ހައުސިން މިނިސްޓްރީ

ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށަނީ

  • މަގުތަކަށް ބަދަލު ގެންނާނެ
  • މަގު ފުޅާ ކުރަން އާޓިފިޝަލް ބީޗުން ބައެއް ނަގާނެ
  • އޯގަސްޓް މަހުގައި އެ ފަސޭހަ ލިބޭނެ

އިންޑަސްޓްރިއަލް ވިލެޖާއި މާލެ ހުޅުލެ ގުޅުވާ ބްރިޖާ ގުޅިފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރެގައި ފަށާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވަނީ މާލޭގެ މަގުތައް ހުސްކޮށް މަގުތަކުގައި ދުއްވުން ފަސޭހަ ކުރުމަށް ހައުސިން އިން ކުރަމުންދާ ބައެއް މަސައްކަތްތައް ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން މިހާރު ތަރައްގީކުރަމުންދާ ސިނާއީ އަވަށާ ގުޅިފައިވާ މަގުތަކާއި ބްރިޖާ ގުޅިފައިވާ ބައެއް މަގުތަކަށް ބައެއް ބަދަލު ގެނެސް، ތާރު އަޅައި ދެކޮޅަށް ދުއްވާ މަގުތަކެއް ގޮތަށް ހަދަން ނިންމާފައިވާ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މިއަދު ވިދާޅުވި ގޮތުގައި ހާބަރުގެ ފުޑް ކޯޓުތަކުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ތާރު އެޅުމަށް މިހާރު ފަށާފައިވާ މަސައްކަތް ކުރިއަށް އޮތް މަހެއްގެ ތެރޭގައި ނިމޭނެ އެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށާ މަގު ހެދުމުގެ މަޝްރޫއުން ބްރިޖްގެ މައި މަގަށް ކުރިމަތިވާ ގޮތަށް އޮންނަ ސެނެހިޔާ ހުންނަ މޫންލައިޓްމަގުން ފެށިގެން އަމީނީ މަގު ހުރަސްކޮށް މިހާރު ތަރައްގީ ކުރަމުންދާ ކިންގް ސަލްމާން މިސްކިތާ ހަމައަށް ތާރު އަޅާނެ އެވެ. އެ މަގު ތަރައްގީ ކުރަން ނިންމާފައިވަނީ މަގު ފުޅާ ކުރުމަށް އާޓިފިޝަލް ބީޗުން ވެސް ބައެއް ނަގައިގެންނެވެ. އެގޮތަށް ހަދަނީ ދެކޮޅަށް ދުއްވާ މަގުތަކަކަށް ވުމުން ޓްރެފިކަށް ފަސޭހަ ކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

"ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއް ތާރު އަޅައިގެން ދެކޮޅަށް ދުއްވޭގޮތް ހެދީމަ ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. ގަބޫލު ކުރަނީ އެ ފަސޭހަ، އޯގަސްޓު މަހާހަމައިން ރައްޔިތުންނަށް ލިބެން ފަށާނެ ކަމަށް." މުއިޒް ވިދާޅުވި އެވެ.

ތާރު އަޅާ މަގުތަކުގައި އެއްވެސް ކަހަލަ ވެހިކަލެއް ޕާކް ނުކުރެވޭނެ އެވެ. އެހާތަނަށް ޕާކް ކުރެވޭނެ ޖާގަތަކެއް މާލޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީކޮށް ނިންމާނެ ކަމަށް މުއިޒް ވިދާޅުވި އެވެ.

މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް ކުރަން ނިންމާފައިވަނީ މަޖީދީ މަގު ހެދި ގޮތަށް ބައިބަޔަށް ބަހާލައިގެން ނެވެ. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެމަސައްކަތުގެ ޝެޑިއުލްއާ ގުޅިގެން އަންނާނެ ބަދަލުތައް އަންގާނެ ކަމަށެވެ.