ބަލި ނުވެ 13 މެޗު ފުރިހަމަކޮށް 14 ވަނަ މެޗާ ކުރިމަތިލި އޭސީ މިލާންގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޔޫރޮޕާ ލީގްގެ ކްއާޓާ ފައިނަލާ ވަރަށް ގާތަށް އާސެނަލް ޖެހިލައިފެވެ.
ބާސެލޯނާ އަތުން 1-0 ން ބަލިވި ހިތްދަތި ނަތީޖާ އަށްފަހު، އެތުލެޓިކޯ މެޑްރިޑްވެސް ވަނީ ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯއާ ދެކޮޅަށް ކުޅުނު މެޗު 3-0 ން ކާމިޔާބު ކޮށްފަ އެވެ. އެހެން ނަމަވެސް އަމިއްލަ ދަނޑުގައި އޮސްޓްރިއާގެ ސަލްސްބާގް އާ ދެކޮޅަށް ކުޅުނު ބުރޫޝިއާ ޑޯޓަމުންޑް ވީ 2-1 ބައްޔެވެ.
މިލާންގެ މަޝްހޫރު ސެންސީރޯ ސްޓޭޑިއަމްގައި އޭސީ މިލާން އާ ދެކޮޅަށް ކުޅުން އާސެނަލް މިލާނަށް އައީ ޑޮމެސްޓިކް މުބާރާތްތަކުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ބަލިވި ކަމުގެ ހިތްދަތި ނަތީޖާ ތަކާއެކު އެވެ.
ނަމަވެސް މެޗުގެ 15 ވަނަ މިނެޓްގައި، އާސެނަލްއިން ވަނ އިޓަލީގެ އުންމީދީ ކީޕަރު ޖިއާންލުއީޖީ ޑޮނަރުންމާ ބަލަހައްޓަމުން ދިޔަ މިލާންގެ ގޯލް ހުޅުވާފަ އެވެ. މެސްޓް އޮޒިލް ތަނަވަސް ކޮށްދިން ފުރުސަތަކުން އާސެނަލްގެ ލަނޑު ކާމިޔާބު ކުރީ ހެންރިކް މިހިތާރިޔަން އެވެ. އާސެނަލްގެ ދެ ވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައެވެ. މިފަހަރުވެސް އެ ގޯލް ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އޮޒިލްއެވެ. އޭނާ ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އާސެނަލްގެ ދެ ވަނަ ލަނޑު އާރޮން ރަމްސީ ކާމިޔާބު ކުރީ ކީޕަރު ޑޮނަރުންމާވެސް ކަޓުވާލަުމަށް ފަހު އެވެ.
އެތުލެޓިކޯގެ ދަނޑުގައި ލޮކޮމޯޓިވް މޮސްކާ އާ ދެކޮޅަށް ކުޅުނު މެޗުގައި އެތުލެޓިކޯގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޒުވާން ކުޅުންތެރިޔާ ސައުލް އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 22 ވަނަ މިނެޓްގައެވެ. ދެ ވަނަ ހާފު ފެށުނު ތަނުން އެތުލެޓިކޯގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ޑިއޭގޯ ކޮސްޓާ އެވެ. ތިން ވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ ކޯކް އެވެ.
ޑޯޓަމުންޑްގެ ދަނޑުގައި ކުޅުނު މެޗު ފުރަތަމަ ހާފު ނިމުނީ ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. ސަލްސްބާގުން ވަނީ ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ލީޑް ނަގާފަ އެވެ. އެ ޓީމަށް ލީޑް ނަގައިދިނީ ވެލަން ބެރީޝާ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑުވެސް ކާމިޔާބު ކުރީ އެނާ އެވެ. ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ 56 ވަނަ މިނެޓްގަ އެވެ. މެޗުގެ 62 ވަނަ މިނެޓްގައި ޑޯޓަމުންޑްގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ އަންޑްރޭ ޝިއުލާ އެވެ.