އައިޓީބީގައި އަބަދު ވެސް އެންމެ އަޑު ގަދައެއް ގައުމަކަށް ވަނީ ރާއްޖެ އެވެ. އެންމެންގެ ސަމާލުކަން ލިބެނީ ވެސް ރާއްޖެ އަށެވެ. މި އަހަރު ވެސް ހަމަ އޮތީ މިގޮތަށެވެ. ޖަރުމަނުގެ ވެރިރަށް ބާލިންގައި "އައިޓީބީ 2018" ފެށީ "ދިވެހިރާއްޖެ" އަޑު ގަދަ ކޮށެވެ.
ބާލިންގެ މެސީ ބާލިން ކޮންވެންސަން ސެންޓަރުގައި ފެށި މި ފެއާގައި ރާއްޖޭގެ 100 ކުންފުންޏަކުން 280 އަށްވުރެ ގިނަ މީހުން ބައިވެރިވެފައި ވެއެވެ.
މި އަހަރުގެ ފެއާގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވެލައްވާނީ ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރު ޖަމީލާ އަލީ އާއި ޔޫރަޕިއަން ޔޫނިއަންއިން ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު ޝިއާން އެވެ. މީގެ އިތުރުން އެންމެ އިސްކޮށް ހަރަކާތެރިވެ ވަޑައިގަންނަވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދެވެ.
ދުނިޔޭގެ ޓްރެވަލް ކޮމިއުނިޓީގެ އެންމެ ބޮޑު ފެއާ ކުރިއަށްދާނީ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.
މި އަހަރުގެ އައިޓީބީ ފެއާގެ ރާއްޖޭގެ ސްޓޯލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކުލަތައް ފެންނަ ގޮތަކަށެވެ. ފެއާގައި ރާއްޖޭގެ ސަގާފަތާއި ރީތިކަން ދައްކުވައިދެ އެވެ. ރާއްޖޭގެ ސްޓޯލު ފަރުމާކޮށްފައިވަނީ އުނދޯއްޔާއި ޖޯލި ރަށްރަށުގެ ގޮނޑުދޮށްތަކުގައި ހުންނަ ހުދު ދޮންވެލި ބޭނުންކޮށްގެންނެވެ.
އަދި ކުރީގެ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ރާއްޖޭގެ ސްޓޯލުން ދިވެހި ކާނާ ލިބެން ހުރެ އެވެ. ރާއްޖޭގެ ސްޓޯލަށް ޒިޔާރަތް ކުރާ މީހުންނަށް އަތުޖެހި އާއި ތެލުލިކެޔޮ އަދި ރިހާކުރާއި ދިވެހިން ހެނދުނު ސަޔަށް ބޭނުންކުރާ މަސް ހުންޏާއި ރޮށި ފަދަ ބާވަތްތަކުގެ ރަހަ ބެލުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. އަދި ރާއްޖޭގެ ސްޓޯލަށް ޒިޔާރަތް ކުރާ މީހުންނަށް ވާޗުއަލް ރިއަލިޓީގެ އެހީގައި ރާއްޖޭގެ ކަނޑު އަޑީގެ މާހައުލު ބަލައިލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
އައިޓީބީ ފެއާގައި ބާލިން ޕެލަސް ހޮޓެލްގައި "މޯލްޑިވިއަން" ނައިޓް އޮންނާނެ އެވެ. ނޫސްވެރިންނާއި މެހުމާނުންނަށް ދައުވަތު ދީގެން ބާއްވާ ރޭގަނޑުގެ ކެއުމަކީ ގިނަ ބަޔަކު އެއް ފުރާޅެއްގެ ދަށުން ބައްދަލުވާނެ އިވެންޓެކެވެ.
ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް އިވެންޓުގައި މި އަހަރު ދުނިޔޭގެ ފަސް ބަރުގެ 180 ގައުމަކުން 10،000 ކުންފުނި ބައިވެރިވެ އެވެ. މީގެތެރެއިން 1000 ފަރާތަކީ ޓޫރިޒަމް ދާއިރާގައި އެންމެ ހާއްސަ ފަރާތްކެވެ. މި ފެއާއަށް ކޮންމެ އަހަރަކުވެސް 28،000 މީހުން ޒިޔާރަތް ކުރެ އެވެ. އަދ ކޮންމެ އަހަރަކުވެސް މި ފެއާއިން ލިބޭ ވިޔަފާރީގެ އަގު އެއް ބިލިއަން ޔޫރޯއަށްވުރެ މަތިވާ ކަމަށްވެ އެވެ.
އައިޓީބީ ކުރިއަށްދާ ޖަރުމަނަކީ ރާއްޖެއަށް މުހިންމު މާކެޓެކެވެ. އެ ގައުމުން މިދިޔަ އަހަރު އައި ޓޫރިސްޓު ރާއްޖޭގެ ޓޫރިޒަމްގެ 2.6 ޕަސެންޓް ހިއްސާ ކުރިއިރު، މިދިޔަ އަހަރު 112,109 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.