ހަބަރު

އަންހެނުންގެ ދުވަހު ނިއުޒިލޭންޑުގައި ގަދަވީ ދިވެހި އަޑެއް!

Mar 13, 2019
3

ކޮންމެ ދާއިރާއަކުން ކޮންމެ ގައުމެއްގައި މަސައްކަތް ކުރިއަސް ދިވެހިން މަސައްކަތް ކުރާ ކޮންމެތަނެއްގައި އެމީހުން ތިބެނީ އެންމެ ކުރީގަ އެވެ. ނިއުޒީލޭންޑުގެ އެންމެ ބޮޑު ޓެކްސް ފާމް ކަމަށްވާ ވިލިއަމް ބަކްގައި މަސައްކަތް ކުރައްވާ ރާއްޖޭގެ ނޫރައިން މުހައްމަދު އަލީ ޖަނާހު އެއީ މިސާލެކެވެ. މި އަހަރު ނިއުޒަލޭންޑުގައި އަންހެނުންގެ ދުވަސް ފާހަގަ ކުރިއިރު އެންމެ ގަދަ އެއް އަޑަށްވީ ވިޔަފާރިވެރިޔާ ޖަނާ ދަރިކަނބަލުން ނޫރެއިން (ފޮޓޯ) އެވެ.

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޗާޓެޑް އެކައުންޓް އޮސްޓްރޭލިއާ އެންޑް ނިއުޒަލޭންޑުން ހެދި ވީޑިއޯގައި ހިމަނާފައި ވަނީ ނޫރައިނެވެ. އޭނާ ވަނީ މި ދާއިރާގައި އަންހެނުން ހޯދަމުން ގެންދާ ކާމިޔާބުތަކާއި އަންހެނުން ކާމިޔާބު ހޯދުމުގައި ކުރަންވީ ބައެއް ކަންކަމުގެ މައްޗަށް ވާހަކަ ދައްކަވާފަ އެވެ.

މިދިޔަ އަހަރު އަންހެނުން ދުވަހުވެސް ނޫރެއިން ވަނީ މިފަދަ ވަރުގަދަ މެސެޖެއް ދެއްވާފަ އެވެ. އެގޮތުން މިދިޔަ އަހަރު ވަނީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ނިއުޒިލޭންޑްގެ އޮކްލޭންޑް ރީޖަނަލް މައިގްރޭޓް ސޭވިސް (އާމްސް) ބޭއްވި ހާއްސަ ހަފްލާއެއްގައި ތަގުރީރު ކުރެއްވި އެވެ.

އެ ހަފްލާގައި ނިއުޒިލޭންޑުގައި ދިރިއުޅެމުންދާ އަންހެނުން ބާރުވެރިކުރަން މަސައްކަތްކުރާ އަދި އަންހެނުންގެ ތަރައްގީގެ ރޮނގުގައި ކުރިއެރުންތަށް ހޯދާފައިވާ ކަނބަލުންގެ ދުލުން އެމީހުންގެ ތަޖުރިބާއާއި މެސެޖުތައް އިއްވާނެ އެވެ.

އާމްސްގެ އެ ހަފްލާ ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ހަމަހަމަކަމާއި، އަންހެނުން ކުރިއެރުވުމަށާއި އެ މީހުންގެ މަސައްކަތްތައް ބަލައިގަނެ ހިތްވަރުދިނުމެވެ.

ނޫރައިން ވަނީ ނިއުޒިލެންޑްގެ "ސްޓަފް" ނޫހުން ހޮވި އެންމެ ނުފޫޒު ގަދަ އަންހެނުންގެ ލިސްޓުގައި 2017 އަހަރު ހިމެނިފަ އެވެ. އެ ލިސްޓުގައި އޭނާ އާއެކު އެ ގައުމުގެ މަޝްހޫރު ގިނަ އަދަދެއްގެ އަންހެނުން ވެސް ހިމެނުނެވެ.

އެ ލިސްޓަށް މީހުން ނެގުމުގައި "އާޓް އެންޑް ކަލްޗާ" ގެ ބަޔާއި ކުންފުނިތަކުގެ ބޯޑާއި މެނޭޖްމަންޓް އަދި ވިޔަފާރީގެ ބައިގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހުނާއި އިނޮވޭޝަން އަދި ސައިންސްގެ ބައެއް ވެސް ހިމަނަ އެވެ.