(6 މާރިޗު 2018 އާ ގުޅޭ)
ހާސްވި ވަރަކަށް އިސްތަށިގަނޑުގައި ނިމްރާއަށް އަތްހާކާލާ ރަނގަޅުކޮއްލެވެއެވެ. ދެން ހަދާނޭ އެއްވެސް ގޮތެއް ނިމްރާގެ ސިކުނޑިއަކަށް އެއްގޮތަކަށް ވެސް ނައެވެ. އެހެންވެ އަދިވެސް މަޑުކޮއްލަން އޭނާ ގަޞްދުކުރިއެވެ.
ދޭތެރެއަކުން އޮފީސް ހިނގަމުން ދާ ބައިގެ ބެލްކަންޏަށް އަރްސަލް ނުކުމެ ތިރި ބަލާލައެވެ. ހަމައެއާއެކު އަތުކުރީ އޮތް ގަޑިއަށް ވެސް އޭނާ ބަލާލައެވެ. އަނެއްކާ އެނބުރި ކެބިންއަށް ގޮސް ވަދެއެވެ.
"އަރްސަލް، ކިހިނެއްތަ ވީ؟ އިރުއިރުކޮޅާ ބޭރަށް ނުކުމެފަ އެނބުރި އައިސް ގޮނޑިއަށް ވެއްޓިގަންނަނީ... ވެގެން އުޅޭ ގޮތެއް ބުނެބަލަ" އަރްސަލްގެ ހަރަކާތްތައް ފާހަގަ ކުރެވިގެން ރާދިން ބުނެލިއެވެ. އޭނާ ކުރަން އިން މަސައްކަތް ހުއްޓާލާފައި އަރްސަލްއާ ދިމާއަށް ގޮނޑި އަނބުރާލާ އޭނާގެ ސަމާލުކަން އަރްސަލްއަށް ހުއްޓާލީ އޭނާ ބުނާ އެއްޗެއް އަޑު އަހަން ބޭނުންވެފައި އިންހެނެވެ.
"ދާން ބޭނުންވަނީތަ؟ އޯކޭއޭ ދިޔަޔަސް... އަރްސަލް ދޭ އެޕާޓްމެންޓަށް އަހަރެން މިކަން ނިންމާލާފައި ދާނަން.... ނޫނީ ބަނޑުހައިވެގެންތަ ތިތާ ނީނދެވިގެން ތި އުޅެނީ. އެކަމަކު ލަންޗަށް ނުދާނަމޭ ވެސް ބުނީ އަރްސަލްއެއްނު. އަހަރެން ވެސް ވަރަށް ހައި" އަރްސަލް އަނގައިން ނުބުނުމިން ދެން ވެސް ވާހަކަދެއްކީ ރާދިންނެވެ. ގުޑި ވެސް ނުލާ އިންގޮތަށް އިރުކޮޅަކު އިނދެފައި އަރްސަލް ކުއްލިއަކަށް ތެދުވިއެވެ.
"ދަނީތަ؟" ކެބިންއިން ނުކުންނަން އަރްސަލް ދިޔަތަން ފެނުމުން ރާދިން އަހާލިއެވެ.
"އާން!..." ފަސްއެނބުރުމެއްނެތި އަރްސަލް ޖަވާބު ދެމުން ނުކުތެވެ.
* * * *
ނިތްކުރީގައިވާ ދާތިކިތައް ޓިޝޫ ކޮޅަކުން ފުހެލަމުން ނިމްރާ އިސްއުފުލާ ކުރިމަތީގައި ހުރި އިމާރާތައް ބަލާލިއެވެ. ބޮޑު ގޭޓަކާއި ކުޑަ ގޭޓެއް ވެއެވެ. އަރްސަލް ނުކުންނާނީ އެ ތަނުން ކޮން ގޭޓަކުން ކަމެއް ނިމްރާއަށް ޔަގީން ނުވާ ކަހަލައެވެ. ބޮޑު ގޭޓާ ގުޅިފައިވާ ބައިގައި މަސައްކެތެއް ކުރިއަށް ދާކަން އިވެމުންދިޔަ އަޑުތަކުން އެނގެއެވެ. ނަމަވެސް ބޭރުން ފެންނަން ހުރި ބިއްލޫރިތަކުގައި ހުރީ ކަރުދާސް ހަރުކޮށް ނިވާ ކުރެވިފައިކަމަށް ވާތީ އެތެރޭގައި ހިނގަމުންދާ އެއްވެސް ކަމެއް ނުފެނެއެވެ. ހަތްބުރީގެ އެ އިމާރާތަކީ އަރްސަލްގެ ގެކަމެއް ވެސް ނޫނީ އަރްސަލް މަސައްކަތް ކުރާ އޮފީސްކަމެއް ވެސް ނިމްރާއަށް ޔަގީނެއްނުވެއެވެ. އޭނާ އައިސް ހުރީ ހަމައެކަނި އަރްސަލް ބުނެލި ބުނުމަކަށެވެ. ނަމަވެސް އެހެން ކަންތައް ކުރެވުނީތީ ނިމްރާ މިހާރު ހުރީ ކަންބޮޑުވެފައެވެ. ޚާއްޞަކޮށް އެ ތަނަށް އައިސް ހުންނަތާ ތިންގަނޑިއިރު ފާއިތުވެ ދިޔައީއެވެ. ކޮޅަށް ހުރެ ހުރެ އޭނާ ދެފައި ވާޅުވެފައި ވިޔަސް އެއިން އެއްވެސް ކަމަކަށްވުރެ ބޮޑަށް އޭނާއަށް ވިސްނެމުންދިޔައީ އަރްސަލްގެ ބަހަށް އާދެވުނީތީ އެކަމާއެވެ. ބަރާބަރު ދިހަ މިނެޓަށް ފަހު ނިމްރާ އެތަނުގައި ހުންނަތާ ހަތަރުގަޑިއިރު ހަމަވާނެއެވެ.
"އޭނާ އަންނަންޏާ މިހާރު އަތުވެއްޖައީސް... އިތުރަށް މަޑުކުރުމުގެ ބޭނުމެއްނެތް" އަރްސަލް ނުކުމެދާނޭ ކަމަށް އަމިއްލަށް ނަފްސަށް ވިސްނައިދެމުން ދިޔަ ނަމަވެސް އިތުރަށް އެ ނިންމުމުގައި ހިފަހައްޓައިގެން ހުންނާނޭ ހިތްވަރެއް ނިމްރާގެ ނެތެވެ. ދިހަ މިނެޓު ވެސް ހަމަވެގެން ދިޔައީއެވެ. ކަރުއެލުވާލަމުން ފޮށި ހިފައިގެން މަގަށް ނިމްރާ ނުކުތެވެ. ފޮށި ދަމަމުން އޭނާ ހިނގައިގަތީ އެއްވެސް މިސްރާބެއް ނެތިއެވެ.
"އޭތް!..." ފިރިހެނެއްގެ ބާރު އަޑު ނިމްރާގެ ފަހަތުން އިވުނެވެ. އަރްސަލްބާއޭ ހިތަށް އެރިއެއްކަމަކު ނިމްރާ ފަހަތަށް ބަލައެއްނުލިއެވެ. ފަހަތަށް އެނބުރޭއިރު އަރްސަލް ނެތިއްޖެނަމަ ދެން ލިބޭ މާޔޫސްކަން އިތުރުވާނޭތީއެވެ. އެ ޚިޔާލުގައި ހުރެ ކުރިއަށް އައެވެ.
"އަހަރެން ނުބުނަންތަ މަޑުކުރާށޭ" ކުއްލިއަކަށް ނިމްރާގެ ފަހަތުން އައިސް އޭނާގެ ފޮށީގައި މީހަކު ހިފަހައްޓަމުން ވާހަކަދެއްކިއެވެ. ގާތުގައި ހުރި މީހާއާ ނަޒަރު ސީދާވެގެން ދިޔަ ހިނދު ނިމްރާ ފިނިވިއެވެ.
"އަހަރެން ނުބުނަންހޭ މަޑުކުރާށޭ" އަރްސަލްގެ ނުރުހުންތެރިކަން އެކުލެވިފައިވި ހަރުކަށި ބަސްތައް ދެވަނަ ފަހަރަށް އިއްވާލިއެވެ.
"އަހަރެން މަޑުކުރީމޭ... ހަތަރު ގަޑިއިރު..." ލަސްލަހުން މަޑުމަޑުން ނިމްރާ ބުންޏެވެ.
"އާދޭ..." ނިމްރާ ބުނި އެއްޗަކަށް ޖަވާބެއް ނުދީ އަރްސަލް ބުންޏެވެ. ހުސްކޮށް އޮތް ދެއަތްތިލަ ދޫކޮށްލައިގެން ހުރުމުގެ ބަދަލުގައި ފަޓުލޫނު ޖީބަށް އަރްސަލްގެ ދެއަތްތިލަ ކޮއްޕާލިއެވެ. އަދި ހަރުކޮށް ހިނގާފައި އައިސް ކުޑަގޭޓު ހުޅުވާލިއެވެ. ދުރުދުރުގައި އަޅަމުންދިޔަ އަރްސަލްގެ އަވަސް ފިޔަވަޅުތަކާ ހަމަކުރަމުން ނިމްރާ ފޮށިހިފައިގެން އައީ ކުޑަކޮށް ދުވަމުންނެވެ.
"މިންޓު" ކުލައިގެ ލަކުޑި ދޮރު ހުޅުވާލާ އެތެރެއަށް އަރްސަލް ވަނެވެ. އޭނާ ނިމްރާއަށް މަޑުކުރަން ބޭނުންނުވާ ކަހަލައެވެ. ލެއްޕެން އައި ދޮރުފަތް ހިފަހައްޓަމުން އުސްކޮށް ހުރި ތަޅުން މައްޗަށް ނިމްރާ ފޮށި އެރުވިއެވެ. އަދި އަރްސަލްއާ ހަމަކުރުމަށް އަވަސްވެލިއެވެ. ތަނުގައި ލިފްޓެއް ހުއްޓާ ފެނި އެ ދޫކޮށް ސިޑިއާ ދިމާއަށް އަރްސަލް ދާތީ ނިމްރާ ހައިރާންވިއެވެ. އަރްސަލް ސިޑިން އަރަން ފެށުމުން ނިމްރާއަށް ސިޑީގެ ހަރުފަތްތަކަށް ބަލާލެވުނީ މާޔޫސީ ނަޒަރަކުންނެވެ.
"ޔޫ ރިއަލީ ވޯންޓު ޓޯޗާރ މީ... ޑޯންޓް ޔޫ" ދެ ލޯ ހިމަކޮއްލައި ދަތްކުޑި ވިކާލަމުން ސިޑިން އަރަމުންދިޔަ އަރްސަލްއަށް ބަލަން ހުރެ ނިމްރާ ހިތާހިތުން ބުނެލިއެވެ.
"އަހަރެންގެ ވަގުތު ބޭކާރު ކުރަންތަ ތި ހުންނަނީ. އަރަން ބޭނުންނުވަންޏާ ވަންދޮރުން ނުކުމެގެންދޭ" ތުންހަދައިލައިގެން ހުރި ނިމްރާ ތެޅިގަތީ އަރްސަލްގެ އަޑަށެވެ.
"ލިފްޓު..." ނިމްރާ ބުނުން އުޅުނު އެއްޗެއް ހުއްޓާލީ އޭނާއާ އަމާޒުވެފައި ހުރި އަރްސަލްގެ ނަޒަރު ފެނިފައެވެ. ޝަކުވާނުކުރާނަމޭ ބުނާހެން ނިމްރާ ނިކަން އަވަހަށް ބޯޖަހާލައި ސިޑީގެ ހަރުފަތްތަކުން ފޮށި ހިފައިގެން އަރަން ފެށިއެވެ. އެރުނީ ކިހާ ހިސާބަކަށް ވެސް ނިމްރާއަށް ދެނެގަންނާކަށް ނޭނގުނެވެ. މީހާ ހުރީ ވަރުބަލިވެގެން ނޭވާ ކުރުވާ ގޮތްވެފައެވެ. މައްޗަށް އަރަމުންއައި އިރު ތިން ދޮރު ފެންނަމުން ދިޔަ ނަމަވެސް އަރްސަލް މަޑުކޮއްލައިގެން ހުރި ބައިގައި ހުރީ އެންމެ ދޮރެކެވެ. އޭނާ ޖީބުން ނެގި ކީކާޑު ދޮރުގެ އެއްފަރާތުގައި ހަރުފައިވާ ކާޑުރީޑާރގައި ޖައްސާލުމާއެކު އޭނާ ދޮރު ހުޅުވާލިއެވެ.
އެތެރެއަށް ވަދެވުމާއެކު ނިމްރާގެ ނަޒަރު ހުރިހާ ދިމާއަކަށް ދަތުރުކޮއްލިއެވެ. ތަނަވަސް ބޮޑު އެޕާޓްމެންޓެކެވެ. ސިޓިންރޫމާއި ގުޅުވާލެވިފައިވާ އެންމެ މި ޒަމާނުގެ ބަދިގެއެކެވެ. "ޑެޒާޓް ސޭންޑް" އާއި "ކޮކޯ ބްރައުން" ކުލައިގެ ފާރުތަކެވެ. ފައިދަށުގައިވަނީ "ކޮފީ ބްރައުން" ކުލައިގެ "ވުޑް ފްލޯރިންގް"އެވެ. ކޮންމެ ދިމާއަކުން ފެންނަނީ ފުރިހަމަކަމެވެ.
"މީ އަރްސަލްއާއި އޭނާގެ ވައިފް ދިރިއުޅުނުތަނަށްވާނީ" އަމިއްލަ ނަފްސަށް ޔަގީންކަން ދެމުން ނިމްރާ މިފަހަރު ވެސް ވާހަކަދެއްކީ އަމިއްލަ ހިތާއެވެ. ލިވިބައިހުރި އާޝޯހުކަން ގެއްލެން ނެގީ ކުޑަ ހިނދުކޮޅެކެވެ. މޫނާ ދާދި ގާތުން އަރްސަލް ފުތްޓަކި ޖަހާލުމުން އޭނާއަށް ނިމްރާ ބަލާލިއެވެ.
"އަހަރެން މަޑުކުރާށޭ ބުނީމާ މަޑުކުރާނީ... އެ ވަރިހަމަ ހަތަރު ގަޑިއިރެއްނޫން... އަށްގަޑިއިރު ވިޔަސް. މި ބައިގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ މީހަކީ ތީ. އޭގެ އިތުރުން ވެސް އަހަރެން ބުނާ ކޮންމެ ކަމެއް ކުރަންޖެހޭނެ. އަހަރެން ގޭގައި އުޅެންޏާ އަހަރެން ކަމަކު ކިޔާފާނެތީ އަޑުއިވޭ ހިސާބުގައި ހުންނަންޖެހޭނީ... ތަކުރާރުކޮށް އަހަރެންލައްވާ ބުނުވަން ނުހަދާތި. އަހަރެން މި ކިޔާ އެއްޗެއް ހަނދާންނެތިދާނެހެން ހީވަންޏާ އެއްޗެއްގައި ނޯޓުކޮއްގެން ވެސް ހަނދާންބަހައްޓާތި... އާދޭ!... ތި ފޮށި ދަމަމުންނެއްނޫން ގެންނަންވީ... އަހަރެންގެ ފްލޯގައި ކޫރުން އެޅޭކަށް ބޭނުމެއްނޫން" އަރްސަލް ހިނގައިގަނެފައި ކުއްލިއަކަށް ހުއްޓި ނިމްރާއަށް ފޮށި އުފުލައިގެން އަންނަން އެންގިއެވެ.
ދެއަތުން ފޮށީގެ އަތްގަނޑުގައި ހިފައި އުފުލައިގެން ހުރެ އަރްސަލް ދައްކާ ދިމާއަކަށް ނިމްރާ އައެވެ. ބިއްދޮށުގައި ހުރި ދެ ދޮރު ފެނުނެވެ. އެތަނުން އެއްދޮރު އަރްސަލް ހުޅުވާލީ ތަޅުދަނޑި ފައްޗަކުން ނެގި ތަޅުދަނޑިއަކުންނެވެ. ތަޅުވަޅުގައި ތަޅުދަނޑި ޖަހާފައި އިން ގޮތަށް ބައިންދާފައި އޭނާ ނިމްރާއަށް ބަލާލިއެވެ.
"މީ ކަލޭ ކޮޓަރި. ފާޚާނާ ހުންނާނެ. ބޭރުގައި ދަމާދޮރުލާފައި އެ ހުރީ އެއްޗެހި ދޮންނަ ބައި. މި ފަރާތުން ބޭރުގައި ބެލްކަނި ހުންނާނެ. މިތާ ހުސްކޮށް އޮތް ބައިގައި ނޫނީ ބެލްކަނީގައި އެއްޗެހި ހިއްކަން އެޅޭނެ. އާން! އެއްޗެހި ހިއްކަން އަޅާ ހަރުގަނޑު ހުންނާނީ އެ ކޮޓަރީގައި. ކޮންމެ އެއްޗެއް ބޭނުންކުރިޔަސް އެ ބޭނުންކޮށް ނިމޭ ހިސާބުން އެ ހުރި ތަނަކަށް ލާން ޖެހޭނެ. ތަންތަން ފޮޅާ ސާފުކުރާ އެއްޗެހި ވެސް ހުންނާނެ އެބައިގައި" ފައްޗަށް އަރްސަލް ކިޔާލިއެވެ. ނިމްރާ ހުރީ އަޑުއަހަންކަން އޭނާ އަންގަމުންދިޔައީ އަރްސަލްގެ ވާހަކަތަކަށް ބޯޖަހާލަމުންނެވެ. އެއްފަރާތަކަށް ޖެހިލަމުން އަރްސަލް އަތުން ނިމްރާއަށް އިޝާރާތްކޮއްލީ ކޮޓަރިއަށް ވަނުމަށެވެ. ޖެހިލުންވެފައި ހުރެ ނިމްރާ ވަނެވެ. ފުންކޮށް އަވަސް ނޭވާއެއް ދޫކޮއްލާފައި އަރްސަލް ދާން އެނބުރިލިއެވެ.
"މީ... އަރްސަލް..." ނިމްރާ ވާހަކައެއް ބުނަން އުޅެފައި އަރްސަލް ބަލާލުމާއެކު ހުއްޓުނެވެ.
"އަހަރެންގެ ނަމުން މުޚާޠަބު ކުރުމުގެ ހައްޤެއް އަހަރެން ކަލެއަކަށް ނުދެން" ހަތަރުކަޅި ހަމަކޮއްލައިގެން ހުރެ އަރްސަލް ބުނެލިއެވެ.
"ކިހާ... ދުވަހަކު..." އަރްސަލްގެ ލޮލަށް ބެލި ވަރަކަށް ނިމްރާގެ ދޫ ބަންދަމުންދިޔައެވެ. ގަދަނުލާއި ކަޅުފެހިކުލަ އެއްވެފައިވާ ފުން ކަނޑެއް ފަދައެވެ. ފިރިހެންވަންތަކަމާއި އެއްވަރަށް އޭނާގެ ބާރު އެ ދެ ލޮލުން އެކަނި ވެސް ހާމަކުރަމުންދާ ކަހަލައެވެ. ބޭއިޚްތިޔާރުގައި ނިކަމެތިކަން ހިތަށް ވަންނަ ފަދަ ހަރުކަށިކަމާއި ނުރުހުންތެރިކަން އެ ބަލާލުމުގައި ވިއެވެ. ދަތްތަކަށް ބާރުލައިގެން ހުރިކަން އެ ދިގު މޫނުގެ މަސްތަކާއި ކަތުރުކަށިގަނޑަށް ގެންނަ ކުދި ހަރަކާތްތަކުން ހާމަވެއެވެ. ވާހަކަދައްކަން ބޭނުންނުވެ ހުރެ މަޖޫބޫރުކަމާއެކު އަރްސަލް ވާހަކަދައްކާ ކަހަލައެވެ. އެއްގޮތަކަށް ވެސް ނިމްރާގެ އަރުތެރޭން އަޑެއް ނުނިކުތެވެ. ހުޅުވިފައިވާ ދެތުންފަތުގެ ތެރެއިން ހީވީ މަޑު އާހެއް ބޭރުވީހެނެވެ. ނިކަން އަވަހަށް ނިމްރާ ދެތުންފަތް ޖައްސާ ފިއްތާލިއެވެ. ނިމްރާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް އަރްސަލްގެ އެ ނުރުހުންތެރިކަމުގެ ލޯ ހިންގާލިއެވެ. އެހިނދު އެއްފައިގެ ބޮޑުވައި އިނގިލިން އަނެއްފައިގެ ބޮޑުވައި އިނގިލީގައި ނިމްރާ އަޅުވާލީ އިހުނަށްވުރެ ދެފައިތިލަ ކައިރިކޮށްލާފައެވެ.
"ކޮންމެ އެއްޗެއް ތަކުރާރުކޮށް ކަލޭ ގާތު ބުނަން ޖެހޭތަ؟... މިތަނަށް އައިސް ތި ހުރީ އަހަރެން ބުނިހާ ދުވަހެއްވަންދެން ބުނިހާ ކަމެއް ކުރަން ނިންމައިގެން. ބޭކާރު ވާހަކަދައްކަން ނޫޅޭ" ސިކުންތެއްގެ ތެރޭގައި ނިމްރާގެ ކުރިމަތިން އަރްސަލް ގޮސް ގެއްލިއްޖެއެވެ. ޔަގީން ނުވެފައި އިރުކޮޅަކު ހުރުމަށްފަހު ކޮޓަރިން ބޭރަށް ބޯދިއްކޮށްލިއެވެ. އަރްސަލްގެ ހިލަމެއްނުވުމުން ހަށިފުރާ ނޭވާއެއްލިއެވެ. ހީވީ އެ ހުރިހާ އިރު ހިފަހައްޓާލައިގެން ހުރި ނޭވާ ދޫކޮށްލީހެނެވެ. ދެއަތުން އުފުލައިގެން ހުރި ފޮށި ތިރީގައި ބެހެއްޓިއެވެ. އެއާއެކު ދެއަތް ފޮޅާލީ އެ ހުރިހާ އިރު ފޮށި ހިފައިގެން އުޅެއުޅެ ދެ އަތް ވާޅުވެފައި ހުރީމައެވެ.
ދޮރުލައްޕާލަން ނިމްރާ އުޅުނު ވަގުތު ތަޅަށް ޖަހާފައި ހުރި ތަޅުދަނޑި ފެނުނެވެ. ދޮރުލައްޕާލުމުގެ ކުރީން އެ ނެގިއެވެ. ކޮޓަރިއަށް ރަނގަޅަށް ބަލާލެވުނީ ދެނެވެ. އޭނާ މަރިޔަމްމެން ގޭގައި ހުރި ކޮޓަރިއަށްވުރެ އެންމެތަންކޮޅެއް ވެސް ކުޑައެއް ނޫނެވެ. މަޑުމަޑު ކުލައެއް ހަތަރުފާރުގައި ލާފައި ހުރިއިރު ގަދަ ޗޮކުލެޓު ކުލައިގެ ފަރުނީޗަރު ސެޓެކެވެ. އެހެންނަމަވެސް އެތަން ބޭނުންކޮއްފައި ނުވާކަން އަންގައިދިނީ ރީތިވާ މޭޒާއި އެނދުމަތީ އަޅާފައި އޮތް ބޮޑު ފޮތިގަނޑުންނެވެ. އެ ތަކެތި ނިމްރާ ނެގިއިރު ކޮންމެވެސް ވަރަކަށް ހިރަފުހުގެ އަސަރު ހުއްޓެވެ. އެއްފަރާތުގައި ފޮތިތައް ބެހެއްޓުމަށްފަހު ނިމްރާ ވިސްނާލިއެވެ. އަރްސަލް ދެއްކި ވާހަކަތައް އޭނާ ސިކުނޑީގައި އަލުން ތަކުރާރު ކޮއްލީއެވެ. ލައިގެން ހުރި ގަމީހުގެ އަތްކުރި އުޅަންބޮއްޓާ ހަމައަށް އޮޅާލުމާއެކު ކޮޓަރިން ނުކުމެގެން އައިސް އެއްޗެހި ދޮންނަ ބަޔަށް ވަނެވެ. އެތަނުގައި ހުރި ރެކެއްގައި އަރްސަލް ބުނި ފަދައިން ސާފުކުރަން ބޭނުންކުރާ އެކި ފުޅިތައް ހުއްޓެވެ. ފޮޅަން ބޭނުންކުރާނޭ އެކިވަރުގެއާއި އެކިވައްތަރުގެ ފިހި ހުއްޓެވެ.
"މި ހުރިހާ އެއްޗަކުންތަ މިގެ ފޮޅާ ސާފުކުރަނީ" ސާމާނުތައް ފެނި ކުއްލިއަކަށް ނިމްރާގެ ސިކުނޑިއަށް ސުވާލެއް ވަނީއެވެ. އިރުކޮޅަކު ވިސްނާލަން ހުރެފައި އެތަނުން އޭނާއަށް އެންމެ ބޭނުން ހިފޭނޭހެން ހީވާ އެއްޗެހި ހިފައިގެން ކޮޓަރިއަށް އައިސް ވަނެވެ. މީގެ ކުރީން ނިމްރާއަކީ މާގިނަ މަސައްކަތްތަކެއްކޮށް އުޅުނު ކުއްޖެއްނޫނެވެ. އެހެންނަމަވެސް ރަޒިއްޔާގެ ހަޅޭކާއެކު އޭނާ ކޮޓަރިއާއި ގޭތެރެ ފޮޅާ ސާފުކުރެއެވެ. ގޭތެރޭގައި މޮޕުލުމާއި އެއްޗެހި ދޮވުމާއި ކާތަށިތައް ދޮވެ ހެދުމަކީ މާބޮޑު މަސައްކަތެއް ކަމަކަށް ނިމްރާ ނުދެކެވެ.
"އިޓްސް ނޮޓް ގޮއިންޓު ބީ ޑިފިކަލްޓް" ނަފްސަށް ލިބިފައިވާ ހާސްކަން ފިލުވާލަމުން ނިމްރާ ބުނެލިއެވެ.
ކޮޓަރި ސާފުކޮށް ނިންމާލާފައި ފޮށީގައި ހުރި ނިމްރާގެ އެއްޗެހި ނަގަން ފެށިއެވެ. އަޅުވާފައި ހަތަރު ކޮނޑު ފެނުމުން އޭގައި ނިމްރާގެ ގަމީސްތަކުން ހަތަރު ގަމީސް އަޅުވާލިއެވެ. ބާކީ ހުރި އެއްޗެހި އަލަމާރީގައި ހުސްކޮށް ހުރި ބައިތަކުން ދެ ބައެއްގައި ފަތްޖަހާފައި ބެހެއްޓިއެވެ. ހުރިހާ ކަމެއް ނިމުމުން ނިމްރާއަށް ބަލާލެވުނީ އެނދާ ދިމާއަށެވެ. ހާމައަށް ގޮދަޑިއަށް ބަލަން ހުރެފައި ނިމްރާ ކޮޓަރިން ނުކުތެވެ. އެއާއެކު ޓީވީގެ އަޑު ކަންފަތުގައި ޖެހުނެވެ. މަޑުމަޑުން ސިޓިންރޫމަށް ނިމްރާ ނުކުތެވެ. ކުރިމަތީ ހުރި ބިއްލޫރި ކޮފީމޭޒަށް ދެފައި އަރުވާލައިގެން އަރްސަލް އިންތަން ނިމްރާއަށް ފެނުނެވެ. ކުރިން އަޅައިގެން ހުރި އޮފީސް ހެދުން ބަދަލުކޮއް ކާކީ ކުލައިގެ ސޯޓަކާއި ފެހިކުލައިގެ ޓީޝާޓެއްގައި އަރްސަލް އިނެވެ. ނިމްރާ ފެނުމާއެކު އޭނާގެ މުޅި ޠަބީޢަތް ބަދަލުވެގެން ދިޔަކަން އެ ހަށިގަނޑުން ފެނިގެންދިޔައެވެ. މީހާ ހަރުކަށިވެލުމާއެކު ކޮފީ މޭޒުމަތިން ދެފައި ނަގައި ސޯފާގައި ހަށިގަނޑު ތެދުކޮއްލިއެވެ. (ނުނިމޭ)