ހޮލީވުޑް

ކްރިސްޓޮފާ ރޮބިންއަށް ލޯބި ލިބެނީ

ވޯލްޓް ޑިޒްނީ ޕިކްޗާސް އިން އެ ޕްރޮޑަކްޝަންގެ ޒަމާންވީ ކާޓޫނުތައް ލައިވް އެކްޝަން ފިލްމުތައް ގޮތުގައި އުފައްދާ ބޮޑު ތަރުހީބެއް އަންނަނީ ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު ނިކުތް ފިލްމު "ބިއުޓީ އެންޑް ދަ ބީސްޓް" އަދި އޭގެ ކުރީގެ އަހަރުތަކުގައި ނިކުތް "މެލިފިޝެންޓް" އާއި "ސިންދުރެއްލާ" އަދި "ދަ ޖަންގަލް ބުކް" އަކީ ފާހަގަކޮށްލެވޭ ފިލްމުތަކެވެ.

އެ އުސޫލުން މިއަހަރު ވަނީ "ވިންނީ ދަ ޕޫ" ކާޓޫން ލައިވް އެކްޝަން ފިލްމެއް ގޮތަށް ތައްޔާރުކޮށްގެން ގެނެސްދިނުމަށް ނިންމާފަ އެވެ. "ކްރިސްޓޮފާ ރޮބިން" ގެ ނަން ދީފައިވާ އެ ފިލްމުގެ ފުރަތަމަ ޓީޒާ ޕޯސްޓަރު މިހާރު ވަނީ އާންމުކޮށްފަ އެވެ. ފުރަތަމަ ޓީޒާއިންވެސް ޑިޒްނީގެ ފޭނުންގެ ހިތުން މި ފިލްމު ވަނީ ލޯބި ހޯދާފަ އެވެ.

މި ފިލްމުގެ ޓައިޓަލް ކެރެކްޓާ ކްރިސްޓޮޕާ ރޮބިންގެ ރޯލުން ފެނިގެންދާނީ އިވަން މެކްގްރާގަ އެވެ. ކާޓޫނާއި ހިލާފަށް ފިލްމުގައި ދައްކާނީ އޭނާ ބޮޑުވެފައި ހުއްޓަ އެވެ. ދެކޮޅު ނުޖެހޭ އާދައިގެ ދިރިއުޅުމެއް ވޭތުކުރަމުންދާ މީހެއްގެ ގޮތުގަ އެވެ. ކުޑައިރު ފޮނި އުއްމީދުތަކެއް ކުރަމުންއައި އަދި ޖަނަވާރުންނަށް ލޯބިކުރި ކްރިސްޓޮފާ ބޮޑުވުން އޭނާއަށް ހުންނަނީ ކުރިއަށްދާންވީ މަގު ގެއްލިފަ އެވެ.

އެ ކަންތައްގަނޑުގެ ތެރެއިން އޭނާ ކުޑައިރު އެންމެ ގާތް އެކުވެރިޔާ ޕޫ ބެއާ ނުވަތަ ވިންނީ ދަ ޕޫ އާއި ދިމާވާނީ އެވެ. ޓީޒާގައިވެސް އެ ދެމީހުން ދިމާވާތަން ދައްކާލަ އެވެ. ފިލްމުގައި ފެނިގެންދާނީ އޭނާގެ ދިރިއުޅުން ހަމައަކަށް އެޅުވުމަށް ޕޫގެ ފަރާތުން ލިބޭ އެހީތެރިކަމެވެ.

ކްރިސްޓޮފާ ރޯބިންގެ ޓީޒާ ޓްރެއިލާ.

ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ހޭލޭ އެޓްވެލް، ބްރޮންޓް ޝާމިކަލް އަދި މާކް ގެޓިސް ހިމެނެ އެވެ. ހޭލޭ އެޓްވެލް ފެނިގެންދާނީ ކްރިސްޓޮފާގެ އަނިބިމީހަގެ ރޯލުންނެވެ. ކްރިސްޓޮފާގެ ދަރިފުޅުގެ ރޯލުން ބްރޮންޓް ޝާމިކަލް ފެނިގެންދާނެއިރު، އޭނާގެ ބޮސްގެ ރޯލުން ފެނިގެންދާނީ މާކް ގެޓިސް އެވެ.

ފިލްމުގައި ފެނިގެންދާ އެނިމޭޓެޑް ކެރެޓާޒްތަކަށް އަޑު އަޅާދީފައިވާ މީހުންނަށް ބާލައިރު، ޕޫގެ ކެރެކްޓާއަށް އަޑުއަޅާފައި ވަނީ ޖިމް ކަމިންސް އެވެ. ޓައިގާ ކެރެކްޓާއަށް ކްރިސް އޯ ޑޯޑް އަޑު އަޅާފައިވާއިރު، އަޔޯރް ކެެރެކްޓާއަށް އަޑު އަޅާފައި ވަނީ ބްރެޑް ޖެރެޓް އެވެ. އޯލް އަށް އަޑުއެޅީ ޓޮބީ ޖޯނަސް އެވެ. ޕިގްލެޓް އަށް ނިކް މުހައްމަދު އަޑު އެޅިއިރު ރެބިޓްއަށް ޕީޓާ ކަޕްލްޑީ އަދި ކަންގާއަށް އަޑު އެޅީ ސޯފީ އޮކެންޑޯ އެވެ.

މި ފިލްމަކީ އެލެކްސް ރޮސް އަދި އެލިސަން ޝްރޯޑާގެ ސްކްރީންޕުލޭއަކަށް މާކް ފޯސްޓާ ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ. އޭ.އޭ މިލްނީ އުފެއްދި ކެރެކްޓާސްތަކާއެކު މި ފިލްމު ވާހަކަ ލިޔުނީ ޕެރީ އެވެ. ފިލްމު ޕްރޮޑުސަރުންގެ ތެރޭގައި ހިމެނެނީ ބްރިގްހަމް ޓެއިލާ، ކްރިސްޓިން ބުރް އަދި ރޭނީ ވުލްފީ އެވެ. އެގްޒެކެޓީވް ޕްރޮޑިއުސަރަކީ ޖެރެމީ ޖޯންސް އެވެ.

މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ އޮގަސްޓު މަހު ތިނަކުން ފަށައިގެންނެވެ.