ހޮލީވުޑް

އެވެންޖާސް: އިންފިނިޓީ ވޯގެ އާ ފޮޓޯއާއެކު ފޯރި އަރައިފި

މާވެލް ސްޓޫޑިއޯސްގެ ކުރިއަށް އޮތް ފިލްމު "އެވެންޖާސް: އިންފިނިޓީ ވޯ" ގެ އާ ފޮޓޯއެއް އާންމުކުރުމާއެކު ފިލްމަށް ކުރާ އިންތިޒާރުގެ ފޯރި އިތުރަށް ގަދަވެއްޖެ އެވެ.

މާވެލް އިން މިފަހަރު ދޫކޮށްލި ފޮޓޯގައި މާވެލް ސިނެމެޓިކް ޔުނިވާސްގެ ގިނަ އަދަދެއްގެ ސުޕަހީރޯ ކެރެކްޓާސްތައް ފެނިގެން ދެއެވެ. އޭގެ ތެރޭގައި ކެޕްޓަން އެމެރިކާ، ބްލެކް ޕެންތާ، ބްލެކް ވިޑޯ، ބަކީ، އޮކޮއޭ ފެނިގެންދެ އެވެ. ފޮޓޯ އިން ފެންނަ ގޮތުން ހީވަނީ އެމީހުން ހަނގުރާމައަކަށް ތައްޔާރުވަނީ ހެނެވެ. އެންމެ ގިނަބަޔަކު ފޯރިގަދަވީ ކެޕް އާއި ޕެންތާ އެއްކޮށް ފެނިގެން ދިއުމުންނެވެ.

މި ފިލްމުގެ ފޯރިގަދަވާ އަނެއް ސަބަބަކީ މި ފިލްމަކީ މާވެލްގެ ފުރަތަމަ ފިލްމު ނިކުތްތާ 10 އަހަރު ފަހުން، އެ 10 އަހަރު ތެރޭގައި މާވެލް ސިނެމަޓިކް ޔުނިވާސް އިން ފައްކާކުރި މާވެލްގެ ހުރިހާ ސުޕަހީރޯތަކެއް ބޭނުން ކޮށްގެން ގެނެސްދޭ ފިލްމަކަށް ވާތީ އެވެ. މި ފިލްމަކީ މާވެލްގެ ފުރަތަމަ ފިލްމު "އަޔަން މޭން" ނިކުތް ހިސާބުން ފެށިގެން ވެސް ޕްލޭން ކުރެވެމުން އައިސްފައިވާ ފިލްމެކެވެ. މިއީ އެ ސްޓޫޑިއޯ އިން މިހާތަށް ނެރޭ އެންމެ ބޮޑު ފިލްމެވެ.

އެވެންޖާސް: އިންފިނިޓީ ވޯ އޮފިޝަލް ޓްރެއިލާ.

މި ފިލްމުގައި ފެނިގެންދާނެ މާވެލް ސިިނަމެޓިކް ޔުނިވާސްގެ އިތުރު ސުޕަހީރޯ ކެރެކްޓާސްތަކުގެ ތެރޭގައި ސްޕައިޑާ މޭން، ތޯރް، ހަލްކް، އަދި އަޔަން މޭން އާއި އިތުރު ކެރެކްޓާސްތައް ހިމެނެ އެވެ.

މި ކެރެކްޓާސްތަކުގެ ރޯލުން ވެސް ފެނިގެންދާނީ ހަމަ މާވެލްގެ ފިލްމުތަކުގައި އެ ކެރެކްޓާސް ގުޅޭ އެކްޓަރުންނެވެ. އޭގެ ތެރޭގައި ކްރިސް އީވާން، ކްރިސް ޕްރެޓް، ޗެޑްވިކް ބޯސްމަން، ސްކާލެޓް ޖޮނަސަން، ކްރިސް ހެމްސްވޯތް އަދި ޓޮމް ހޮލެންޑާއި އިތުރު ތަރިންވެސް ފެނިގެންދާނެ އެވެ.

އެވެންޖާސް: އިންފިނިޓީ ވޯ ރިލީޒްކުރާ ތާރީހު ވެސް މިހާރު ވަނީ އަވަސް ކޮށްފަ އެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި އެ ފިލްމު ރިލީޒްކުރުމަށް ކުރިން ހަމަޖައްސާފައި އޮތީ މެއި ހަތަރެއްގަ އެވެ. ނަމަވެސް މިހާރު ފިލްމު ރިލީޒްކުރާ ތާރީހު އަންނަ އޭޕްރީލް 27 އަށް ވަނީ ބަދަލުކޮށްފަ އެވެ.