ބޮލީވުޑް

ހަފުތާއަކަށް ނުނިދާ ހުންނަން ވަރުން އަށް އެންގި!

ޑައިރެކްޓަރު ޝޫޖިތް ސިރްކާރު ގެނެސްދޭން ތައްޔާރުވަމުން އަންނަ އަސަރުގަދަ ޖަޒުބާތުތަކެއް ހިމެނޭ ލޯބީގެ ފިލްމު "އޮކްޓޯބާ" ގެ ކާސްޓުން، ފިލްމުގައި އަދާކުރާ ރޯލު ފުރިހަމައަށް ދައްކައި ދިނުމަށްޓަކައި އެމީހުން ލައްވާ ވަނީ ގިނަ މަސައްކަތްތަކެއް ކުރުވާފަ އެވެ. އެގޮތުން އެ ފިލްމުގެ ބަތޮލު، ވަރުން ދާވަންއަށް ވަނީ ފިލްމުގައި އޭނާ ކުޅެންޖެހޭ މަންޒަރަކަށް ފައްކާވުމަށް ހަފުތާއެއް ވަންދެން ނުނިދާ ހުންނަން ވެސް އަންގާފަ އެވެ.

އެ މަންޒަރު ނަގަން ވަރުން ހުންނަޖެހެނީ ވަރަށް ބޮޑަށް ގައިގެ ބާރު ކެނޑި ދެރަވެފައި ހުންނަ މީހެއްގެ ގޮތަށެވެ. ސުޖީތްގެ ފިލްމުތަކުގައި އެކްޓަރުންގެ ފަރާތުން ނެޗުރަލް ލުކްއެއް ނެރެން އެނާ އަބަދުވެސް މަސައްކަތްކުރެ އެވެ.

ގިނަ ފަހަރަށް އޭނާގެ ފިލްމުތަކުގައި އެކްޓަރުން މޭކަޕް ވެސް ބޭނުންކޮށްފައެއް ނުހުރެ އެވެ. ހަފުތާއެއް ވަންދެން ނުނިދާ ހުންނަން ވަރުންނަށް އެންގީ އެ ލުކް ނެރުމަށް ކަމަށް ވެސް ސުޖީތް ބުނެފައިވެ އެވެ. ވަރުން ނިދަން ބޭނުން ވިޔަސް ގަޑިއެއްހާއިރަށްވުރެ އިތުރަށް ނުނިދުމަށް ވެސް އަންގާފައިވެ އެވެ.

"އެކްޓަރުން ލައްވާ މިގޮތަށް ކުރީގެ ފިލްމުތަކުގައި ވެސް މަސައްކަތްކު ކުރުވާފައި ހުންނާނެ. ވަރުން އަށް ނުނިދާ ހުންނަން އެންގީ މިފަހަރު ނަގަންޖެހުނު ސީންއެއްގައި އޭނާއަކީ ވަރަށް ހިތްދަތިވެފައިހުރި، ވަރުބަލި އަދި ފުން ޖަރުބާތުތަކެއްގައި ގެނބިފައިވާ މީހަކަށް ވާންޖެހޭތީ." ފިލްމު "ޕިންކް" ފަދަ ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓުކޮށްފައިވާ ޝުޖީތު ބުންޏެވެ.

އެ ފިލްމުގެ އޮފިޝަލް ޓްރެއިލާ މި ހަފްތާ ތެރޭގައި އާންމުކުރާނެ އެވެ. ފިލްމު ޕްރޮޑިއުސްކުރީ ރޯނީ ލަހިރީ އާއި ޝީލް ކުމާރް އެވެ. ފިލްމުގައި ލީޑު ރޯލުން ވަރުންނާއެކު ފެނިގެންދާނީ ބަނީތާ ސަންދޫ އެވެ. ފިލްމު ރިލީޒްކުރާނީ އަންނަ މަހު 21 ގަ އެވެ.