ލިބޭނެ ކަމަށް "ޖަނާ" ބުނި ކަމަށެވެ. ޖަނާއާ އެކު އޭނާގެ ބޭބެ ވެސް ފެނުނު ކަމަށް ބުނެ ވަރަށް ތަފްސީލްކޮށް ކިޔައިދީފައިވެ އެވެ. ހުމާމް ބުނި ގޮތުން އަފްރާޝީމް "ދުއްވާލަނީ" ކީއްވެގެންތޯ އެހުމުން "އެއީ ދުއްވާލަން ވެފައި ހުރި މީހެއް" ކަމަށް އަޒްލީފް ބުންޏެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ޓީވީތަކުގައި އަފްރާޝީމް ދެއްކެވި ވާހަކަތަކަކީ ދުއްވާލަންޖެހޭ ސަބަބެއް ކަމަށް ބުނި ކަމުގައި ވެސް ބަޔާނުގައިވެ އެވެ. މި ވާހަކަތަކުގެ އިތުރުން ދެން އެންމެ ބޮޑަށް ފާހަގަވީ، އަޒްލީފް ބުނެގެން، މަސްތުވާތަކެތި ވިއްކަން ނ.ވެލިދޫ އަށް ގޮސް އުޅުމުގެ ތެރޭ، ކެފޭއެއްގައި އިނދެގެން، "ދެން އެންމެ އަވަހަށް މާލޭގައި ވަޅިޖަހާނީ މަޖިލިސް މެންބަރެއް ގަޔަށް" ކަމަށް ބުނި ވާހަކަ އެވެ. ހުމާމް އެހެން ބުނިކަން ސާބިތުކޮށްދިނުމަށް ދައުލަތުން ހެއްކަކު ވެސް ހުށަހެޅި އެވެ. އެކަމަކު ހުމާމް ކުށަށް އިއުތިރާފު ވުުމުން އެ ހެކިން ހާޒިރެއް ނުކުރެ އެވެ.
އަފްރާޝީމްގެ މަރުގެ މައްސަލަ އަނެއްކާވެސް އިތުރަށް ހޫނުވެފައި މި ވަނީ ހުމާމް މަރަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފަށް ހައި ކޯޓަށް ހާޒިރުކުރުމުން ހުމާމް ދެއްކި ވާހަކައަކުންނެވެ. އަފްރާޝީމް ނުމަރަން ކަމަށް މާތްﷲ ގަންދީ ހުވާކުރަން ކަމަށް ބުނަމުން އޭނާ ބުނަނީ އެ ގަތުލުގެ ސިއްރު އެންމެ ރަނގަޅަށް އެނގޭނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ކަމަށެވެ. އެކަމަކު ގިޞާސް ހިފޭ ކުށެއް ހެކިން ސާބިތުވާ ނަމަ ހުވަޔަކުން އެ މީހާ ކުށުން ބަރިއްޔަ ނުވެދާނެ އެވެ.
ހުމާމް ފަހުން އެ ބުނަނީ ތެދު ކަމަށް ސަރުކާރާ ދެކޮޅު ފަރާތްތަކުން ބުނަމުންދާތީ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު ވަނީ އެ މަރުގެ ތަހުގީގުގެ އެއްވެސް ހިސާބެއްގައި ޔާމީނާއި އަދީބަށް ތުހުމަތެއް، ވަހުމެއް ވެސް ކުރެވިފައި ނުވާ ކަމަށާއި އެ ދެ ބޭފުުޅުންގެ ވާހަކަ އެއްވެސް މީހަކު ތަހުގީގުގައި ބުނެފައި ނުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު މިއީ އެ މީހަކު ބޭނުން ވާހަކައެއް ގަބޫލުކުރާ ގައުމެކެވެ!
ދެން އޮތީ ހުމާމް ކުށަށް އިއުތިރާފުވި ސަބަބު ކަމަށް އޭނާ ބުނާ ވާހަކަ އެވެ. އޭނާ މިހާރު ބުނަނީ އެއްބަސްވީ ފުލުހުން ބިރު ދެއްކީމާ ކަމަށެވެ. ކޯޓުގައި ކުށަށް އިއުތިރާފުވި ދުވަހު، ކުރިން އިންކާރު ކުރީ ކީއްވެތޯ ގާޒީ ސުވާލުކުރެއްވުމުން ހުމާމްގެ ޖަވާބަކީ "އާއިލާ އަށް ވެދާނެގޮތަކާ ހެދި" ކަަށެވެ. ސުވާލަކީ މިހާރު ހުމާމް އެ ބުނާ ހާލަތު ބަދަލުވީތޯ އެވެ.
ޕޮލިސް ކޮމިޝަނަރަށް ރިޔާޒް ހުންނެވި އިރު އޭނާ މި ވާހަކަ އަށް ޖަވާބު ދެއްވާފައިވެ އެވެ. ވިދާޅުވީ، ހުމާމް އެއްބަސްވީ ވެސް އަދި އިންކާރު ވެސް އެ ކުރަނީ ފުލުުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކަމަށެވެ. މާނަ އަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރެ އިންކާރު ކުރަން ހުމާމަށް ކެރޭނީ ފުލުހުންގެ ނުރައްކަލެއް އޭނާ އަށް ނެތުމުން ކަމެވެ. މިއަދު ވެސް ހުމާމަކީ ހުކުމް ތަންފީޒުކުރުމަށް ޖަލުގައި ހުރި މީހެކެވެ. ދައުލަތުގެ ހުރިހާ ބާރުތަކެއް ހުރީ ހުމާމް ތުހުމަތުގެ އިނގިލި ދިއްކުރާ ދެ ބޭފުޅުންގެ މުށު ތެރޭގައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެހެންވެ ހުމާމަށް ވެސް އަދި ހުމާމްގެ އާއިލާ އަށް ވެސް، އޭނާ ބުނެފައިވާ ގޮތުން ނަމަ ކުރިއަށް ވުރެ މިހާރު ނުރައްކާ މާބޮޑެވެ. އެހެންވެ "މިހާވަރަށް މިކަން ފެންނަން ހުރީމާ ދެން ބުނާނެ އެއްޗެއް ނެތް" ކަމަށް ބުނެފައި މިހާރު ބުނާނެ އެއްޗެއް އޮތުމުން ވަރަށް ގިނަ ސުވާލު އުފެދެ އެވެ.