ކުޅިވަރު

ދެ ކޯޗުންގެ ގޭމް ޕްލޭންގެ ދިފާއުގައި ކްލޮޕް

ބޮޑެތި މެޗުތަކުގައި ބޭނުންކުރާ ވަރުގަދަ ޑިފެންސިވް ގޭމްޕްލޭންގެ ދިފާއިގައި ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ވާހަކަ ދައްކައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރާއްޖޭ ގަޑިން މިއަދު ހަވީރު 17:30 މެންޗެސްޓާ ޔުނައިޓަޑާ ލިވަޕޫލް ބައްދަލު ކުރާނެ އެވެ. މި ސީޒަންގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ އެންފީލްޑްގެ ދަނޑުގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ކްލޮޕް ބުނީ، ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓަޑް ކުޅުވާނެ ސްޓައިލް އެނގޭނީ އޭނާ އާއި މޮރީނިއޯއަށް ކަަމަށެވެ. ޔުނައިޓަޑުން ވަރުގަދަ ޑިފެންސިވް ޕްލޭނެއް ބޭނުން ކޮށްފިނަމަވެސް އެކަން ލިވަޕޫލަށް ބަލައި ގަނެވޭނެ ކަމަށް ކްލޮޕް ބުންނެވެ.

އޭނާ ބުނީ ޔުނައިޓަޑްގެ ދަނޑުގައި އޭނާގެ ޓީމުންވެސް ޑިފެންސް ކުރަން ޖެހޭ ހާލަތެއް އައިސްފާނެ ކަމަށާއި އެ ވަގުތު އޭނާގެ ޓީމުންވެސް ޑިފެންސް ކުރާނެ ކަމަށެވެ.

"މި ދެ ޓީމުގެ ކުރިމަތި ލުމަކީ ފިލޯސަފީ އާއި ގޭމް ސިސްޓަމްގެ ގެ ވާދަވެރިކަން ފެނިގެންދާނެ މެޗެއް ނޫން، އެއީ ވަރަށް ރަނގަޅު ދެ ޓީމު އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލާ މެޗެއް،" ކްލޮޕް ބުންޏެވެ. "ޔުނައިޓަޑް ހަމަލާ އުފައްދާއިރު އަަހަރެން އުންމީދު ކުރަނީ އަހަރެމެންގެ ހުރިހާ ކުޅުންތެރިންވެސް ދިފާއު ކުރަން މަސައްކަތް ކުރާނެ ކަމަށް، ކޮންމެވެސް މީހަކު އެއީ ފަހަތުގައި ބަސް ޕާކް ކުރުން ކަމަށް ބުނާނަމަ އެކަމުގައި އަހަރެންގެ މައްސަލައެއް ނެތް."

"އޭނާ ބުނީ އެއީ "ބަސް ޕާކު" ކުރުން ކަމަށް އޭނާ ނުކިޔާނެ ކަމަށާއި ޑިފެންސް ކުރުމަކީ އޭނާ އަށް މައްސަލައެއް ނޫން ކަަމަށެވެ.

"އެ ޓީމު ކުޅެނީ ތަފާތު ގޭމް ސްޓައިލެއް، އަހަރެމެން [ލިވަޕޫލް] ކުޅެނީ ތަފާތު ސްޓައިލެއް، ކޮންމެ ބަޔަކުވެސް ކުޅެނީ މޮޅުވާން، މޮޅުވުމަށް ޓަކައި ތަފާތު ސްޓައިލްގެ ގޭމް ޕްލޭން ކުޅޭ."

އޭނާ ބުނީ ޔުނައިޓަޑާ ލިވަޕޫލް ކުޅޭ އެ މަޗަކީ އޭނާ އަށް ސިފަ ކުރެވޭ އެންމެ ބޮޑު މެޗު ކަމަށެވެ.