މީހުން

ހަލާކުވަމުންދިޔަ ކެމެރާއިން ނެގުނީ ހިތްވަރެއް!

ހަނދާނުގައި ހުންނަނީ ފޮޓޯއެއް ނަގަން ގޮސް ޑީއެސްއެލްއާރް ކެމެރާއެއް ހުޅުވަން ނޭނގުމުން ބަޔަކު މަލާމަތްކުރި ދުވަހެވެ؛ އެކަމަކު ފޮޓޯ ނަގަން އުޅޭ ވަރުންނާއި އެކަމުގެ ޝައުގުވެރިކަން ހުންނާތީ އޭނާގެ ބައްޕަ ދެ ފަހަރެއްގެ މަތިން އޭނާއަށް ކެމެރާއެއް ހޯދައިދިނެވެ. އެ ދެ ފަހަރުމެ ގެނެސްދިން ދެ ކެމެރާވެސް މައްސަލަތަކެއް ޖެހިގެން ހަލާކުވީ އެވެ. އެއީ ލ. ފޮނަދޫއަށް އުފަން، އަހްމަދު ސާމިހު 19، އެވެ. ދެ ކެމެރާ ހަލާކުވި ހިސާބުން ސާމިހުގެ ހިތްވަރު އެލެން ދިޔައެވެ. ނަމަވެސް ފޮޓޯ ނަގަން ހުންނަ ޝައުގުވެރި ކަމާއި ކެމެރާދެކެވާ ލޯބީގައި އޭނާ އުއްމީދު ކަނޑައެއްނުލައި ހިފެހެއްޓި އެވެ. ހިތުގައި މޮޅު ފޮޓޯގްރާފަރަކަށް ވުމުގެ އާ މަންޒަރެއް ކުރެހި ހިތްވަރު އާކުރި އެވެ. މިއަދު އޭނާއަށް ކާމިޔާބީއެއް ހޯދިފައިވާނަމަ އޭގެ ސިއްރަކީ ޝައުގުވެރި ކަމެވެ. އަދި ހަލާކުވަމުން ދިޔަ ކެމެރާތަކުން އޭނާއަށް ލިބުނު ގަދަ ހިތްވަރެވެ.

މި ފޮޓޯގްރާފަރުގެ ވާހަކައިގައި ސާމިހްއޭ ބުނުމުން ފަހަރުގައި ނޭނގިދާނެ އެވެ. ގިނަ މީހުން އޭނާ ދަންނަ ނަމަކީ ޒައީމެވެ. "އެއްކަލަ ފޮޓޯ ނަގާ ޒައީމެ" ވެ.

ޒައީމަށް އޭނާގެ ބައްޕަ އެންމެ ފުރަތަމަ ކެމެރާއެއް ގަނެދިނީ އޭނާ ސްކޫލްގެ ދަށް ގްރޭޑެއްގައި ކިޔަވަނިކޮށެވެ. އެއީ ވަރަށް އާދައިގެ ޑިޖިޓަލް ކެމެރާއެކެވެ. އެ ކެމެރާއިން އޭނާ އެންމެ ފުރަތަމަ ޝޫޓުކުރީ ތިމާގެ ކުއްޖެއްގެ އުފައްދުވަހުގައި ބޭއްވި ޕާޓީއެއްގަ އެވެ. އޭގެ ފަހުންސުކޫލުގައި ބޭއްވި ބައެއް އިވެންޓުތަކުގައި ވެސް އޭނާ ފޮޓޯނެގި އެވެ.

މިހާރު އިރާދަކުރެއްވިޔާ މިހުރީ އޭރު ޑީއެސްއެލްއާރް ކެމެރާއައި ކުޅެން ނޭނގުމުން މަލާމަތްކުރި މީހުންގެ އަތްފޯރާ ހިސާބަށްވުރެ ވެސް ކުރީގައި،
އަހުމަދު ސާމިހު

"ކެމެރާއެއް ބޭނުންކޮށްލަން އަލަށް ލިބުނު ފަހަރު އެއީ. އެ ކެމެރާ ހަލާކުވީ އޭގެ ކާޑު ލައްވާ ބަޔަށް މައްސަލައެއް ޖެހިގެން،"

އަލަށް ލިބުނު ކެމެރާ ހަލާކުވުމުން ދެރަވެފައި ހުއްޓާ އަނެއްކާވެސް ޒައީމަށް ބައްޕަ އާ ކެމެރާއެއް ހޯދައިދިނެވެ. އެފަހަރުވެސް ހަމަ ޑިޖިޓަލް ކެމެރާއެކެވެ. އެ ކެމެރާއިން އޭނާ ނަގާ އުޅުނީ މެކްރޯ ފޮޓޯތަކެވެ. ގުރޭޑް ހަތެއްގައި އުޅެނިކޮށް ލިބުނު އެ ކެމެރާ ހަލާކުވީ އޭގެ ބެޓެރީފެ މައްސަލަތަކެއް ޖެހިގެންނެވެ.

ގުރޭޑް ނުވައެއްގައި ކިޔަވަނިކޮށް އާއިލާގެ މެންބަރަކު އަނެއްކާވެސް ޒައީމަށް އާ ކެމެރާއެއް ހޯދާދިނެވެ. އެ ކެމެރާ ދޫކޮށްލީ ރަށުގައި އެ އަހަރު އީދު ފަހަގަކުރަން ބޭއްވި ހަރަކާތްތައް ޝޫޓުކުރަން އުޅެނިކޮށް ކެމެރާގެ ލެންސް ހަލާކުވި ހިސާބުންނެވެ.

"އެހިސާބުން ދެން ވަރަށް ބޮޑަށް ހިތްވަރު އެލުނު. އެކަމަކު އޭރުވެސް ހިޔާލަށް އާދޭ ފޮޓޯ ނަގާނެ ސަޅި ގޮތްގޮތް. އެ ހިޔާލު އަޔަސް ރަނގަޅު ކެމެރާއެއް އަތުގައި ނެތުމުން އެ ހިޔާލުތަކަށް ފޮޓޯ ނެގޭނެ ގޮތެއް ނުވި."

ކެމެރާ ހަލާކުވުމުން ހިތްވަރު އެލިފައި ހުއްޓާ ދާއިރާއިން ކުރިއަށް ދިއުމަށް ޒައީމަށް އާ އުއްމީދެއް ލިބުނީ ރަށުގައި ފޮޓޯގްރަފީގެ މަސައްކަތް ކުރަމުން އައި މީހެއްގެ ފަރާތުންނެވެ. އެއީ 2015 ވަނަ އަހަރެވެ.

"ރަށުގެ ފޮޓޯގުރާފަރެއް ފުރުސަތެއް ދިނީ އޭނާގެ ކެމެރާ ބޭނުން ކޮށްގެން ދެ މީހުނަށް ވެސް ފައިދާވާގޮތަށް ފޮޓޯ ޝޫޓުތައް ނަގަން. އެގޮތުން އަމިއްލައަށް އެންމެ ފުރަތަމަ ކައިވެނި ހަފްލާއެއް ޝޫޓުކުރީ. އެއީ މި ދާއިރާގެ ފުރަތަމަ ތަޖުރިބާ. އެނާގެ ކެމެރާ ބޭނުން ކޮށްގެން އައުޓްޑޯ ފޮޓޯ ޝޫޓުތައް ކުރީ،" ފުރަތަމަ ތަޖުރިބާ ރަނގަޅަށް ދިއުމުން އުއްމީދު އާވި ކަމަށް ޒައީމް ބުންޏެވެ.

"އޭނާގެ އެ ކެމެރާވެސް ވީ ގޮތަކީ ކެމެރާގެ ޝަޓާ އިނީ މައްސަލަޖެހިފަ. އެހެންވެ ފޮޓޯ ނަގާއިރު ވަރަށް އުނދަގޫތަކާއި ކުރިމަތިވި. ބޭނުންވާ ގޮތަށް ފޮޓޯ އެހާ ރީއްޗަކަށް ނުއެއް ނެގުނު. ވަރަށް ވިސްނައިގެން އެ ނަގަން ބޭނުންވާ އެއްޗެއް ނަގަން ޖެހުނީ،"

މައްސަލަތެކެއް ހުރިނަމަވެސް އެ ކެމަރާއަކީ ޒައީމަށް ލައްވާލި ބޮޑު ނަސީބެކެވެ. އެ ކެމެރާއިން އޭނާ ނެގި ފޮޓޯއެއް ޔުނިސެފުން، 18 އަހަރުން ދަށުގެ ފޮޓޯގުރާފަރުގެ ހުނަރު ދައްކާލަން ހިންގި "ތްރޫ މައި އައިސް" ކެމްޕެއިންގައި ފޮނުވި އެވެ. އެ ފޮޓޯވަނީ ޔުނިސެފް މޯލްޑިވްސް އަދި ޔުނިސެފް ސައުތް އޭޝިއާ ފޭސްބުކް ޕޭޖުގައި ފީޗާކޮށްފަ އެވެ. ޒައީމް ނެގި ކުޑަ އަންހެން ކުއްޖެއްގެ އެ ފޮޓޯގަނޑު "ތްރޫ މައި އައިސް" ކެމްޕެއިން ޕްރޮމޯޓް ކުރުމަށް ވެސް ޔުނިސެފުން ހިފި އެވެ.

ޔުނިސެފްގައި ފީޗާކުރި ޒައީމް ނެގި ފޮޓޯ.

އެ ކާމިޔާބީއަށްފަހު ޒައީމްގެ ޝައުގުވެރިކަން އިތުރުވި އެވެ. އަދި މަންޒަރު ދުށް އޭނާގެ ބޭބެ މިދިޔަ އަހަރު އޭނާއަށް އާ ކެމެރާއެއް ހޯދައިދިނެވެ. ބޭބެ އެކަން ކުރީ އެ ދާއިރާގައި ޒައީމަށް މަސައްކަތްކުރެވޭނެ ކަމާއި ކުރިއަށް ދެވޭނެކަން ފާހަގަ ކުރެވިގެނެވެ.

"މިހާރު 'ޒައީމްފޮޓޯސް' ނަމުގައި އެ ކެމެރާ ބޭނުންކޮށްގެން ފޮޓޯ ޝޫޓުތައް ނަގައިދެމުން މި ދަނީ. ބޮޑަށް އައުޓްޑޯ ފޮޓޯ ޝޫޓުތައް ނަގާ އުޅެނީ." ކިޔަވަމުން ފޮޓޯގުރާފީގެ މަސައްކަތް ކުރަމުން އަންނަ ޒައީމް ބުންޏެވެ.

"ކުރާ ހިތްވާ ކަމެއްވީމަ ކޮންސެޕްޓުތަކަށް ވެސް ފޮޓޯ ނަގާ އުޅެން. އުޅޭނެ މިހާރުވެސް މީހުންނާ ރައްޓެހިވާން ނޫނީ އިންނަން އަހަން މީހުންކުރާ ޕްރޮޕޯޒަލްތަކުގެ އަދި ޑިޕްރެޝަންނަށް ހާއްސަކޮށް ނަގާފައިވާ ކޮންސެޕްޓް ފޮޓޯތަކެއް. ޓްރެޑިޝަނަލް ކޮންސެޕްޓުތައް ކަހަލަ އިތުރު އެހެން ކޮންސެޕްޓްތައްވެސް ޓްރައިކުރަން އެބަ މަސައްކަތްކުރަން." އެނާ ބުންޏެވެ.

ފޮޓޯ ނެގުމުގެ އިތުރަށް ގްރެފިކް ޑިޒައިނިންއަށް ޝައުގު ހުންނާތީ އެ މަސައްކަތް ވެސް ޒައީމް ކުރެ އެވެ. އެ ގޮތުން ބައެއް އިވެންޓްތަކުގެ ބެކްޑްރޮޕްގެ މަސައްކަތްވެސް ކޮށްފައި ވެއެވެ.

މިހާތަނަށް ނެގި ފޮޓޯތަކުގެ ތެރެއިން ޒައީމަށް ވަރަށް ހާއްސަ ފޮޓޯއެއްވެސް އެބައިނެވެ. އެ ފޮޓޯއަކީ އެނާ ވަރަށް ލޯބިވާ ކުއްޖެއް ދިން އައިޑީއާއަކަށް އޭނާގެ އަމިއްލަ ހިޔާލަށް ނެގި ފޮޓޯއެކެވެ. އެ ފޮޓޯ ވަނީ "ވިޒިޓް މޯލްޑިވްސް" ގެ ފޭސްބުކް ޕޭޖުގައި ވެސް ފީޗާކޮށްފަ އެވެ. އެ ފޮޓޯގައި ފެންނަނީ ގޮނޑުދޮށުގައި ހުރި ރުކެއްގައި އެލުވާފައިހުރި "ހެމޮކް" އުންދޯޔެއްގައި ތޮއްޕެއް ބައިންދާފައި އިންނަ ހިތްގައިމު މަންޒަރެވެ.

ލޯބިވާ ކުއްޖެއްގެ ދިން އައިޑިއާއަކަށް ޒައީމް ނެގި ފޮޓޯ.

ޒާއީމް މި ދާއިރާގައި ކުރިއަށް ދިއުމަށް އެންމެ ބޮޑު އިންސްޕިރޭޝަނެއްގެ ގޮތުގައި ދެކެނީ މަޝްހޫރު ފޮޓޯގުރާފާ ސޮއްޓި އެވެ. ސޮއްޓިއަކީ މިހާރު އޭނާގެ ގާތް ރަހުމަތްތެރިޔާއަށް ވެސް ވަނީ ވެފައެވެ. ކުރިއަށް ދިއުމުގައި ދެން ޒައީމަށް އެންމެ ބޮޑު ހިތްވަރެއް ދެނީ އާއިލާއާ ރަހުމަތްތެރިންނެވެ.

"މިހާރު އެންމެ ބޮޑު އެހީތެރިކަމެއްދޭ އެކަކަށް ވާނީ ސޮއްޓި. މިދާއިރާގެ އަޅުގަނޑު ކުރާ ކޮންމެ މަސައްކަތެއްގައި ވެސް އޭނާގެ އެހީތެރިކަން ލިބޭ. ކެމެރާ އެއްޗިހި ގަންނައިރު އާއި ފޮޓޯ ޝޫޓުތައް ނަގާއިރުވެސް އޭނާގެ ހިޔާލު ލިބޭ." އޭނާ ބުންޏެވެ. "މަންމައާއި ބައްޕަގެ ފަރާތުން ވަރަށް ބޮޑު ހިތްވަރެއް ލިބޭ. އަދި އާއިލާގެ ގިނަ މެމްބަރުންގެ ފަރާތުންވެސް."

"ރަހުމަތްތެރިންނަށް ބަލާނަމަ އެމީހުނަކީ މިހާ ހިސާބަށް އާދެވުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރި ބައެއް. ނުޖެހޭނެ ކަމެއް ބޭނުންވެއޭ ބުނާކަށްވެސް، ހަމަ ކޮންސެޕްޓެއް އެއްޗެއް ރާވާލާއިރަށް ފޮޓޯ ނަގަން ބޭނުންވާ މޮޑެލް އާއި ތަނާއި އިތުރު އެއްޗެހި ވެސް އެމީހުން ހަމަޖައްސައިދޭނެ. ގިނަ ފަހަރަށް ހީވޭ މިއީ އެމީހުންގެ އަމިއްލަ ކަމެއްހެންވެސް."

ޒައީމްފޮޓޯސްގެ އޮފިޝަލް ފޭސްބުކް ޕޭޖް.

ކެމެރާ ހަލާކުވަމުން އައި ދުވަސްތަކާއި ފެށި އިރު ކެމެރާއާ ކުޅެން ނޭނިގެން މީހުން މަލާމާތް ކުރި ދުވަސްތައް މާޒީވެގެން ދިޔައީބ އެވެ. މިހާރު ޒައީމްގެ އަތުގައި ރަނގަޅު ކެމެރާ އެބައޮތެވެ. އޭނާ ނަގާ ފޮޓޯތަކަށް މީހުން މަލާމާތެއް ނުކުރެއެވެ. ކުރަނީ ތައުރީފެވެ. ޝައުގުވެރިވި ދާއިރާއިން ރަނގަޅު ހިސާބަކަށް ދަތުރުކުރެވިއްޖެ އެވެ.