އަންހެނުން

ނިއުޒިލޭންޑުުގެ އަންހެނުންގެ އަޑު ދިވެއްސެއްގެ ދުލުން!

އަންހެނުން ބާރުވެރިކުރުމާއި އެމީހުންގެ ތަރައްގީއަށް މަސައްކަތް ކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި މިއަދު އަންނަނީ ތަފާތު ހަރަކާތްތައް ރާވައި ހިންގަމުންނެވެ. މި އަހަރުގެ އަންހެނުން ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ޕްރެސް ފޯ ޕްރޮގްރެސް" ނުވަތަ "ކުރިއަށްދާން ހިތްވަރުދޭށޭ' އެވެ.

އަންހެނުންގެ ތަރައްގީއަށް ރާއްޖެއިން ވެސް ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އަންހެނުންނަށް ހިތްވަރުދީ އެ މީހުން ކުރިއެރުވުމަށް ރާއްޖެއާއި ބައިނަލްއަގުވާމީ މައިދާންތަކުގައި އަޑު އުފުލާ ދިވެހި ޝަހުސިއްޔަތުން އިތުރުވެސް ވެއެވެ.

މިއަދު އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ނިއުޒިލޭންޑްގެ އޮކްލޭންޑް ރީޖަނަލް މައިގްރޭޓް ސޭވިސް (އާމްސް) ބާއްވާ ހާއްސަ ހަފްލާއެއްގައި ދިވެހި ކަނބަލަކު ތަގުރީރު ކުރައްވާނެ އެވެ. އާމްސްއަކީ ނިއުޒިލޭންޑުގައި މަސައްކަތްކުރާ ބިދޭސީންނާއި އެ ގައުމުގައި ވަޒަންވެރިވެފައިވާ ބޭރު ގައުމުތަކުގެ މީހުންގެ ބާރުވެރި ކުރުވަން މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

އެ ހަފްލާގައި ނިއުޒިލޭންޑުގައި ދިރިއުޅެމުންދާ އަންހެނުން ބާރުވެރިކުރަން މަސައްކަތްކުރާ އަދި އަންހެނުންގެ ތަރައްގީގެ ރޮނގުގައި ކުރިއެރުންތަށް ހޯދާފައިވާ ކަނބަލުންގެ ދުލުން އެމީހުންގެ ތަޖުރިބާއާއި މެސެޖުތައް އިއްވާނެ އެވެ. އާމްސްގެ އެ ހަފްލާ ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ހަމަހަމަކަމާއި، އަންހެނުން ކުރިއެރުވުމަށާއި އެ މީހުންގެ މަސައްކަތްތައް ބަލައިގަނެ ހިތްވަރުދިނުމެވެ.

ނޫރައިން މުހައްމަދު އަލީ ޖަނާހު މަސައްކަތް ކުރައްވަމުން ގެންދަވަނީ ނިއުޒިލެންޑްގެ އެންމެ ބޮޑު ޓެކްސްފާމް ކަމަށްވާ ވިލިއަމް ބަކްގަ އެވެ. އޭނާ ކިޔަވާ ވިދާޅުވީ ވެސް އެ ގައުމުގަ އެވެ. ޗާޓެޑް އެކައުންޓެންޓެއް ކަމަށްވާ ނޫރައިން މަސައްކަތް ކުރައްވާފައިވާ ދާއިރާތަކުގެ ތެރޭގައި އެ ގައުމުގެ ޖޭސީއައިގެ ރައީސާ އެވެ.

އެ ގައުމުގެ ވައިޓަމަޓާ ކައުންސިލްގައި ވެސް ހިމެނި ވަޑައިގަންނަވާ ނޫރައިން ވަނީ މީގެ ކުރިން، އދ. ގައިވެސް ނިއުޒިލެންޑް ތަމްސީލުކުރައްވާފަ އެވެ.

ނޫރައިން މީގެކުރިން ދީފައިވާ ތަގުރީރެއް

ނޫރައިންގެ އިތުރުން އެ ހަފްލާގައި ތަގުރީރުކުރައްވާ ކަނބަލުންގެ ތެރޭގައި، އޮކްލޭޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީގެ ޕްރޮފެސާރު އެޑްވީނާ ޕީއޯ އާއި ނިއުޒިލޭންޑުގެ ގްރީން ޕާޓީގެ ކުރީގެ މަޖިލީސް މެންބަރު ޑެނިސް ރޯޗް އާއި ނިއުޒިލޭންޑުގެ ލޭބާ ޕާޓީގެ މަޖިލިސް މެމްބަރު ޖުދިތް މުކަކަޔަންގީ ހިމެނެ އެވެ.

ނިއުޒިލެންޑްގެ "ސްޓަފް" ނޫހުން ހޮވާލާ އެންމެ ނުފޫޒު ގަދަ އަންހެނުންގެ ލިސްޓުގައި މިދިޔަ އަހަރު ނޫރައިން ވަނީ ހިމެނިފަ އެވެ. އެ ލިސްޓުގައި އޭނާ އާއެކު އެ ގައުމުގެ މަޝްހޫރު ގިނަ އަދަދެއްގެ އަންހެނުން ހިމެނުނެވެ. އެ ލިސްޓަށް މީހުން ނެގުމުގައި "އާޓް އެންޑް ކަލްޗާ" ގެ ބަޔާއި ކުންފުނިތަކުގެ ބޯޑާއި މެނޭޖްމަންޓް އަދި ވިޔަފާރީގެ ބައިގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހުނާއި އިނޮވޭޝަން އަދި ސައިންސްގެ ބައެއް ވެސް ހިމަނާފައިވެ އެވެ.

އެ ލިސްޓުގައި ނޫރައިން ހިމެނިވަޑައިގެންފައިވަނީ، ދަރުމައަށް މަސައްކަތް ކުރުމާއި އިޖުތިމާއި މަސައްކަތް ކުރުމުގެ ދާއިރާ ނޫނީ ކޮމިއުނިޓީ / ނޮޓް ފޯ ޕްރޮފިޓްގެ ބައިންނެވެ. އެ ބައިގައި ނޫރައިންގެ އިތުރުން ނިއުޒިލެންޑްގެ ބޮޑެތި ކުންފުނިތަކުގެ އަންހެން ސީއީއޯ އިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.