ގިނަ ރެސްޓޯރަންޓުތައް ހިމެނޭ ގޮތަށް ރަސްފަންނުގައި ތަރައްގީ ކުރަން ފަށައި ގިނަ ދުވަސްވެފައިވާ ޕެވިލިއަންގެ މަސައްކަތް ނިންމާ އަންނަ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕެވިލިއަން ހެދުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އަދި އަންނަ މަސް ނިމުމުގެ ކުރިން ހުޅުވާނެ ކަމުގެ ޔަގީންކަން އެ ތަން ހަދަމުން އަންނަ ފަރާތްތަކުން ޔަގީންކަން ދޭ ކަމަށެވެ.
އަންނަ މަހުގެ ތެރޭގައި ޕެވިލިއަން ހުޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އިރު، ހައުސިން މިނިސްޓްރީން ފުރަތަމަ ނިންމާފައި ވަނީ ރަސްފަންނު ހުޅުވާތާ ހަ މަސް ފަހުން ޕެވީލިއަންގެ މަސައްކަތް ނިންމާ ހުޅުވުމަށެވެ. ނަމަވެސް 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަސްފަންނު ހުޅުވި އިރު މިއަދާ ހަމަޔަށް އައިއިރު އެކި މައްސަލަތައް ދިމާވެގެން ޕެވިލިއަންގެ މަސައްކަތް އައީ ފަސްވަމުންނެވެ.
ރަސްފަންނުގެ މޫދަށް ގޮތަށް ތިން ފްލޯއަށް ހަދާފައިވާ ޕެވީލިއަން ހުޅުވާއިރު ފްރެންޗައިޒް ރެސްޓޯރަންޓުތަކެއް ވެސް ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެގޮތުން މިހާރު ވެސް އެތަނުގައި ވަނީ އޮސްޓްރޭލިއާގެ މަޝްހޫރު ކޮފީ ރެސްޓޯރަންޓެއް ކަމަށްވާ "ގްލޯރިއާ ޖިންސް ކޮފީ"ގެ ބޯޑުތައް ބަހައްޓައިފަ އެވެ. ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ޕެވިލިއަން ހަދާ ނިމޭ އިރު ފަސްޓް ފްލޯގައި ކެފޭ އޭރިއާއެއް ހަދާނެ ކަމަށާއި އަދި ތިރީގައި ފަސް ފާހަނަ ހިމެނޭ ގޮތަށް އިންޑޯ ޝަވާ އޭރިއާއަކާއި އާމުން އިށީންނާނެ ޖާގަތަކެއް ވެސް ގާއިމް ކުރާ ކަމަށެވެ.