ބޭރު ކުޅިވަރު

ލިވަޕޫލް ބަލިކޮށް ޔުނައިޓެޑު ދެވަނަ މަގާމުގައި ފަސް ޕޮއިންޓްގެ ލީޑެއް

މާކަސް ރަސްފޯޑް ކާމިޔާބުކޮށްދިން ދެލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑު އަމިއްލަ ދަނޑުގައި ލިވަޕޫލް 1-2 ބަލިކޮށްފި އެވެ. މިމޮޅާއެކު ޔުނައިޓެޑު ދެވަނަ މަގާމުގައި އޮތީ 65 ވަނަ ޕޮއިންޓާއެކު އެވެ. ތިން ވަނަ މަގާމުގައި ލިވަޕޫލް އޮތީ 60 ޕޮއިންޓާއެކު އެވެ.

މެޗަށް ޔުނައިޓެޑު ނިކުތް އިރު އަނިޔާގެ ސަބަބުން އެޓީމު ޕޯލް ޕޮގްބާ ނުކުޅެ އެވެ. މެޗުގެ ކުރިން މީޑިއާ އާއި ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު މޮރީނިއޯ ބުނީ ޕޮގްބާ އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ބުނަން ނޭގޭ ކަމަށެވެ. ފަހަކަށް އައިސް ޕޮގްބާ ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން އޭނާއަށް ވަނީ ވަރަށްއ ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު 14 ވަނަ މިނިޓުގައި ރަޝްފޯޑް ޖަހައިދިނީ ލުކާކޫ ބޮލުން ޖައްސާލި ބޯޅަ ހިފައިގެން ލިވަޕޫލް އޭރިއާ ތެރެއަށް ވަދެ ޑިފެންޑަރު އެލެކްސްޒެންޑާ އާނޯލްޑް ކާރިން ނައްޓާލުމަށްފަހު ގޯލްގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ލީޑު ނެގިތާ 10 މިނިޓު ފަހުން ރަޝްފޯޑް ދެވަނަ ލަނޑު ޖަހައިދީ ޔުނައިޓެޑަށް ލީޑު އިތުރަށް ފުޅާކޮށްދިނެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ރަޝްފޯޑް އެއްފަހަރުން ފޮނުވާލި ހަމަލާ ލިވަޕޫލް ޑިފެންޑަރު އާނޯލްޑް ފައިގައި ޖެހިފައި ވަނީ ގޯލްގެ ދުރު ކަނަށެވެ.

ފުރަތަމަ ހާފްގައި ޔުނައިޓެޑުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް ދެވަނަަ ހާފުގައި އެޓީމުގެ ފަރާތުން ފެނުނީ ވަރަށް ޑިފެންސިވް ކުޅުމެކެވެ. ލިވަޕޫލް ދެވަނަ ހާފްގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެ ކުޅުނު ނަމަވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދޭ ގޮތެއް ނުވި އެވެ.

ލިވަޕޫލް މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑަކީ ޔުނައިޓެޑުގެ ޑިފެންޑަރު އެރިކް ބައީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަރިމަތިން މާނޭ ނެގި ހުރަސް ސާފުކޮށްލަން ބައީ މަސައްކަތް ކުރި ބޯޅަ ގޯލްގެ ތެރެއަށް ވަނީ އޭނާގެ ފައިގައި ޖެހިފައި ކީޕަރު ޑެހެއާ އަތުގައިވެސް ޖެހިފަ އެވެ.

މިލަނޑާއެކު ލިވަޕޫލް އިތުރު ގޯލެއް ޖެހުމަށް މަސައްކަތް ކުރި ނަމަވެސް ޔުނައިޓެޑުގެ ކުޅުންތެރިން ވަނި ހުޝިއާރު ކަމާއެކު ޑިފެންސްކޮށްފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުރިއަށް އޮތީ އަންނަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގު ގަދަ 16 ގައި އަމިއްލަ ދަނޑުގައި ސްޕެއިންގެ ސެވިއްޔާ އާއި ދެކޮޅަށް ނިކުންނަ މެޗެވެ. ލިވަޕޫލްއަށް ކުރިއަށް އޮތީ ލީގުގައި ވޮޓްފޯޑް އާއި ދެކޮޅަށް ނިކުންނަ މެޗެވެ.