ބޮލީވުޑް

ސަލްމާން މިއަހަރުވެސް ވަރަށް ބިޒީ

ބޮލީވުޑްގެ ތިން ހާނުންގެ ތެރެއިން އެންމެ އަވަދިނެތި އުޅޭ ބަތަލަކަށް ވާނީ ސަލްމާން ހާން އެވެ. ކުރިއަށް ހުރި އޭނާގެ ގިނަ ފިލްމުތަކަށް ބެލުންތެރިން ތިބީ ކެއްމަދުވެފަ އެވެ. ސަލްމާން ހާންގެ އެންމެފަހުން ނިކުތް ފިލްމު "ޓައިގާ ޒިންދާ ހޭ" އަދި "ބަޖްރަންގީ ބައިޖާން" މިހާރު އަންނަނީ އިންޓަނޭޝަނަލް މާކެޓުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ.

މިއަހަރު ދެއްކުމަށް އަދި ޔާގީންކޮށް ތާވަލުކުރެވިފައިވާ އޮތީ އޭނާގެ ފިލްމު "ރޭސް 3" އެކަންޏެވެ. މީގެ އިތުރުން "ބާރަތް"، "ދަބަންގް 3" އަދި "ކިކް 2" ގެ މަސައްކަތްވެސް އޭނާ މިހާރު ދަނީ ކުރަމުންނެވެ. މި ފިލްމުތައް ނިކުންނާނެ ދުވަހެއް އަދި ޔަގީންނުވި ނަމަވެސް ދަބަން 3 އަދި ކިކް 2 މިއަހަރު ތެރޭގައި ރިލީޒްކުރާނެ އެވެ.

ރޭސް 3 ރިލީޒްކުރާނީ އަންނަ ޖޫން 15 ގަ އެވެ. ކިކް 2 ގެ މިހާރު ކުރަމުންދަނީ ސްކްރިޕްޓުގެ މަސައްކަތެވެ. ރޭސް 3 ގެ މަސައްކަތް ނިމުމުން ސަލްމާން ދަބަންގް 3 ގެ ޝޫޓިން ފަށާފަނެ އެވެ. ބާރަތް ރީލީޒްކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އީދުގަ އެވެ.

ރިޕޯޓުތައް ބުނާގޮތުން ސަލްމާން މިއަހަރު މަދުގެގެން ދެ ފިލްމެއް ރިލީޒްކުރަން ބޭނުންވެ އެވެ. ދަބަންގު 3 ގެ ޑައިރެކްޓަރު އަރްބާޒް ހާން ވަނީ އެ ފިލްމު މިއަހަރު ނިކުންނާނެކަން ކަށަވަރުކޮށްދީފަ އެވެ. އޭނާގެ ހުރިހާ ވަގުތެއް އެ ފިލްމުގެ މަސައްކަތައް ހުސްކޮށްފައިވާކަމަށްވެސް ބުނެފައިވެ އެވެ.