ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކޮންމެ ފިކުރެއްގައި ތިއްބެވި ނަމަވެސް ދައުލަތުގެ ބަޖެޓް ފާސްކޮށް ދިނުމަކީ ކޮށްދޭންޖެހޭ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ރ. އުނގޫފާރުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މަޖިލީހުން ބަޖެޓް ދިރާސާ ކުރާއިރު އެއަށް އިސްލާހުތަކެއް އައިސް މަޝްރޫއުތައް އިތުރު ވެސް އަންނާނެ ކަމަށާއި އަދި ބަޖެޓުން އުނިކުރަން ބޭނުންވާ މަޝްރޫއު ވެސް ހުންނާނެ ކަމަށެވެ. ނަމަވެސް މުޅި ބަޖެޓް ފާސްކުރަން ދެކޮޅު ހެދުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމާ ވަރަށް ގިނަ ދާއިރާތަކުގައި ބަޖެޓަށް ނޫނުކޭ ވިދާޅުވި ބޭފުޅުން، އެ ބޭފުޅުންގެ ދާއިރާގެ ބަޖެޓުގައި އެއްވެސް އެއްޗެއް ހިމަނަން ބޭނުންފުޅު ނުވަނީ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ." އިދިކޮޅު އެމްޑީޕީގެ ގިނަ މެމްބަރުން ބަޖެޓް ފާސްކުރަން ވޯޓު ދީފައިނުވާތީ އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ބައެއް މެމްބަރުން ބަޖެޓަށް ވޯޓު ނުދިން ނަމަވެސް މި ސަރުކާރަކީ ވަކި ފިކުރަކަށް ވީތީ ތަފާތު ކުރާނެ ސަރުކާރެއް ނޫން ކަމަށާއި އެހެންވެ ހުރިހާ ދާއިރާއެއްގެ ރައްޔިތުންނަށް ވެސް ބޭނުންވާ ކަންކަން ބަޖެޓުން ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުގެ އަމާޒަކީ ސިޔާސީ ކަންކަމުގައި ވަގުތުތަކެއް ބޭކާރުކޮށްލުން ނޫން ކަމަށާއި އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ހާސިލް ނުވެ ހުރި ކަންކަން ހާސިލްކޮށް ދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
މިރޭ ރައީސް ވަނީ އުނގޫފާރު ހޮސްޕިޓަލް ވެސް ހުޅުއްވައި ދެއްވައިފަ އެވެ. އަދި ވަރަށް އަވަހަށް އެރަށުގައި ޕޮލިސް ސްޓޭޝަނަކާއި ފުޓްސަލް އެރީނާއެއް ވެސް ގާއިމް ކުރެވިގެންދާނެ ކަމަށް ދައުލަތުގެ ބައެއް ވަޒީރުން ވެސް ބައިވެރިވެ ވަޑައިގަތް އެ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.