މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ފެށުމަށް ތައްޔާރުވަނީ އެވެ. ބްރިޖް ދެ ކޮޅު އޮންނާނެ ހިސާބު އިއުލާނުކުރި އެއް ކަމެއް މި ވަނީ ކަށަވަރުވެފަ އެވެ. އެއީ ލޮނުޒިޔާރަތްކޮޅުގައި ހުރި ސުނާމީ ބިނާ އެތަނުން ނަގަން ޖެހުމެވެ. ބްރިޖް އޮންނާނީ ސުނާމީ ބިނާއާ ދިމާލުން ގޮސް ހުޅުލޭ ރަންވޭގެ ދެކުނު ކޮޅަށް ކަމަށް ހައުން މިިސްޓަރު މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ބްރިޖަކީ ބޭކާރު ޕްރޮޖެކްޓެއް ކަމަށާއި އެއަށް ވުރެ ކުރިން ކުރަންޖެހިފައި ހުރި މުހިންމު ކަންތައް އެބަހުރި ކަމަށް ބުނާ ބަޔަކު އުޅޭއިރު، ބްރިޖްގެ އެންމެ ފަހުން މައުލޫމާތާ އެކު ބްރިޖާ މެދު ކަންބޮޑުވާ މީހުންގެ ލިސްޓަށް އިތުރުވީ މާލޭގައި ރާޅާ އަޅާ މީހުންނެވެ. ވަރުނުލާ ރާޅުގަނޑަކީ ނިސްބަތުން މަދު ނަމަވެސް ކޮންމެ ދުވަހަކު އެތައް ބަޔަކު ގޮސް ރާޅާ އަޅާ ތަނެކެވެ. ދިވެހިންގެ އިތުރުން ޓޫރިސްޓުންވެސް އެތަނަށްދެ އެވެ. އެހެންވެ ބްރިޖަކީ އެ ސަރަހައްދުގައި ރާޅާ އެޅުން ނިމުމަކަށް ގެނުވަފާނެ ތަނެއް ކަމަށް ހީވާތީ އެ ކަންބޮޑުވުން މިއަދު ވަނީ އުފެދިފަ އެވެ.
މި ކަންބޮޑުވުން މިހެން އޮތަތީ ސާފިން އެސޯސިއޭޝަނުން ވަނީ ބްރިޖްގެ ސަބަބުން އަންނާނެ ބަދަލުތަކާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ސިޓީއެއް ވެސް ފޮނުވައިފައެވެ. ބްރިޖްގެ މައްސަލާގައި ސާފިންގެ ކޮމިއުނިޓީން އަމަލުކުރާނީ ކޮން ގޮތަކަށް ނިންމޭނީ އެ ސިޓީގެ ޖަވާބު އަންނަ ގޮތަކުން ކަމަށް ބެލެވެ އެވެ.
ބްރިޖަކީ މާލެ ސަަރަހައްދާއި މުޅި ރާއްޖެ އަށް ވެސް އެކަމުން ބޮޑެތި ފައިދާތަކެއް ކުރާނެ މަޝްރޫއެއް ކަމަށް ބުނާ ބައެއް މީހުން ދެެކެނީ ބްރިޖްގެ ސަބަބުން ސާފިންގެ ހަރަކާތްތަކަށް މާލޭގައި ހުއްޓުމެއް އަޔަސް އެއީ މައްސަލައެއް ނޫން ކަމަށެވެ. ރާޅާ އަޅަނީ ނިސްބަތުން ވަރަށް މަދު އަދަދެއްގެ ބައެއް ކަމަށާއި ބަލަން ޖެހޭނީ ގިނަ މީހުންގެ މަންފާ އަށް ކަމަށް އެ މީހުން ބުނެ އެވެ. އަނެއް ބަޔަކު ބުނަނި ބްރިޖެއް އަޅައިގެން ތިމާވެއްޓަށް ގެއްލުންވާނެ ކަމަށާާއި މާލޭގައި އޮތް އެންމެ ރީތި އެއް ސަރަހައްްދު ގެއްލި ހަލާކުވާނެ ކަމަށެވެ. މި ބަހުސް ނިންމަން ޖެހެނީ ހުރިހާ މޮޅެއް ހޯދޭނެ ފޯމިއުލާއެއް ނެތް ކަމަށް ބުނަމުންނެވެ.
ބްރިޖް އެޅިޔަސް ރާޅާ އެޅުން ކުރިއަށް ގެންދެވޭނެ ކަމަށް ވިޔަސް ބޮޑަށް ގަބޫލުކުރެވެނީ ބްރިޖް އެޅުމުގެ މަސައްކަތް ކުރާއިރު ރާޅުގަނޑު ރައްކާތެރި ނުވާނެ ކަމަށެވެ. އެހެންވެ ރާޅާ އެޅުން ވަގުތީ ގޮތުން ވިޔަސް ހުއްޓިދާނެ އެވެ. އެކަމަކު ފަހުން ވާނެ ގޮތެއް އަދި ނޭނގެ އެވެ.
ރާއްޖޭގައި ރާޅާ އަޅާ މީހުންގެ ތެރެއިން ގާތްގަނޑަކަށް އެންމެންހެން ބޭނުންކުރާ ތަނަކީ ވަރުނުލާ ރާޅުގަނޑެވެ. ގައުމީ ފެންވަރުގަ އާއި ބައިނަލްއަގުވާމީ ފެންވަރުގައި އެތަނުގައި މުބާރާތްތައް ވެސް ބާއްވަ އެވެ. މިހާރު އެތަނަށް ރާޅާ އަޅަންދާ ބައެއް މީހުންނަކީ ރާޅުގަނޑުގެ ތެރޭގައި ބޮޑެތިވި މީހުންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެހެންވެ ކޮންމެ ދުވަހަކު އެ ރާޅުގަނޑުން ފެންވަރަމުން ބޮޑެތިވެފައި ތިބި ރާޅާއެޅުންތެރިންނަށް ބްރިޖް މަޝްރޫއު ވެފައި ވަނީ ބިރުވެރި ހުވަފެނަކަށެވެ.
ރާއްޖޭގައި ރާޅާ އެޅުމަށް އެންމެ ރަނގަޅު ރާޅު ނަގާ ތަން ކަމަށް ބެލެވިފައިވާ ތަނބުރުދޫގައި ރިސޯޓެއް ތަރައްގީކުރުމަށް ނިންމުމާ އެކު ވެސް ރާޅާއެޅުންތެރިން މާޔޫސްވި އެވެ. އެ ރަށް ސިފައިންގެ ވެލްފެއާ ބޭނުމަށް ރިސޯޓެއް ހަދަން ދިން ނަމަވެސް ރާޅާއެޅުމަށް އެ ރަށް ބޭނުންކުރެވޭނެ ކަމަށް ފަހުން ބުނެފައިވެ އެވެ.
ރާޅުގަނޑުން ކޮންމެ ދުވަހަކު އުފަލާއި ހިތްހަމަޖެހުން ހޯދާ ޒުވާނުންގެ ޖުމުލަ ވާހަކަ އަކީ، އެފަދަ ގުދުރަތީ ތަނެއް ހަލާކުވާނެ ފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އެފަދަ ތަނެއް އަމިއްލަ އަށް ހެދޭނެ ގޮތެއް ނެތްއިރު، ގުދުރަތުން ލިބިފައިވާ ތަނެއް އެގޮތުގައި ހިމާޔަތްކުރަންޖެހޭނެ ކަމަށެވެ. އެކަމަކު އަދި ވާނެ ގޮތެއް ނޭނގެ އެވެ. ހުރިހާ ކޮޅަކަށް ވެސް ފައިދާ ބޮޑު ގޮތެއް ވުން ރަނގަޅެވެ.