ތާރީހު

ފުރަތަމަ ޕޭޝަންޓް: ޓްރީޓޮޕްގެ ފަރުވާ ފުރިހަމަ!

ރާއްޖޭގައި ބޮޑު ދެ ހޮސްޕިޓަލެއް އެބަހުއްޓެވެ. އެއީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި އޭޑީކޭ ހޮސްޕިޓަލެވެ. މި ދެ ހޮސްޕިޓަލު ހުޅުވިގެން އައި ގޮތާއި، ހޮސްޕިޓަލް ހުޅުވީ ކޮންއިރު ކޮން ބައެއްކަން ތާރީހުން އެނގެން އެބައޮތެވެ. ނަމަވެސް މި ދެ ހޮސްޕިޓަލުން ވެސް އެންމެ ފުރަތަމަ ފަރުވާ ހޯދީ ކާކުކަމެއް އެނގޭ ހެނެއް ހީއެއް ނުވެއެވެ. އޭގެ ކުރިން އޭޑީކޭގެ އިމާރާތުގައި ހިންގި ގަވަރުމެންޓް ހޮސްޕިޓަލާއި ސެންޓްރަލް ހޮސްޕިޓަލުން ފުރަތަމަ ފަރުވާހޯދި މީހާއަކީ ކޮބައިކަން އަމުދުން އެނގެން އޮތްހެނެއް ހީއެއް ނުވެއެވެ.

އަނެއްކާވެސް ރާއްޖޭގައި މި ވަނީ ބޮޑު ހޮސްޕިޓަލެއް ހުޅުވާފަ އެވެ. މިފަހަރު އެންމެ މަތީފެންވަރުގެ ހިދުމަތާއެކު ބައިނަލްއަގުވާމީ ފެންވަރުގެ ފަސްތަރީގެ ހޮސްޓަލެކެވެ. މިއީއަކީ އާދައިގެ ތަނެއް ނޫނެވެ. ހުޅުމާލޭގައި ހުޅުވި "ޓްރީޓޮޕް" ހޮސްޕިޓަލް މިހާރު ވަނީ އާންމުކޮށް ހިދުމަތް ދޭން ހުޅުވާލައި ހިދުމަތް ފަށާފަ އެވެ. ރާއްޖޭގެ ބޮޑު އެއްވެސް ހޮސްޕިޓަލަކުން އެންމެ ފުރަތަމަ ހިދުމަތް ހޯދީ ކާކުން އެނގެން ނެތްއިރު، ތާރީހާށްޓަކައި މި ހޮސްޕިޓަލުން އެންމެ ފުރަތަމަ ފަރުވާ ހޯދި މީހާގެ ވާހަކަ މިފަހަރު ރައްކާކުރަން ވާނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން އެންމެ ފުރަތަމަ ފަރުވާ ހޯދީ މީހަކީ ބ. އޭދަފުއްޓަށް އުފަން އުމުރުން 73 އަހަރުގެ އަބްދުލް ލަތީފެވެ. ލަތީފު އެ ހޮސްޕިޓަލަށް ދިޔައީ އުނަގަނޑުގައި ރިއްސާތީ ސްޕެޝަލިސްޓަކަށް ދެއްކުމަށެވެ. އޭނާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އޭނާއަށް ކުރެވުނު ފުރަތަމަ ތަޖުރިބާ ހިއްސާކޮށްފަ އެވެ.

އޭނާ ބުނި ގޮތުގައި ޓްރީ ޓޮޕްގައި ފަރުވާ ހޯދި ފުރަތަމަ މީހާއަށް އޭނާ ވެގެން ހާއްސަ ކަމެއް އޭނާއަކަށް ނެތެވެ. އެކަމަކު އެކަމަކު އެއީ ލިޔެވޭނެ ތާރީހަކަށް ވުމުން ހަނދާނެއްގެ ގޮތުގައި އޮންނާނެ އެވެ.

"ޑޮކްޓަރުންގެ ކަންކަން ދިޔަ ގޮތަކާއި ހޮސްޕިޓަލުގެ ހިދުމަތާއި މެދު ވަރަށް ހިތްހަމަޖެހޭ. އެހެން ހޮސްޕިޓަލުތަކާއި އަޅާ ނުކިޔޭ ވަރަށް ރަނގަޅު،" އޭނާ ބުންޏެވެ. "މި ރިހުމާ ގުޅިގެން ދެ ތިން ހޮސްޕިޓަލަކަށް ދެއްކިއްޖެ މިހާރު. އެހެން ހޮސްޕިޓަލުތަކުގެ ޑޮކްޓަރުން ދެއްވި ޖަވާބާއި މިތަނުން ބެއްލެވި ޑޮކްޓަރު ދެއްވި ޖަވާބުވެސް ތަފާތު، އަދި އަހަރެން ބެލި ގޮތްވެސް ތަފާތު. ޑޮކްޓަރުވެސް ވަރަށް އޯގާތެރި، މީ ކިހިނެއްވާ ކަމެއްކަމާއި ރަނގަޅުވުމަށް ކުރަންވީ ކޮންކޮން ކަމެއްކަން ވަރަށް ތަފްސީލުކޮށް ކިޔައިދިން. ވަރަށް ފެންވަރުގައި ތަފާތު ހިދުމަތެއް އަދާކުރީ،"

މަތީފެންވަރުގެ ހޮސްޕިޓަލަކަށް ވުމުން ލަތީފު ޑޮކްޓަރަށް ދިޔައީ އޭނާގެ މައި ބަދައަށް ވެެފައި ހުރި ގޮތެއް ބަލާލާށެވެ. ޓްރީޓޮޕްގެ ޑޮކްޓަރުންނަށް ދެއްކުމުން އޭނާއަށް ނަގަން ޖެހުނީ އެކްސްރޭ އެކެވެ. އެއީ މައި ބަދައަށްވެފައިހުރި ގޮތެއް ބަލާށެވެ.

"އެކްސްރޭ ނަގާފައި ޑޮކްޓަރު ވިދާޅުވީ މައިބަދައަށް ކުޑަކުޑަ ގެއްލުމެއްވެފަހުރި ކަމަށް،" އާއިލާއާއެކު މާލޭގައި ދިރިއުޅެމުންދާ ލަތީފު ބުންޏެވެ. "ދެން އެންގީ ފިޒީއޯ ތެރެޕީ ހަދަން. އަދި ގިނައިން ކަސްރަތުކުރަން އިރުޝާދު ދެއްވީ. ވަރަށް ރީއްޗަށް ސާފުވާ ގޮތަށް ކުރިޔަށް ދިޔައީ ވަރަށް ހިތްހަމަޖެހުނު މިއީ ރާއްޖޭގެ ހޮސްޕިޓަލަކުން އަޅުގަނޑަށް ލިބުނު އެންމެ ފުރިހަމަ ހިދުމަތް،"