ހަބަރު

"ދެކޮޅު ހެދީ ދެތިން މެންބަރަކު، ބޮޑު ތާއީދަކުން ބިލް ފާސްވާނެ"

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ބިލުގައި ހުރި ބައެއް މާއްދާތަކާ ދެކޮޅު ހެއްދެވީ ދެތިން މެންބަރަކު ކަމަށާއި 99 ޕަސަންޓު މެންބަރުންގެ ތާއީދާއެކު ބިލު ފާސްވާނެ ކަމަށް އެ ބިލު ހުށަހެޅި މެންބަރު، ޕީޕީީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވީ ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން މިއަދު ބޭއްވި ޖޮއިންޓް ޕީޖީ ގްރޫޕް ބައްދަލުވުމުގައި އެންޓި ޑިފެކްޝަން ބިލާ މެދު މަޝްވަރާ ކުރެއްވި އިރު ޕީޕީއެމްގެ ގިނަ މެންބަރުން އެ ބިލު ފާސްކުރުމާ ދެކޮޅު ހެއްދެވި ކަމަށް އަޑު ފެތުރިފައިވަނިކޮށެވެ. އެކަމާ ގުޅިގެން "އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި އެ ވާހަކަތައް ދޮގު ކުރައްވަމުން، ނިހާން ވިދާޅުވީ އެންޓި ޑިފެކްޝަން ބިލާ މެދު ކަންބޮޑުވުންފާޅުކޮށް ދެކޮޅު ހެއްދެވީ އެންމެ ދެތިން މެންބަރަކު ކަމަށެވެ. އަދި އެ މެންބަރުންގެ ކަންބޮޑުވުމަކަށްވީ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމުގެ ގަވައިދު ކަނޑައެޅުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ދީފައި އޮންނަ މާއްދާއާ ކަމަށާއި ނަމަވެސް ކޮމިޓީ މަރުހަލާތައް ނިމުމަށް ފަހު ބިލު ތަޅުމާ ހަމަޔަށް ދާއިރު އޮންނާނީ ހުރިހާ މެންބަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދީފައި އޮންނަ ރަނގަޅު ބިލެއް ކަމަށް ނިހާން ވިދާޅުވި އެވެ.

"ގްރޫޕެއް ގޮތުގައި މަސައްކަތް ކުރައްވާއިރު ފޮނުވާ ކޮންމެ އެއްޗެއް ހުރި ގޮތަކަށް ރަނގަޅު ނުވާ ފަހަރު ވެސް ދާނެ، އެކަމަކު ހިޔާލު އެއްގޮތް ކޮށްލުމަށް ފަހު އަބަދުވެސް ޕީޕީއެމް އެމްޑީއޭ ޕާލިމެންޓަރީ ގްރޫޕުން ވަނީ ކަމިޔާބު ހޯދާފައި އެހެންވެ އިރާދަކުރެއްވީއާ މި ފަހަރުވެސް ގިނަ މެންބަރުންގެ ތާއީދާއެކު މަސައްކަތް ނިންމާނަން،" ނިހާން ވިދާޅުވި އެވެ.

ޖޮއިންޓް ޕީޖީ ގްރޫޕް އިން މިއަދު ބޭއްވި ބައްދަލުވަށް ދެ ޕާޓީގެ ގިނަ މެންބަރުން ހާޒިރުވި އިރު ގާތް އެންޓި ޑިފެކްޝަން ގާނޫނެއް ރާއްޖޭގައި އޮންނަން ޖެހޭ ކަމާމެދު ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް ގަބޫލު ކުރައްވާ ކަމަށް ނިހާން ވިދާޅުވި އެވެ. އަދި 99 ޕަސަންޓު މެންބަރުންގެ ތާއީދު އެ ބިލަށް ލިބިގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މައްސަލައަކީ މިއަދު ކުއްލިއަކަށް ހުށަހެޅިގެން ދާން ޖެހޭ ބިލެއް ނޫން، މިއީ ހަގީގަތުގައި މިހާރު ހައްލު ހޯދިފައި އޮންނަން ޖެހޭ މައްސަލައެއް، 2013 ވަނަ އަހަރު ޕީޕީއެމް ގެންގުޅުނު މެނިެފސްޓޯގައި ބަޔާންކޮށްފައިވާނެ މިކަން ކުރާނެ ކަމަށް، މިއީ ރައްޔިތުންނަށް ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންފައިވާ ވައުދެއް،" ނިހާން ވިދާޅުވި އެވެ.

މަޖިލިހުގައި މިއަދު ފުރަތަމަ ކިޔުން އިއްވާފައިވާ އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން އިންތިހާބުވި ޕާޓީން މެންބަރު ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ. އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގޮތަށް މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު ޕާޓީއަކާ ގުޅިވަޑައިގަތަސް ގޮނޑި ނުގެއްލުން ނަމަވެސް އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ފަހު ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވާ، ޕާޓީ ބަދަލު ކުރުން ނުވަތަ ވަކި ކުރުން ނުވަތަ ވަކިވެއްޖެ ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.

ގޮނޑި ނުގެއްލޭ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީއަކުން ނެރޭ ވިޕްލައިންއާ ހިލާފުވުމެވެ. އަދި މެންބަރަކާ މެދު ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅެއް އެޅިނަމަވެސް ގޮނޑި ނުގެއްލޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.