ވެމްބްލީގައި ޓޮޓެންހަމްހޮސްޕާގެ މައްޗަށް 2-1 ނަތީޖާއަކުން ކާމިޔާބު ހޯދައި އެންމެ ފަހުގެ ރަނަރަފު ޔުވެންޓަސް ކްއާޓާ ފައިނަލަށް ދަތުރު ކޮށްދި އެވެ.
ސްވިޒަލޭންޑްގެ އެފްސީ ބަޒެލް އަތުން ބަލިވި ނަަމަވެސް އެގްރިގޭޓް ނަތީޖާއިން މެންޗެސްޓާ ސިޓީވެސް ވަނީ ކްއާޓާ ފައިނަލުން ޖާގަ ހޯދާފަ އެވެ.
ޔުވެންޓަސް އާއި ޓޮޓެންހަމް، ޔުވެންޓަސް ސްޓޭޑިއަމްގައި ފުރަތަމަ ކުޅުނު މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ. ދެ ވަނަ ލެގަށް ދިޔައިރު އެޑްވާންޓޭޖް ބޮޑަށް އޮތީ ޓޮޓެންހަމްއަށެވެ. އެއީ އެ ޓީމު އަތުގައި އަވޭ ދެ ގޯލް އޮތުމުންނެވެ. ރޭ ގެ މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ޓޮޓެންހަމް އެވެ. މެޗުގެ 39 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދިނީ ދެކުނު ކޮރެއާގެ ސަން ހިއުންގް މިން އެވެ.
ޔުވެންޓަސްގެ ލަނޑުތައް ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު 64 ވަނަ މިނެޓްގައި، ސާމީ ކެދީރާ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ގޮންޒާލޯ ހިގުއައިން އެވެ. އޭގެ ދެ މިނެޓް ފަހުން ޕައުލޯ ޑިބާލާ ވަނީ ހިގުއައިން ދިން ފުރުސަތަކުން ޔުވެންޓަސްއަށް ލީޑް ނަގައިދީފަ އެވެ. ޔުވެންޓަސް ކްއާޓާއަށް ދަތުރު ކުރީ 4-3 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
ބަޒެލްއާ ދެކޮޅަށް، އެ ޓީމުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގް މެޗު 4-0 ން މެންޗެސްޓާ ސިޓީ ކާމިޔާބު ކޮށްފައި ވުމުން، ރޭ އަމިއްލަ ދަނޑުގައި ބަޒަލްއާ ދެކޮޅަށް ނެރުނު ފުރަތަމަ 11 އިން ސިޓީގެ މުހިންމު ނަންތަކަކަށް ޓީމުން ފުރުސަތު ދީފަ އެއް ނުވެ އެވެ. އޭނާ ގެ ޓީމުން ކުޅުނީ ވެސް ފަސޭހަ ގޭމެކެވެ.
ބަޒެލް މެޗު ކާމިޔާބު ކުރީ 2-1 ނެނެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ ސިޓީންނެވެ. ބެނާޑޯ ސިލްވާ ތަނަވަސް ކޮށްދިން ފުރުސަތަކުން ސިޓީއަށް ލީޑް ނަގައިދިނީ ގެބްރިއަލް ޖިސޫސް އެވެ. މެޗުގެ ކުރީ ކޮޅު ބަޒެލްއިން ނަތީޖާ ހަމަމަ ކުރި އެެވެ. މެޗުގެ 17 ވަނަ މިނެޓްގައި އެ ލަނޑު ކާމިޔާބު ކުރީ މޮރަކޯއަށް އުފަން ނޯވޭގެ މުހައްމަދު ޔޫނުސީ އެވެ. މެޗުގެ 71 ވަނަ މިނެޓްގައި ބަޒެލްއަށް ލީޑް ނަގައިދިނީ މައިކަލް ރިކޯ ލޭންގް އެވެ.
ސިޓީ ކްއާޓާއަށް ދަތުރު ކުރީ 5-2 ގެ އެގްރިގޭޓް ނަތަީޖާއިންނެވެ.